އެންމެ ގިނައިން ކުދިންނަށް ލިބެނީ ޖިންސީ އަނިޔާ

-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިިދިޔަ އަހަރު އަނިޔާ ލިބިފައިވާ ކުޑަކުދިންގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ ލިބިފައިވާ އަންހެން ކުދިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓަސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

މި އަހަރުގެ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިިދިޔަ އަހަރު އަނިޔާ ލިބިފައިވާ ކުޑަކުދިންގެ މައްސަލައިގެ ބާވަތުން، ޖިންސީ އަނިޔާ ލިބިފައިވާ އަންހެން ކުދިންގެ އަދަދު އުޅެނީ، 200އާއި 250އާ ދެމެދުގައެވެ. އަދި ޖިންސީ އަނިޔާ ލިބުނު ފިރިހެން ކުދިންގެ އަދަދު އުޅެނީ 50-100އާ ދެމެދުގައެވެ.

މައްސަލައިގެ ބާވަތްތަކުގެ ގޮތުގައި ދެން ހުރީ ނަފްސާނީ އަނިޔާއާއި އަޅާނުލުމާއި ޖިސްމާނީ އަނިޔާއެވެ.

ޖިސްމާނީ އަނިޔާ އެންމެ ގިނައިން ކޮށްފައި ވަނީ ފިރިހެން ކުދިންނަށް ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

ނަފްސާނީ އަނިޔާ އެންމެ ގިނައިން ލިބިފައި ވަނީ އަންހެން ކުދިންނަށެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީގެ އަންދާޒާއަކީ މިހާރު 130،858އެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ޕަސެންޓް ފިރިހެން ކުދިންނާއި 48 ޕަސެންޓް އަންހެން ކުދިންނެވެ.

މިދިޔަ އަހަރު 89،485 ދަރިވަރުން އެކި ގްރޭޑްތަކުގައި އެންރޯލްވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ، ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ ޕްރީ ޕްރައިމަރީ 17،726 ކުދިންނާއި ޕްރައިމަރީ 50،725 ކުދިން އަދި ސެކަންޑްރީ 18،105 ކުދިންގެ އިތުރުން ހަޔާ ސެކަންޑްރީ 2،917 ކުދިންނެވެ.

މި އަހަރުގެ 18 އަހަރުން ދަށުގެ އާބާދީގެ ތެރެއިން މާލޭގައި ދިރިއުޅެނީ 26 ހާސް ފިރިހެން ކުދިންނާއި 24 ހާސް އަންހެން ކުދިންނެވެ. އަދި އަތޮޅުތެރޭގައި އުޅެނީ 41 ހާސް ފިރިހެން ކުދިންނާއި 37 ހާސް އަންހެން ކުދިންނެވެ.

comment ކޮމެންޓް