އެމްއެންޑީއެފްގެ އޮޑިޓް ރިޕޯޓުގައިވާ އެއްވެސް ޕްރޮޖެކްޓެއް ސިފްކޯއިން ނުހިންގަން: ސިފްކޯ

ދިވެހި ސިފައިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ އެއްވެސް ޕްރޮޖެކްޓެއް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހިންގާފައި ނުވާނެކަމަށް ސިފްކޯއިން ބުނެފިއެވެ.

ސިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ސިފްކޯގެ ފަރާތުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެކަމަށެވެ.

"...ދެންނެވުނު އޮޑިޓް ރިޕޯޓުގަ "ސިފްކޯ ގެ ނަން" ބަޔާންކުރެވިފައި އޮތް އޮތުން އިސްލާހުކޮށްދެއްވާފައިވާކަން އެންމެހާ ފަރާތްތަކުގެ މައުލުމާތަށްޓަކައި ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 21ވަނަ ދުވަހު އާންމުކުރި އެމްއެންޑީއެފްގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ޚިލާފަށް ސިފްކޯއަށް 25 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފައިވާކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ނުވަ ބުރީގެ އިމާރާތަށް ފަރުނީޗަރު ފޯރުކޮށްދިނުމާއި، ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގެ މަސައްކަތްކުރުމާއި،
އެމްއެންޑީއެފް ހުޅުލޭ ޕޯސްޓު ރީލޮކޭޓްކުރުން ހިމެނެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނީ ދީފައެވެ. ނަމަވެސް މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެކަމުގެ މައިގަނޑު ސަބަބަކީ ސިފްކޯގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ނުބަލާ މަސައްކަތް ހަވާލުކުރުން ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް