އުމުރު ދުވަހުގެ މަސައްކަތް އެކީ އަޅިއަށް، ޢާއިލާއިން އެދެނީ ދީލަތި އެހީއަކަށް!

ގއ. މާމެންދޫ ލޯންގްލައިފް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ލިބިފައި ގެއްލުންތައް -- ފޮޓޯ/ ޢާއިލާ

ގއ. މާމެންދޫގައި ކުޑަކުޑަ ޢާއިލާއެއްގެ އުފާފާގަތި ދިރިއުޅުން އެފުށްމިފުށަށްޖައިލީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެ މީހުން ދިރިއުޅެމުން އައި ގޭގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި އަދި އެހާމެ، ގެއްލުންބޮޑު ހާދިސާގައެވެ.

ތިން ކޮޓަރިއާއެކު ބަދިގެއަކާ ކާގެއެއް ހުންނަ އެ ރަށުގެ ލޯންގްލައިފް ކިޔާ ގޭގައި ދިރިއުޅެނީ ދެ އާއިލާއެކެވެ. މީގެ ތެރޭގައި ހިމެނެނީ އެ ކުދީންގެ މަންމަ އާއި ބައްޕަ، އަދި މަންމަ ފަރާތު ބޭބެގެ އިތުރުން އަންހެން ދަރިފުޅުގެ ފިރިމީހާ އާއި އެ ދެމަފިރިންގެ ހަތަރު އަހަރަށްދާ ފިރިހެން ދަރިފުޅެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ 1:30ހާއިރު އެ ގޭގައި އަލިފާން ރޯވިއިރު، މި ކުދީންގެ މަންމަ އާއި ބައްޕަ ވަނީ ބޭސްފަރުވާއަކަށް މާލެ ގޮހެވެ. އެހެންވެގެން ގޭގައި އެވަގުތު ނިދާން ތިބީ ހަތަރު އަހަރަށްދާ ފިރިހެން ކުއްޖާ، އާއި އެކުއްޖާގެ މަންމަ އާއި ބައްޕައެވެ.

ގއ. މާމެންދޫ ލޯންގްލައިފް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ/ ޢާއިލާ

މި ހާދިސާ ހިނގައިދިޔަ ގޮތް، "ސަން"އަށް ކިޔައިދެމުން އެ ޢާއިލާގެ މެންބަރަކު ބުނިގޮތުގައި އަލިފާންގަނޑު ނިންވާލިއިރު، ގޭގައި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

"ފުރަތަމަ ރޯވީ މީހުން ނޫޅޭ ކޮޓަރިއެއްގައި. ދެން އެ އަލިފާންގަނޑު މުޅި ގެއަށް ފެތުރިގަތީ. މި އަލިފާންގަނޑު ނިއްވާލެވުނު އިރު އަޅުގަނޑުމެން ލާން ގެންގުޅޭ އަންނައުނު ކޮޅަށް ދާންދެން އަދައިފި. އަނެއްހެން ބުނާ ނަމަ މިތިބީ އޮރިޔާން ހާލު ޖެހިފައި،" މިވަގުތުގެ ޙާލަތު ބަޔާންކޮށްދެމުން ޢާއިލާގެ މެންބަރު ކިޔައިދިނެވެ.

ގއ. މާމެންދޫ ލޯންގްލައިފް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ/ ޢާއިލާ

މި ހާދިސާގައި މީހެއްގެ ހަށިގަނޑަށް ހާނީއްކައެއް ނުވިއެއް ކަމަކު، ގޭގެ ވެރީންނަށް މާލީ ގޮތުންނާއި ނަފްސާނީގޮތުން ލިބުނު ގެއްލުންތައް، ގުނާ އަދަދު ނުކުރެވޭހާ ވެސް ގިނައެވެ.

ހަތަރު ގަޑިއިރު ތެރޭގައި ތިން މިލިއަން އަނދައި އަޅިއަށް

އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް ހިނގައިފި ދަނޑިވަޅެއްގައި މީހުންގެ މުދަލާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވުމުގެ ކުރީން އެ އަލިފާންގަނޑެއް ކޮންޓްރޯލް ކުރާނެ ވަސީލަތްތައް ވެސް އެހާމެ، މަދު ރަށެއްގައި، މި އަލިފާންގަނޑު ނިއްވައިލީ ރައްޔިތުން ނުކުމެގެން ކުރި ބުރަ މަސައްކަތުންނެވެ.

އެ ހާދިސާގައި ގެއަށް ލިބުނު ގެއްލުންތައް އެހާ ބޮޑުވީ ވެސް ދެ ގަޑިއެއްހާއިރު އަލިފާން ރޯވެފައި ހުރުމުންނެވެ.

"މި ހާދިސާގައި އަނދައި އަޅިއަށް ވެގެން އެ ދިޔައީ ހަމައެކަނި އިމާރާތެއް ނޫން. ގެއަށް ވައްދާފައި ހުރި ހުރިހާ އެއްޗެހި ވެސް ހުރީ އަޅިއަށް ވެފައި. މި ގެ އަލުން ނުހަދައި އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވޭނެ. އެހެންވީމަ ޢާއިލާއަށް މި ލިބުނު ގެއްލުން ތިނެއް ނޫނީ ހަތަރު މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވެނީ،" ގެއަށް ލިބިފައިވާ ގެއްލުންތައް އޭނާ ކިޔައިދިނެވެ.

ގއ. މާމެންދޫ ލޯންގްލައިފް ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ލިބިފައިވާ ގެއްލުންތައް -- ފޮޓޯ/ ޢާއިލާ

ޢާއިލާއިން ބުނާގޮތުގައި މިކަމުގައި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެ ކުދީންގެ ބައްޕައަކީ ހިތުގެ ބައިޕާސް ސާޖަރީއެއް ހަދާފައިވާ މީހަކަށް ވުމެވެ.

އެހެންކަމުން ދާދިފަހުން ވެސް އިތުރު އޮޕަރޭޝަނެއް ކުރާން ޖެހިގެން މާލޭގައި ގިނަ ދުވަސްތަކަކަށް، މަޑުކުރާން ޖެހުމުން ފަރުވާގެ ކަންކަމަށް ބޮޑެތި ޚަރަދުތަކެއް ދިޔުމެވެ.

މި ކުދީންގެ ބައްޕަ، ވަޒީފާ އަދާ ކުރަނީ ކޫއްޑޫގައެވެ. މަންމަ މަސައްކަތް ކުރަނީ އެރަށުގެ ސިއްޙީ މަރުކަޒުގައެވެ. މި ދެމީހުންގެ ތެރެއިން ބައްޕައަށް ލިބެމުން އައި މުސާރަ ވެސް މިވަގުތަށް ވަނީ މަޑުޖެހިފައެވެ. ބޭސްފަރުވާ ކުރުމަށް ޓަކައި ވަގުތު ބޭނުންވާތީ ހަމަސް ދުވަހުގެ ނޯޕޭ ލީވެއް ނެގުމަށް މަޖުރުވީއެވެ.

"ބައްޕައަކީ ބައިޕާސް ސާޖަރީ ހަދާފައި ހުރި މީހެއް. އަނެއްކާ ވަރަށް ފަހުން އިތުރު އޮޕަރޭޝަނެއް މި ކުރީ. އެހެންވީމަ ފަރުވާގެ ކަންތަކަށް ބޮޑެތި ޚަރަދު ތަކެއް ކުރި ފަހުން އަނެއްކާ ވެސް މި ލިބުނީ އިތުރު ދެރައެއް. އެހެންވީމަ މިހާރު މި ލިބޭ އާމްދަނީން ކައިބޮއެ، އިތުރު ޚަރަދުތައް ކޮށްފައި ގެއެއް ބިނާ ކުރުމަށް ވަރަށް ދިގު މުއްދަތެއް ނަގާނެ ދެއްތޯ،" ޢާއިލާއިގެ މެންބަރު ކިޔައިދިނެވެ.

