ފިލިޕީންސްގެ ރައީސުލްމުންތަޚަބު ވެސް ގެންގުޅުއްވާނީ ޑޫޓާޓެ ގެންގުޅުއްވި ގައުމީ ސިޔާސަތު

މާކޮސް ޖޫނިއާ

މެނީލާ (11 މޭ 2022): ފިލިޕީންސްގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ރައީސް (ރައީސުލް މުންތަޚަބު) ފާޑިނެންޑް މާކޮސް ޖޫނިޔާ ގެންގުޅުއްވާނީ އެގައުމުގެ މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ގެންގުޅުއްވާ ގައުމީ ސިޔާސަތު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މާކޮސް ޖޫނިޔާގެ އަރިސް ފަރާތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް މެރުމާއި އެމެރިކާގެ ފިއްތުންތަކަށް ބޯލެނބުމާއި ހުޅަނގުން އިންސާނީ ހައްގުތަކުގެ ނަމުގައި ގެންގުޅޭ ކުށްވެރިންނަށް ދޫދިނުމުގެ ސިޔާސަތުގެ ބަދަލުގައި މާކޮސް ޖޫނިއާ ގެންގުޅުއްވާނީ އެފަރާތްތަކަށް ދޫނުދީ ގައުމުގެ ސްޓްރެޓީޖިކް މަސްލަހަތަށް އިސްކަންދޭ ސިޔާސަތެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް މެރުންފަދަ ކަންކަމުގައި ފާޑިނެންޑް ގެންގުޅުއްވާނީ ސީދާ ޑުޓާޓެވެސް ގެންގުޅުއްވާ ގައުމީ ސިޔާސަތު ކަަމަށާ ޑުޓާޓެ ގެންގުޅުއްވާ ސިޔާސަތުތައް މާކޮސް ޖޫނިޔާއަށް ވަރަށް ކަމުދާކަމަށް އޭނާއާ އަރިސް ފަރާތްތަކުން ބުނެއެވެ.

މާކޮސް ޖޫނިޔާ ރިޔާސީ ކޭންޕޭންގައި ވެވަޑައިގެންނެވި ވައުދުތައްވެސް ގުޅިފައިވަނީ މިސިޔާސަތާއެވެ. މާކޮސް ޖޫނިޔާ އަކީ ފިލިޕީންސްގައި އެމެރިކާގެ މަދަދާއެކު ކުރިން ދިގުމުއްދަތަކަށް ވެރިކަން ކުރެއްވި ޚުދުމުޚްތާރު ވެރިޔާ ފާޑިނެންޑް މާކޮސްގެ ދަރިކަލެކެވެ.

ފާޑިނެންޑަކީ އެމެރިކާގެ މަދަދުލިބިގެން ޑިކްޓޭޓަރެއްގެ ގޮތުގައި ފިލިޕީންސްގައި ކޮރަޕްޓް ވެރިކަމެއް ދިގުމުއްދަތަކަށް ކުރެއްވި ހަރުކަށި ބޭފުޅެކެވެ. ބައްޕައަކީ ޚުދުމުޚްތާރު ވެރިއަކަށް ވުމުން އެކަމުގެ މަލާމާތް ބައެއް ފަރާތްތަކުން މާކޮސް ޖޫނިޔާއަށް ރައްދު ކުރިނަމަވެސް އޭނާއަކީ އޭނާގެ ބައްޕަފަދަ ކޮރަޕްޓް ބޭފުޅަކަށް ނުވާނެކަމަށް ފިލިޕީންސްގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

މާކޮސް ޖޫނިޔާ ބައްޕަ، ފާޑިނަންޑް މާކޮސް ފިލިޕީންސްގައި ވެރިކަން ކުރައްވާފައިވަނީ 1965 ވަނަ އަހަރުން 1986 ވަނަ އަހަރަށެވެ. އެކާވީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު 1986 ވަނަ އަހަރު ފާޑިނަންޑްގެ ވެރިކަން ވެއްޓުނީ ފިލިޕީންސްގެ ރައްޔިތުން އޭނާގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް އުތުރިއެރުމާއެކު އެމެރިކާގެ އެހީގައި ގައުމުން ފިއްލަވައިގެން އެމެރިކާގެ ހަވާއީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ފާޑިނަންޑް އަވަހާރަވީ 1989 ވަނަ އަހަރު އެެމެރިކާގެ ހަވާއީ ގައެވެ. ފާޑިނެންޑްގެ ވެރިކަން ވެއްޓުމާއެކު އޭނާގެ އާއިލާގެ މެންބަރުން ފިލިޕީންސްގައި ވަރަށް ބޮޑަށް ނިކަމެތިވެ ބާކީވެގެން ދިޔައެވެ. މިއާއެކު އެބޭފުޅުން އެދުވަސްވަރު އުޅުއްވީ ގައުމުން ބޭރުގައެވެ.

އެބޭފުޅުން އެނބުރި ގައުމަށް ވަޑައިގެން އަލުން ސިޔާސީ ކަންކަމުގެތެރެއަށް ނުކުންނެވީ 1990ގެ އަހަރުތަކުގައެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި މާކޮސް ޖޫނިޔާގެ ރަނިންމޭޓެއްގެ ގޮތުގައި އޭނާއާއެކު ނުކުމެވަޑައިގެންނެވީ މިހާރުގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ދަރިކަނބަލުން ސާރާ ޑުޓާޓެ އެވެ. މިކަމުގެ ސަބަބުން ރައީސް ޑުޓާޓެ ގެ ސަޕޯޓަރުންގެ ތާއީދުވެސް ލިބިވަޑައިގަތީ މާކޮސް ޖޫނިޔާ އަށެވެ.

ފިލިޕީންސްގެ އާންމުންގެ ބޮޑު ތާއީދެއް މިހާރުވެސް ޑުޓާޓެއަށް އޮވެއެވެ. މިތާއީދު ބިނާވެފައިވަނީ ފިލިޕީންސްގައި އާންމު އުނދަނގުލަކަށް ވެފައިވާ ޑްރަގް މީހުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ޑުޓާޓެ ގެންގުޅުއްވި ހަރުކަށި އަދި ނަތީޖާ ނެރެނު ސިޔާސަތެވެ.

މިސިޔާސަތުގެ ސަބަބުން ޕިލިޕީންސްގައި ވައްކަމާއި މީހުން މެރުމުގެ އަމަލުތައްވަނީ ވަރަށް ބޮޑަށް ކުޑަވެގެންގޮސް އަމަން އަމާންކަން ގާއިމް ކުރެވުނެވެ. ޑުޓާޓެގެ ހަ އަހަރުގެ ވެރިކަމުގައި އޭނާ ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ އެތައް ހާސްބަޔަކު މަރާލާފައެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިން މުއްސަނދިކަން ހޯދައިގެން އުޅޭ ބޮޑެތި މަހުޖަނުންވެސް ހިމެނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 ހާސް މީހުން ޑުޓާޓެގެ ހަ އަހަރުވީ ވެރިކަމުގައި މަރާލާފައިވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ މި ސިޔާސަތުތަކަށް އެމެރިކާއާއި ޔޫރަޕް އަދި ހުޅަނގުގެ ލެބްރަލް ފިކުރު ގެންގުޅޭ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ވަރަށް ފާޑުކިޔައި އެސިޔާސަތުތަކުގެ އަގުވައްޓާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މިހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ފިލިޕީންސްގައިވަނީ ކުރިއާ އަޅާބަލާއިރު ހަމަޖެހުމާއި އަމަން އަމާންކަން ވަރަށް ބޮޑަށް ގާއިމް ކުރެވިފައެވެ.

comment ކޮމެންޓް