މެދު އަދި މަތީ ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށް ހުޅުމާލޭގައި ހަތް އިމާރާތެއް އަޅަނީ

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މީހުން ދިރިއުޅެން ހަތް އިމާރާތެއް އަޅާދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ އިމާރާތްތަކުގައި ހަދާ އެޕާޓްމެންޓުތައް ވިއްކަން އަމާޒު ކުރަނީ މެދުފަންތި އާއި މަތީ ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް ކަމަށެވެ.

އެ އިމާރަތްތަކަށް ދޫކުރާ ހަތް ބިމުގެ ތެރޭގައި 26،497.38 އަކަފޫޓާއި 34،319.40 އަކަފޫޓާ ދެމެދު ބިން ހިމެނެއެވެ.

އޭގެ ތެރެއިން ކޮންމެ އިމާރާތަކަށް ހޭދަވާނެ ކަމަށް އެޗްޑީސީން ލަފާކުރަނީ 157 މިލިއަން ރުފިޔާއާއި 216 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެކެވެ.

އެ އިމާރަތްތައް އަޅާ ނިމުމަށްފަހު ލަފާކުރާ އަދަދަށްވުރެ އިމާރާތަށް ދިޔަ ޚަރަދު ބޮޑުވެއްޖެނަމަ ހަތްދުވަހުގެ ތެރޭގައި އެކަން އަންގަން ޖެހޭނެކަމަށްވެސް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

އެޗްޑީސީގެ އިއުލާނުގައި ވާގޮތުން އިމާރާތުގެ ހުންނަން ޖެހޭނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގައި މަދުވެގެން 700 އަކަފޫޓު ހުންނަންވާނެ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގައި 900 އަކަފޫޓު ހުންނަންވާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހަމައެއާއެކު، ކޮންމެ އިމާރާތެއްގެ އެންމެ ތިރީގައި ޕާކް ކުރުމަށް ޚާއްޞަ ޖާގައެއް ހުންނަން ޖެހޭނެއެވެ. އަދި ކޮންމެ އިމާރާތެއްގެ އެންމެ ތިރިއާއި ފުރަތަމަ ފަންގިފިލާގެ ބައެއް ވިޔަފާރިއަށް ދޫކުރަން ޚާއްޞަ ކުރަން ޖެހޭނެއެވެ.

އެ މަސައްކަތަށް އެދި ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ މި މަހުގެ 31 ވަނަ ދުވަހެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީއަށް މެއިލްކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރި ފަރާތްތައް އަންނަ މަހުގެ ހަވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ކޮންމެ ފަރާތަކަށްވެސް ބިޑު ހުށަހެޅޭނީ ގިނަވެގެން ތިން އިމާރަތް އެޅުމަށެވެ. އަދި ބިޑު ކާމިޔާބު ކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރަތް ނިންމުމަށްފަހު އެޗްޑީސީއާ ހަވާލުކުރަންވާނެކަމަށް އިއުލާނުގައިވެއެވެ.

އިތުރު މައުލޫމާތު ހިއްސާާކުރުމަށް ޒޫމް މެދުވެރިކޮށް މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު އެކެއްޖަހާއިރު ބައްދަލުވުމެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް