އިސްރާއީލުގެ ސިފައިން އަލްޖަޒީރާގެ ނޫސްވެރިއެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފި

އިޒްރާއިލުން ދޭ ހަމަލާތަށް ކަވަރު ކުރަން އުޅުމުގެ ތެރޭގައި މަރާލަފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް---- ފޮޓޯ: އަލްޖަޒީރާ

އިސްރާއިލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެގައުމުގެ ސިފައިން އަލްޖަޒިރާގެ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އަޚްލީހްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނި ގޮތުގައި، ޝީރީންގެ ގަޔަށް ބަޑި ޖެހީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއިލުން ހިންގި އޮޕަރޭޝަންތައް ލައިވްކޮށް ކަވަރު ކުރަމުންދަނިކޮށެވެ. އޭގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާއި އަލްޖަޒީރާގެ ނޫސްވެރިން ބުންޏެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވި ނަމަވެސް އެ ހާދިސާ ހިނގި ވަަގުތު ނަގާފައިވާ ވީޑިއޯތަކުން ޝީރީންގެ ބޮލަށް ބަޑި ޖަހާ މަންޒަރު ފެންނަ ކަމަށް އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ނިދާ އިބްރާހީމް ބުންޏެވެ.

"މިވަގުތު އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ޝީރީން މަރުވިކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއުލާނުކުރިކަން. ޝީރީންއާ އެކު މަސައްކަތް ކުރަމުން އަންނަ ގިނަ ނޫސްވެރިންނަށް މިކަމުގެ ސަބަބުން ބޮޑު ޝޮކެއް ލިބުނު،" ނިދާ ބުންޏެވެ.

ނިދާ ބުނި ގޮތުގައި ޝީރީންއަކީ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ނޫސްވެރިއެކެވެ.

ޝީރީން އަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެެރިއެއް ކަމަށް އެ ނޫހުގައިވެއެވެ.

ޝީރީންގެ އިތުރުން އެހެން ނޫސްވެރިއެއްގެ ގަޔަށް ވެސް މިއަދު ބަޑި ޖަހާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އެއީ ޤުދުސް ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އަލީ ސަމޫދީ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މިއަދު ޖެނީންގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބަޔަކު ވަނީ ސިފައިންނާ ދިމާލަށް ބަޑި ޖަހައި، ގޮވާ ތަކެތި އުކާފައެވެ.

ނަމަވެސް އަލްޖަޒީރާގެ ބިއުރޯ ޗީފް، ވަލީދު އަލް އޮމަރީ ވަނީ އަސްކަރިއްޔާގެ ވާހަކަ ދޮގު ކުރައްވާފައެވެ. އަދި މިއަދު އެ ހާދިސާ ހިނގި ވަގުތު ފަލަސްތީނުގެ ބަޔަކު ބަޑީގެ ހަމަލާ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝީރީންގެ މަރާއެކު ފަލަސްތީނާއި ބޭރު ގައުމުތަކުގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.

comment ކޮމެންޓް