"އަލުން ގެއެއް އެޅުމަކީ ވަރަށް ބޮޑު ޚަރަދެއް. އެހެންވީމަ ކޮންމެ ބޭފުޅަކު ވެސް ވީވަރަކުން އެހީތެރިކަމެއް ދެއްވުން އަޅުގަނޑުމެންގެ އާދޭހަކީ. އަދި އިމާރާތް އެކަނި އަޅައިގެން ނުނިމޭނެ. ގެއަށް ވައްދަންޖެހޭ ފަރުނީޗަރާ އެހެނިހެން އެއްޗެއްސަކީ ވެސް ވަރަށް ބޮޑު ޚަރަދެއް،"

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މާމެންދޫ ކައުންސިލް ގުޅިގެން މި އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވީ ނަމަވެސް މިއީ ދާއިމީ ކަމެއް ނޫނެވެ. އެކަން އެހެނެއް ނުވެސް ވާނެއެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒީޒް "ސަން"އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު ޢާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވަނީ ތިން މަސް ދުވަހަށް ކަމަށެވެ.

"ތިން މަސް ފަހުން ވާނެ ގޮތެއް ނޭނގެ. އަޅުގަނޑުމެންގެ ވާޖިބު މިހާރު ވާނީ އަދާކޮށްފައި. އެއީ މިކަމުގެ ޑޮކިއުމެންޓްތައް ވެސް މިހާރު ވާނީ ޑިޒާސްޓާއަށް ފޮނުވާފައި. ދެން އަޅުގަނޑުމެންނަށް އިތުރަށް ކުރިއަށް ދެވޭނީ ޑިޒާސްޓާއިން އިތުރު އެންގުންތަކެއް އެންގީމަ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އިންސާނުންނަށް ކުރިމަތިވާ މިފަދަ ހާދިސާ ތަކުގައި ބައެއް ފަހަރު މުޅި ދިރިއުޅުން އިނދަ ޖައްސާލައެވެ. މުދަލާއި ގެދޮރު ގެއްލި، ނުހަނު ބޮޑެތި ގެއްލުންތައް ތަޙައްމަލު ކުރާންޖެހި ދެއެވެ.

ކަން މިހެން އޮތްއިރު، މި ޒާތުގެ ހިތާމަވެރި ހާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރި ވުމަށްޓަކައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށްވާން ޖެހެއެވެ.

މިފަދަ ކަންކަމުން މީސްތަކުންނަށް ހިތްހަމަޖެހުމެއް ގެނެސްދޭ ހަމައެކަނި ކަމަކީ އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ކަމުގެ ރިވެތި މިސާލެވެ.

މުޅި އުމުރު ދުވަހުގެ މަސައްކަތުން ބިނާ ކުރި ގެދޮރު ގެއްލި، ބިކަ ހާލުގައި ޖެހިފައިވާ، މި ނިކަމެތި ޢާއިލާއަށް ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރި ކަމަކީ އެމީހުންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ޓަކައި ވެދެވޭ އެންމެ ދީލަތި އެހީއެވެ.

އެހެންކަމުން ޢާއިލާގެ އާދޭހަކީ އެންމެންގެ ހެޔޮ ދުއާ އާއި ދީލަތި އެހީއެވެ. އެއާއިލާއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޓަކައި މުޙައްމަދު ޢަލީގެ އެކައުންޓު ނަންބަރު 7712442567101އަށް ފައިސާ ފޮނުއްވައި ދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންނަމަ މުޙައްމަދު ޢަލީގެ މޮބައިލް ނަންބަރު 7994239 އަށް ގުޅުއްވުން އެދެމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް