ހަނގުރާމައިގެ ޤަވާޢިދުތައް

-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނާއި އެހެނިހެން ދީންތަކުގައި ހަނގުރާމަކުރުމުގެ އަދަބުތަކާއި ހަމަތައް ވަރަށް ބޮޑަށް ތަފާތެވެ. އޮރިއަންޓެލިސްޓުން ބުނާ ގޮތުގައި، އިސްލާމް ދީނަށް މީހުން ވައްދާފައިވަނީ، ކަނޑީގެ ބާރުން މަޖްބޫރު ކޮށްގެންނެވެ. އަދި އެއާއި ޚިލާފަށް، މަސީޙީ ދީނުގައި، ހަނގުރާމަ ކުރުމަށް ގޮވާލުމުގެ ބަދަލުގައި ގޮވާލަނީ ސަލާމަތްތެރިކަމާއި، އަޚްވަންތަކަމާއި، މަޢާފްކުރުމުގެ މައްޗަށެވެ. ނަމަވެސް ބައެއް އޮރިއަންޓެލިސްޓުން ދެކޭ ގޮތުގައި، މިދަޢުވާއަކީ ދޮގު ދަޢުވާއެކެވެ. އަދި އެމީހުން ދެކޭގޮތުގައި، ރަސޫލާ ﷺ އަކީ ތެދުވެރި ބަޠަލެކެވެ. ޙަޤީޤަތުގައި މިބައިމީހުން ދެކޭގޮތާއިޚިލާފަށް ޖިހާދު ޝަރުޢުކުރެވުނީ، އިސްލާމް ދީން ޙިމާޔަތްކުރުމަށެވެ. ޢަދާވަތްތެރިކަމާއި، އަނިޔާވެރިކަމާއި، ދެކޮޅު ހެދުމަށެވެ. އަދި އެއީ، އެއްވެސް ޙާލެއްގައި ދީނަށް ވެއްދުމަށް މަޖްބޫރުކުރުމަކަށް ނޫނެވެ.

މިހިސާބުން އުފެދޭސުވާލަކީ، ކްރިސްޓިއަން ދީނުގައި، ހަނގުރާމަކުރަން ގޮވާލައިފައިވޭތޯ އޮޅުންފިލުވުމަށް އުފެދޭ ސުވާލެވެ. އެދީނުގައި ހަނގުރާމައަށް އެއްވެސް ވަރަކަށް ގޮވާލައިފައި ނުވާކަމަށް އެބައިމީހުން ބުނި ނަމަވެސް ޢީސާގެފާނު ވިދާޅުވިކަމަށް އިންޖީލުގައިވާ ބަސްފުޅެއްގައިވެއެވެ. "ތިޔަބައިމީހުން ތިމަންކަލޭގެފާނުން ބިމުގައި ސަލާމަތްތެރިކަން ފެތުރުމަށް ވަޑައިގެންނެވި ކަމަށް ހީނުކުރާށެވެ. ތިމަންކަލޭގެފާނުން ވަޑައިގަތީ ސަލާމަތްތެރިކަން ފެތުރުމުގެ ބަދަލުގައި ކަނޑި ފެތުރުމަށެވެ." އަދިވެސް މިބަސްފުޅުގެ ފަހަތުގައިވެއެވެ. "ތިމަންކަލޭގެފާނަށްޓަކައި އެމީހެއްގެ ނަފްސު އަޅައިފިމީހާ ތިމަންކަލޭގެފާނާއި ބައްދަލްވާނެއެވެ. އަދި އެމީހަކަށް އެކަން ފެންނާނެއެވެ."

އަދި ކިއެއްތަ! ތައުރާތުން، ފެނިގެންދަނީ ހަނގުރާމައިގެ ވާހަކަ ނުގުނޭހާ މިންވަރަށެވެ. އަދިފެންނަނީ ނަތީޖާ ހާޞިލްކުރުމަށް ހައްދުފަހަނައަޅައި މަސައްކަތް ކުރުމަށް ބާރުއަޅާފައިވާ ތަނެވެ. އެހެންކަމުން، އިސްލާމް ދީނުގައި ހުރި ހަނގުރާމައިގެ އަދަބުތަކާއި، އެހެންސަމާވީ ދީންތަކުގައި ހުރިއަދަބުތަކާއި އަދި އެހެނިހެން ދީންތަކުގައި ހުރި އަދަބުތައް ވަރަށް ތަފާތެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ޞަލީބީ ހަނގުރާމަ އެކަނިވެސް ފުދެއެވެ.

ޞަލީބީންގެ ލަޝްކަރުތައް އިރުމަތީ އިސްލާމީ ގައުމުތައް ތަޅާ ސުންނާފަތިކޮށް ހެދީ އެދީން ފެތުރުމަށެވެ. ބައިތުލް މަޤްދިސް ހިޞާރުކުރުމަށެވެ. އެއީ ހަމައެކަނި އެއިރަކުވީކަމެއް އެކަންޏެއްވެސް ނޫނެވެ. މިޤަރުނުގައި 1918 ވަނަ އަހަރުގައި ބައިތުލް މަޤްދިސްގައި ހިންގި ލޭ އޮހޮރުވުންތަކަށް ހުޅަނގުގެ ޤައުމުތަކުން އެހީ ފޯރުވިއެވެ. އަދި އެބައިމީހުން ބުނިކަމަށް ވެއެވެ. "މިއަދު ޞަލީބީ ހަނގުރާމަ ނިމިއްޖެއެވެ." ދިމިސްޤައް ފުރާންސުގެ ޞަލީބީންގެ އެކުވެރީންވަދެ ޞަލާހުއްދީނުލް އައްޔޫބީގެ މަހާނަކުރިމަތީގައި ހުއްޓި ހުރެ މީހަކުބުނިކަމަށްވެއެވެ. "އޭޞަލާހުއްދީންއެވެ. އަހަރުމެން އެނބުރި އަތުވެއްޖައީމު އެވެ." މިފަދަ ޙާދިޘާތަކުން ޣައިރުމުސްލިމުން މުސްލިމުންނާއި ދެކޮޅަށް ގެންދާ ހަމަލާތަކަކީ، ޢަދާވަތްތެރިކަމާއި، އަނިޔާވެރިވުމުގެ ގޮތުން ހިންގާފައިވާ އަދި ހިންގަމުންދާ ކަންތައް ތަކެއްކަން އެގެން އޮތްނަމަވެސް، މުސްލިމުން ހުރިހާ ޒަމާންތަކެއްގައިވެސް ކޮށްފައިވާ ހަނގުރާމަތަކަކީ، މަތިވެރި މަޤުޞަދަކާއި، މާނައެއް އޮވެގެން ކޮށްފައިވާ އަދި އިސްލާމީ ޝަރީޢަތުގައި އެކަމުގައި ތަބަޢަވާންޖެހޭ ހަރުދަނާ ހަމަތައް ކަނޑައެޅިފައިވާ ގޮތެއްގެމަތީން ކޮށްފައިވާ ހަނގުރާމަތަކެއްކަން އެނގިގެންދެއެވެ.

ހަނގުރާމަ ޝަރުޢު ކުރެއްވުމުގެ ޙިކުމަތްތައް

ސޫރަތު މުޙައްމަދުގައި މައިގަނޑުގޮތެއްގައި ބަޔާންވެގެންވަނީ، މުޝްރިކުންނަށް ޙައްޤު ދީން ހުށަހަޅާތީ، އެބައިމީހުން އެކަމުން ޝަކުވާކުރާ ވާހަކައާއި، ހަނގުރާމައިގެ އަދަބުތަކާއި، އަސީރުންނާއިބެހޭ ވާހަކަތަކާއި، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ﷲ ގެދީނަށް ނަޞްރު ހޯދުމާއި، އީމާންވުމާއި، ކާފަރުންގެ އަނިޔާގެ ވާހަކަތައް ފަދަ ވާހަކަތަކެވެ.

މަޖްމަޢުލްފިޤުހުލް އިސްލާމީގެ 14 ވަނަ ބައްދަލުވުމުގައި، އިންޓަނޭޝަނަލް ލޯ އަދި އިންސާނީ ޙައްޤާއި ގުޅުންހުރި 8 މައުޟޫޢަކަށް ބަޙުޘްކުރެވިފައިވެއެވެ. އިސްލާމްދީނުގައި ހަނގުރާމައިގެ ލަޑުދަނޑިތަކާއިބެހޭގޮތުން ޑރ. ޖަޢުފަރު ޢަބްދުއްސަލާމް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖިހާދު ގެ މާނައެއްކަމުގައި އެއީ ގަދައަޅާ މަސައްކަތްކުރުމާއި، ދުލާއި، މުދަލާއި، ނަފްސުން ﷲ ގެ މަގުގައި، ހަނގުރާމަކުރުން ކަމުގައި ބަޔާންކުރެއްވިއެވެ. ހަނގުރާމަ ޝަރުޢުކުރެއްވީ، ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމަށާއި، ދީން ޙިމާޔަތްކުރުމަށާއި، މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާއިން ރައްކާތެރިވުމަށާއި، ދީން ފެތުރުމަށް އޮތް ހުރަސްތައް ދުރުކުރުމަށްކަމަށް ބަޔާންކުރައްވާފައިވެއެވެ. ޚުލާޞާގޮތެއްގައި، އެއީ؛ މުސްލިމުންނާއި، ޣައިރުމުސްލިމުންނަށް ދީނީ މިނިވަންކަން ޙިމާޔަތްކުރުމަށާއި، ޢުދުވާނާއި އަނިޔާއާއި ދެކޮޅަށް ތެދުވެ ދިފާޢުކުރަން ހަނގުރާމަކުރުމަށް ހުއްދަކުރުމަށާއި، އަނިޔާވެރިކަން މަނަޢަކުރުމަށް ހަނގުރާމަކުރުން ހުއްދަ ކުރުމަށެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. (إِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ ۖ وَلَئِن صَبَرْ‌تُمْ لَهُوَ خَيْرٌ‌ لِّلصَّابِرِ‌ينَ) (ސޫރަތުއްނަޙުލު :126) މާނައީ: "އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ."

މިއާޔަތްތަކުންވެސް ދަލީލްކޮށްދޭ ގޮތުގައި، އަދި އިސްލާމީ ފިޤުހު ޢިލްމުވެރީންވެސް ޙަރާމް ކުރައްވާފައިވާ ގޮތުގައި ޖަމާޢީ ގޮތެއްގައި، ކުށުން ބަރީޢަވެގެންވާ ބަޔަކު، އެކަކުގެ މަރުގެ ރައްދުގައި މެރުމަކީ ޙަރާމްކަމެކެވެ. އެއީ، އަހުލީ ހަނގުރާމައެއް ނުވަތަ އެހެން ހަނގުރާމައެއް ކަމުގައިވީނަމަވެސް މެއެވެ.

މުސްލިމުންނާއި ޣައިރުމުސްލިމުންނާ ދެމެދުގައިއޮތް ގުޅުން

މުސްލިމުންނާއި، ޣައިރުމުސްލިމުންނާއި ދެމެދު އޮންނަންޖެހޭނީ، ސަލާމަތްތެރިކަމުގެ ގުޅުންތޯ ނުވަތަ ހަނގުރާމަކުރުންތޯއެވެ؟ މިސުވާލަށް ޖަވާބުދިނުމަށްޓަކައި، ޖިހާދު ތަޝްރީޢު ކުރުމުގެ ސަބަބު ބަލައިލުން ވަރަށް މުހިއްމެވެ. މިގޮތުން ބަލާއިރު، ޖިހާދު ތަޝްރީޢު ކުރެވިފައިވަނީ، ދީން ޙިމާޔަތްކޮށް މަތިވެރިކުރުމަށާއި، އިސްލާމީ ދަޢުވަތު ފެތުރުމަށާއި، މުސްލިމުން އަނިޔާވެރިކަމުން ސަލާމަތްކޮށް ނަޞްރުދިނުމަށާއި، އަނިޔާވެރިކަމާއި މަކަރުވެރިކަމާއި، ނުލަފާކަމުން ރައްކާތެރިވެ ތިބުމަށެވެ. މިގޮތުން ރަސޫލާ ﷺ ގެ ޒަމާނުގައި، އުޅުނު ޢަރަބީންގެ މުޝްރިކުންނާއި، ހަނގުރާމަކޮށް ޤަތުލުކުރުމަށް އަމުރުވެވިފައިވެއެވެ. އެއީ އެބައިމީހުންގެ އަނިޔާވެރިކަން ފެނުނު ކޮންމެ ތާކުން ހަނގުރާމަކޮށް ޤަތުލުކުރުމަށެވެ. ސޫރަތުއްތައުބާގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. (إِنَّ عِدَّةَ الشُّهُورِ‌ عِندَ اللَّـهِ اثْنَا عَشَرَ‌ شَهْرً‌ا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْ‌ضَ مِنْهَا أَرْ‌بَعَةٌ حُرُ‌مٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِ‌كِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِي) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشرك ންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!"

ނަމަވެސް މިޒަމާނުގައި މުސްލިމުންނާއި، ޣައިރުމުސްލިމުންނާ އޮތް ގުޅުމަކީ ހަނގުރާމަ ކުރުންކަމުގައި ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެފައިވީ ނަމަވެސް މުސްލިމުންނާއި، ޣައިރުމުސްލިމުންނާއި ދެމެދު އޮތް ގުޅުމަކީ ސަލާމަތްތެރިކަން ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަޞްލު ގުޅުމަކީ ހަނގުރާމަކުރުން ކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތައް ވަރަށްގިނައެވެ. މީގެތެރޭގައި ތައުބާސޫރަތުގެ 5 އަދި 36 ، އާލްއިމްރާން ސޫރަތުގެ 128 ވަނައާޔަތް ހިމެނެއެވެ.

ދެވަނަ ރައުޔުގެ ދަލީލްތަކަށް ބަލާއިރު ކީރިތި ޤުރްއާނުގެ ސޫރަތުލް ބަޤަރާގެ 208، 256، އަންފާލް ސޫރަތުގެ 61 ވަނައާޔަތް ޔޫނުސް ސޫރަތުގެ 99 ވަނަ އާޔަތް ހިމެނެއެވެ. މި އާޔަތްތަކަށް ބަލާއިރު މަޖުބޫރު ކޮށްގެން އިސްލާމްދީނަށް ވެއްދުމަކީ މަކުރޫހަ ކަމެކެވެ. އަދި މުސްލިމުންނާ ޣައިރުމުސްލިމުންނާ ދެމެދު އޮންނަން ޖެހޭނީ ސަލާމަތްތެރިކަމުގެ ގުޅުމެކެވެ. އެހެނީ އިސްލާމްދީނަށް މަޖުބޫރު ކޮށްގެން މީހަކު ވެއްދުމުން، ﷲ އަށް އަޅުކަންކުރާނީ އޭނާގެ އިޚްތިޔާރުގައި ﷲ އަށްޓަކައި އިޚްލާޞްތެރި ނުވެއެވެ.

ހަނގުރާމައިގައިވެސް އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިން ހަނގުރާމަ ކުރުން މަނާ ކުރައްވާފައިވެއެވެ. އެއީ އެމީހުން މުސްލިމުންނާއި ހަނގުރާމަ ނުކުރާތީއެވެ. ސޫރަތުލް ބަޤަރާގެ 193 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފާވެއެވެ. (وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ) މާނައީ: " އަދި دين އާ ދެކޮޅަށް އުފައްދާ فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ." މިއާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިން ފިތުނަވެރިނުވެ ޞުލްޙަވެރިކޮށް އުޅުން މާރަނގަޅެވެ. ނަމަވެސް މުސްލިމުންނޫން މީހުންނާވެސް ފިތުނަ އުފައްދާނަމަ ހަނގުރާމަކުރަންޖެހެއެވެ. އެހެންކަމުން މި ދެ ރައުޔުގެ ތެރެއިން ބޮޑަށް ތަރުޖީޙް ކުރެވޭ ރައުޔަކީ މުސްލިމުންނާއި ޣައިރުމުސްލިމުންނާއި ދެމެދުގައި އޮންނަން ޖެހޭނެ އަޞްލު ގުޅުމަކީ ޞުލްޙަވެރިކަމެވެ. ސަލާމަތްތެރިކަމެވެ. ހަނގުރާމަ ކުރަންޖެހޭނީ ދެކޮޅުވެރިވެ، ފިތުނަވެރިވެ، އަނިޔާވެރިވާނަމައެވެ.

ހަނގުރާމައިގެ ޤަވާއިދުތައް

ހަގުރާމައިގެ ޤަވާޢިދުތަކާއިމެދު ދިރާސާކުރެއްވި ޢިލްމުވެރީން، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހަނގުރާމައިގެ އަދަބުތައް ބަޔާންކުރެއްވިއެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންގެ ބަނޑުފެޅުމާއި، ގުނަވަންތައް ނެގުމާއި، ޣަދަރުވެރިވެ، ޢަދުއްވުން ހިފައި ޤަތުލުކުރުމާއި، ބިން ފަސާދަކުރުމާއި، ގަސްތައް ކެނޑުމާއި، ޖަނަވާރުތައް މެރުމާއި، މުސްލިމުންނާއި ހަނގުރާމަ ނުކުރާ ފަރާތްތައްކަމަށްވާ އަޅުވެރިންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، ނުކުޅެދޭމީހުންނާއި، މުސްކުޅިންނާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރީންނާއި ބެހޭ އަދަބުތައްހިމެނެއެވެ.

އައްތަސްޚީރީ ބަޔާންކުރައްވާ ގޮތުގައި ޓެރަރިޒަމްއަކީ، އިންސާނީ އަދި ދީނީ މިންގަޑުތަކާއި، އުޞޫލުތަކާއި ޚިލާފަށް ބޭނުންކުރެވޭ ވަސީލަތްތައް ބޭނުންކޮށްގެން ލަނޑުދަނޑިތައް ޙާޞިލްކުރުމެވެ. މީގެތެރޭގައި، އަމަންއަމާންކަމަށް ނުރައްކާތެރިކޮށް އިންޒާރުދޭ ކޮންމެ ކަމެއް ހިމެނެއެވެ. މީގެ މާނައިގެތެރޭގައި، ބިމާއި ގެތަށް ފޭރިގެންފައިވާ ފަރާތްތަކާއި، ދޮކޮޅަށްތެދުވެ ކުރާ މަސައްކަތްތައް ނުހިމެނޭނެއެވެ. އެހެންކަމުން އަންނަނިވިކަންކަން ޓެރަރިޒަމްގެ ތެރޭގައި އޭނާ ހިމަނުއްވައެވެ. އެއްގަމާއި ކަނޑާއި، ވައިގެމަގުން ހަމަލާދިނުމާއި، އިސްތިޢުމާރުކުރުމަށް ދެވޭ އަސްކަރީ ޙަމަލާތަކާއި ހަނގުރާމަތަކާއި، ރައްޔިތުންނާއި ދެކޮޅަށް ހިންގޭ ހަރަކާތްތަކާއި، އިންސާނިއްޔަތާއި ޚިލާފަށް ހިންގޭ އަސްކަރީ ހަމަލާތަކާއި، ތިމާވެއްޓާއި، ޘަޤާފަތާއި، މީޑިޔާ ޚަރާބުކުރުމާއި، އިޤްތިޞާދާއި ޤައުމަށް ގެއްލުންދީ ޤައުމު ފަޤީރުކުރުމަށް ހިންގޭ ކޮންމެ ޙަރަކާތަކާއި، ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ނަގާލުމަށް ހިންގޭ ކޮންމެ ޙަރަކާތެކެވެ.

އޭނާ އިތުރަށް ބަޔާން ކުރައްވާގޮތުގައި، ދުނިޔޭގެ ފެންވަރުގައި ހިންގޭ ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ހިންގޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. ދީންތަކާއި، ޙަޟާރަތްތައް ޢާއްމުކުރުމަށް ހިންގޭ ފޯރަމްތަކާއި ހަރަކާތާތްތައް ހިންގުމާއި، ހަރުދަނާ ޑިމޮކްރަސީއެއް ޤައިމްކުރުމަށް ހިއްވަރުދިނުމާއި، ދުނިޔެ ތަރައްޤީކުރުމަށް ހިންގޭ ޙަރަކާތްތަކަށް އެހީތެރިވުމާއި، ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތައް ވަރުގަދަކުރުމާއި، ދީނާއި ހަރުދަނާ އަޚްލާޤު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި މީޑިއާގެ ދައުރުފުޅާކުރުމެވެ.

ހަނގުރާމައިގެ އަސީރުންނާމެދު ޢަމަލުކުރެވޭ ގޮތް، އެބައެއްގެ ނިސްބަތުން ތަފާތުވެއެވެ. މިސާލަކަށް؛ ކުދަކުދީންނާއި، އަންހެނުން އަދި އަސީރުންގެ ގޮތުގައި ހިފާ ހައްޔަރުކުރާ ފިރިހެނުންނާމެދު ދައުލަތުގެ އިސްވެރިޔާއަށް ތިން ގޮތަކުންކުރެ ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަސީރުންނާއިމެދު ޢަމަލުރެވޭ ފުރަތަމަ ގޮތަކީ، އެބައިމީހުން، ދޫކޮށްލުމެވެ. ނުވަތަ އެބައިމީހުންލައްވާ މަސައްކަތްކުރުމަށް ގެންގުޅުމެވެ. ނުވަތަ އެބައިމީހުން ޤަތުލުކުރުމެވެ.

ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ އަދަބުތައް ވަނީ އަންނަނިވި އާޔަތުގައި ބަޔާން ކޮށްދެއްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُ‌وا اللَّـهَ كَثِيرً‌ا لَّعَلَّكُمْ تُفْلِحُونَ . وَأَطِيعُوا اللَّـهَ وَرَ‌سُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِ‌يحُكُمْ ۖ وَاصْبِرُ‌وا ۚ إِنَّ اللَّـهَ مَعَ الصَّابِرِ‌ينَ) (ސޫރަތުލްއަންފާލް:45-46) މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން كافر ންގެ ހަނގުރާމަވެރިބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! ދެބަސްވެ އަރާރުންވާނަމަ ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

ޢުޔޫނުލް އަޚްބާރުގައިވާ ގޮތުގައި، ހަނގުރާމައިގެ ކުރިން ހެޔޮޢަމަލުކުރުމާއި، ދުޢާކުރުމާއި، ތަޤުވާވެރިވުމާއި، މަޝްވަރާކޮށް ރަނގަޅު ރޭވުމެއް ރޭވުން ހިމެނެއެވެ. މިދެންނެވި އަދަބުތައް އަންފާލު ސޫރަތުގެ 45 އަދި 46 ގައި މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. ހަނގުރާމަ ފެށުމުގެ މައިގަނޑު ޤަވާއިދުތައްވެސް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ ތެރޭގައި، އިޢުލާނު ނުކޮށް ކުއްލިއަކަށް ހަނގުރާމަކުރުމާއި، އިޢުލާނުކޮށްގެން ހަނގުރާމަ ކުރުމާއި، އިސްލާމްދީނަށް ގޮވާލާފައި ޖިޒީއަށް އެދިފައި ފަހުން ހަނގުރާމަ ކުރުން ހިމެނިގެންވެއެވެ. ހަނގުރާމައިގައި ބޭނުންކުރެވޭ ވަޞީލަތްތަކާއި ގުޅުންހުރި ޤަވާއިދުތައްވެސް ކަނޑައެޅިފައިވެއެވެ. މިގޮތުން ބައިލޮޖިކަލް އަދި ކެމިކަލްހަތިޔާރު ބޭނުންކުރުމާއި، އަސީރުންނާއި މުޢާމަލާތް ކުރުމުގެ ޤަވާއިދުތައް ވަރަށް ތަފްޞީލުކޮށް އިސްލާމީ ފިޤުހު ޢިލްމުވެރީންވަނީ ބަޔާންކޮށްދެއްވާފައެވެ.

އެއްވެސް އިންތިޒާމަކާއި އުޞޫލެއްނެތި ހަނގުރާމަކުރުމާއި، ދެކޮޅުވެރިކަމާއި އަނިޔާވެރިވެގަތުމަށް ކުރެވޭހަނގުރާމަތަކާއި ނުސީދާކޮށް ވަރަށް ރޭވުންތެރި ކަމާއެކު އޮޅުވާލައިގެން ކުރެވޭ ހަނގުރާމަތަކުގައި ބޭނުންކުރެވޭ ވަޞީލަތްތައް މުޅިން ތަފާތުވެގެންދެއެވެ. މިހެންކަމުން، މިފަދަ ދެކޮޅުވެރިކަމާއި ހަނގުރާމަ ތަކުގައި ޢަމަލުކުރާނެ ޤަވާއިދުތައް ކަނޑައަޅައި ޢަމަލު ކުރުމަކީ ދަތިކަމަކަށް ވެފައިވެއެވެ. އަދިހަމަ އެހެންމެ ހަނގުރާމައާއި ސަލާމަތްތެރިކަމުގެ މަފްހޫމަށާއި އޭގެ މޫތަކަށް ބޮޑެތި ފުށުއެރުންތައް އައިސްފައިވެއެވެ. މިސާލަކަށް، މިޒަމާނުގައި އެއްޤައުމުން އަނެއް ޤައުމަށް ކުއްލިއަކަށް ހަމަލާދޭތަން ފެނިފައިވެއެވެ. އަދި ފުރަތަމަ ހަމަލާގެ ސަބަބުން އަނެއް ޤައުމުގެ ހަނގުރާމަކުރުމުގެ އެންމެ މުހިންމު ވަޞީލަތްތައް ސުންނާފަތިކޮށް ހަލާކުކޮށްލުމަކީވެސް ފަހުގެ އަހަރުތަކުގައި ފެނިފައިވާ ކަމެކެވެ. މިދެންނެވި ވަޞީލަތްތަކުގެ އިތުރުން ހަމަލާތަކުގެ ނުރައްކާތެރިކަން ބޮޑުކަމުގެ ސަބަބުން އިންސާނިއްޔަތަށް އޭގެ ގެއްލުންތައް އިންތިހާއަށް ބޮޑުވެގެން ދެއެވެ.

މިއެންމެހައި ކަންކަން މިހެންހުރި ކަމުގައި ވީނަމަވެސް، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް އަޅުގަނޑުމެން ތަބަޢަވުން ހުއްޓެވެ. އިދިކޮޅު ފަރާތްތަކާއި، ކުރިމަތިލުމަށް އެންމެ އެކަށީގެންވާގޮތަށް ތައްޔާރުވުމަށް އިސްލާމް ދީން ވަނީ ގޮވާލައްވާފައެވެ. އަދި ހަމަލާދިން އުޞޫލުންނާއި، އުސްލޫބަކުން ހަމަލާ ދިނުންވަނީ ހުއްދަކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި އެންމެހައި މާއްދީ، މައުނަވީ، ޒަމާނީ ވަސީލަތްތައް ބޭނުންކުރުން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި، އުސޫލުތަކާއި ހަމަތަކުގެ ތަރަހައިގެ ތެރޭގައި ބޭނުން ކުރުން އިސްލާމް ދީނުގައި ވަނީ ހުއްދަ ކުރައްވާފައެވެ. ނަމަވެސް އެއީ އެބައިމީހުން، ދެކޮޅުވެރިވެ، ޢަދާވާތްތެރިވެ، އަނިޔާވެރި ވެއްޖެ ހިނދެއްގައެވެ.

ހަގުރާމައާއި، ސަލާމަތްތެރިކަމާއިގުޅޭ މުހިއްމު ޤަވާއިދުތައް ކިރިތި ޤުރުއާނުގެ ސޫރަތުލް އަންފާލުގެ 28 އަދި ތައުބާ ސޫރަތުގެ 13 ވަނަ އާޔަތުގައި ވަރަށް ތަފްޞީލުކޮށް ބަޔާން ކުރައްވާފައިވެއެވެ. އަދި ހަނގުރާމައާއި، ޞުލްޙަވުމާއި، ހުދުނާއާއި، މުޢާހަދާތަކާއިބެހޭ ޙުކުމްތައް މި އާޔަތްތަކުގެ ތަފްސީރުތަކުގައި ބަޔާންވެފައިވެއެވެ.

ހަނގުރާމައިގައި އަންނިވި ޤަވާޢިދުތަކަކީ، އިސްލާމް ދީނުގެ ކުރީ ޒަމާނުއްސުރެ މުސްލިމުން ތަބަޢަވީ އަދި އެކަންކަމުގެ ހަމަތަކަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ޚުދް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަދި އެކަލޭގެފާނުންގެ ޚަލީފާއިން ކުރެއްވި ހަނގުރާމަތަކުގައިވެސް ތަބަޢަވީ ވާޤަވާޢިދުތަކެއްކަން ހާމަވެގެންދެއެވެ. މިބަޔާންކުރަނީ ޚުލާޞާކޮށް އެޤަވާޢިދުތަކާއި، އެޤަވާޢިދުތައް އިސްތިންބާޠުކުރެވޭ މައިގަނޑު ދަލީލްތަކެވެ.

އިންސާނީ ނަފުސު ޙިމާޔަތް ކުރުމަށްޓަކައި އަދި ދިރިތިބުމުގެ ޙައްޤު ދެމެހެއްޓުމަށްޓަކައި ހަނގުރާމަކުރުން ހުއްދަ ކުރައްވާފައިވެއެވެ. [އަލްމާއިދާ:32، އަލްފުރުޤާން:68]. އެބަޔަކާއި ޢަދާވަތްތެރިނުވާ ބަޔަކާއި ހނަގުރާމަކުރުން މަނަޢަވެގެންވެއެވެ. [އަލްބަޤަރާ: 190-194]. އިސްލާމްދީނުގައި ހަނގުރާމަ ހުއްދަކުރެވިގެންވަނީ، އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ރައްދުދިނުމުގެ ގޮތުންނެވެ. އެހނިދު ރައްދުދޭންޖެހެނީ، އެބަޔެއްގެ ޢަމަލުގެ ނިސްބަތުންނެވެ. އެއްވެސް ޙާލެއްގައި ހަމަލާދިނުމުގައި ހައްދުފަހަނަޅައި ދިއުމެއްނެތެވެ.[އަލްހައްޖު:39-40، އައްނަޙުލު:126]. އެހެން ދައުލަތްތަކާއެކު ވެފައިވާ އަހުދާ ވަޢުދާއި ޚިލާފުވުމުން ނުވަތަ ޚިޔާނަތްތެރިވުމުން އެކަމުގެ އުޤޫބާތެއްގެ ގޮތުގައި ހަނގުރާމަކުރުން ހުއްދަކުރައްވާފައިވެއެވެ.[އަލްއަންފާލް:55-58، އައްތައުބާ:10-14]. އަނިޔާލިބިފައިވާ ފަރާތްތަކަށް ނަޞްރު ހޯދައިދިނުމަށްޓަކައި ހަނގުރާމަކުރުން އިސްލާމް ދީން ހުއްދަކުރެއެވެ.[އަލްއަންފާލް:72-73]. ޢުދުވާންތަކަށް ތައްޔާރުވެ، ޢުދުވާނުން ސަލާމަތްވުމަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެ ހަމަލާދިނުން ހުއްދަވެގެން ވެއެވެ.[އަލްއަންފާލް:60]. ހަނގުރާމަ ފެށުމުގެ ކުރީން ޢިއުލާން ކުރުމަށް އިސްލާމް ދީން ބާރުއަޅައެވެ. މިކަމަކީ، ވަޟުޢީ ޤާނޫނުތަކުގެ ކުރީން އިސްލާމް ދީން ތަޢާރަފު ކޮށްފައިވާ ޤަވާޢިދެކެވެ. [ޢަލީގެ ފާނު އަދި މޫޢާޒު ބުނު ޖަބަލުގެ އަރިހުގައި ހަގުރާމައަށް ފޮނުއްވަމުން ރަސޫލާ ދެއްވި ނަޞޭހަތް އެކުލެވޭ ޙަދީޘް]. މަދަނީންނާއި، ހަނގުރާމަވެރީން ފަރަގުކުރެވިފައިވެއެވެ. މިގޮތުން، ހަނގުރާމަ ނުކުރާ މަދަނީންނާއި ހަނގުރާމަކޮށް އެބައިމީހުން މަރައި ޤަތުލުކޮށް ހެދުމަކީ، އިސްލާމް ދީނުގެ ކުރީ ކޮޅުންފެށިގެން ހަނގުރާމައިގެ ހަމަތަކުގެ ތެރޭގައި ލައްވާފައިވާކަމެކެވެ. އަދި ހަނގުރާމަތަކަށް ރަސޫލާ ފޮނުއްވި އެންމެހައި ކޮމާންޑަރުންނަށް މިގޮތަށް ޢަމަލުކުރުމަށް އަމުރުކުރައްވާފައިވާކަމެކެވެ. [ލަޝްކަރުތަކުގެ ކޮމާޑަރުންނަށް ރަސޫލާކުރެއްވި ވަޞިއްޔަތްތައް ހިމެނޭ ޙަދީޘްތައް]. އަލިފާނުން މީހުން އެންދުން ނަހީކޮށް، މަނާކުރެވިއެވެ. "ޙަދީޘް:لا ينبغي أن يضرب بالنار إلا رب النار". އިމާރަތްތަކަށާއި، ޢާއްމު އަދި ޚާއްޞަ އިޤުތިޞާދީ ވަޞީލަތްތައް ހިމާޔަތްކުރެވިގެންވެއެވެ.[އަބޫބަކުރުގެ ފާނުން، އުސާމާ ބުނު ޒައިދަށް ކުރެއްވި ވަޞިއްޔަތް]. އަސީރުންނާއި މުޢާމަލާތްކުރައްވާނޭ ރިވެތިގޮތް ކަނޑައަޅުއްވާ އޭނާގެ ކަރާމަތާއި ފުރާން ރައްކާތެރިކޮށްދޭނެމަގު ކަނޑައަޅުއްވާފައިވެއެވެ.[އަލްބަޤަރާ:58، އަލްއަންފާލް:67-68]. ޤަތުލުވާ ފަރާތްތަކަށް ކަނޑައަޅުއްވާފައިވާ ހަމަތަކުން އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވިއެވެ. މިގޮތުން ހަނގުރާމައިގެ މަރުވާ ނުވަތަ ޤަތުލުވާ މީހުންގެ ބަނޑާއި ހަށިގަޑު ފަޅައި ގުނަވަންތައް ނަގައި ހެދުން އިސްލާމް ދީން ޙަރާމްކުރެއްވިއެވެ.[ޙަދިޘް: إياكم والمثله ولو بالكلب العقور" އިންސާނުންގެ ފުރާނަ އާއި ދިރިހުރުން ޙިމާޔަތްކުރެއްވިއެވެ. މިގޮތުން ނަފުސަކު ހިމާޔަތްކޮށް ސަލާމަތްކުރުމަކީ، މުޅި އިންސާނިއްޔަތު ދިރުވުންފަދަ ކަމެއްކަމަށް ކަނޑައަޅުއްވާފައިވުމާއި އަދި ޙައްޤަކާނުލާ ނަފުސެއް ޤަތުލުކުރުމަކީ، މުޅި އިންސާނިއްޔަތު ޤަތުލުކުރުންފަދަ ނުބައިކަމެއްގެ ގޮތުގައި އިސްލާމް ދީން ކަނޑައެޅުއްވިއެވެ. [އަލްމާއިދާ:32]. ދެކޮޅުވެރިކަން ޙައްލުކުރުމުގައި ޢަމަލުކުރަންވީ ގޮތް ކަނޑައަޅުއްވާ، އެއީ ދެފަރާތަށް ފައިދާހުރި ގޮތުގައި ޞުލްޙަވުންކަމުގައި ކަނޑައަޅުއްވާފައިވެއެވެ. [އަލްޙުޖުރާތު:9].

އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤުވާމީ ޤާނޫނު

އެންމެ ފުރަތަމަ އިންސާނީ ޙައްޤުތަކާއި ބެހޭ ވަޟުޢީ ޤާނޫނެއް ގެނެސްދިނުމުގައި މަސައްކަތްކޮށްފައިވަނީ، ބައިނަލްއަޤުވާމީ ރެޑްކުރޮސް ޖަމްޢިއްޖާގެ ފުރަތަމަ ރައީސް "މާކްސް" އެވެ. ޢަދުލުވެރިކަމަކީ، މުޅިއިންސާނިއްޔަތަށް ޢާއްމު ދައުވަތެކެވެ. ހަނގުރާމައިގަޔާއި، ޞުލްޙަ މަސްލަސްކަންމަތީގައި އުޅުމުގައިވެސް މެއެވެ. އެހެންކަމުން، މިދެންނެވި ޤާނޫނުން ކަށަވަރުކުރަން ބޭނުންވެފައިވަނީ، އާދަމުގެ ދަރީންގެ ޙުރުމަތަށާއި ކަރާމަތަށް ރައްކާތެރިވުމުގެ އުޞޫލުތައް ކަނޑައެޅި އެޙައްޤުތައް ރައްކާތެރިކުރުމެވެ. މިގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގެ ނަމުގައި ކޯޓެއް ތަޢާރުފުވެ، ދެ ޚަޞްމުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ޤާއިމްކުރެވުނެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި، ޤައުމުތަކުން ތަބަޢަވާންޖެހޭ މައިގަނޑު ޤަވާއިދާއި ޤާނޫނުތައް ކަނޑައެޅުނެވެ.

މިފަދަ އެންމެހައި ޤާނޫނޫތަކެއްގެ ކުރީން، އިސްލާމް ދީން އެބައިމީހުންނާއި ދިމާކޮށް ފާޅުގައި ހަނގުރާމަކުރާ ފަރާތްތަކާއި، އެބައިމީހުންނާއި ފާޅުގައި ހަނގުރާމަ ނުކުރާފަރާތްތައް ފަރަގު ކޮށްފައިވެއެވެ. އެހެނީ، ޝަރުޢީ ގޮތުން އެބަޔަކާއި ހަނގުރާމަކުރަން ހުއްދަވަނީ، އެބައިމީހުންނާއި ހަނގުރާމަކުރުމަށް ފާޅުގައި އިއުލާންކޮށް ހަނގުރާމަކުރާ ފަރާތްތަކާއެވެ. އެއްވެސް ޙާލެއްގައި ހަނގުރާމައިގައި ބައިވެރިނުވާ މަދަނީން މެރުން ޤަޞްދުކުން ޙަރާމް ކުރައްވާފައިވެއެވެ. އެއީ ހަނގުރާމައިގެ ޙާލަތުގައިވެސް މެއެވެ. އިންބު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. އަބޫބަކުރުގެ ފާނުން ޔަޒީދު ބުނި އަބީ ސުފުޔާން ލަޝްކަރަކާއިއެކު ހަނގުރާމައަށް ފޮނުއްވަމުން ނަޞޭޙަތެއްދެއްވާ ވިދާޅުވިއެވެ. "ކަލޭގެފާނުން ތިޔަވަޑައިގަންނަވަނީ، އެބައެއްގެ ނަފުސުތައް އެބައެއް ޝަރީކަކުރާފަރާތް ހަނދުމަކުރުމުގައި ދެމިތިބިކަމަށް ދައުވާކުރާބައެއްގެ ގާތަށެވެ. ހަމަކަށަވަރުން އެބައިމީހުންގެ ނަފުސުތައް އެކަމުގައި ޝާމިލުވެ ކުއްތަންވެއްޖައުމަށް އެބައިމީހުން ދޫކޮށްލާށެވެ. އަދި ކުޑަކުދީން ޤަތުލުނުކުރާށެވެ. އަދި އަންހެނުންވެސް މެއެވެ. އަދި ޢުމުރުން ދުވަސްވެ ގައިގާ ބާރުދެރަވެ މުސްކުޅިވެފައިވާ މީހުންވެސް މެއެވެ. ފައިދާ ލިބިގަތުމަށްމެނުވީ ގަހެއް ނުކަނޑާށެވެ. ގަހާއި ކަދުރުރުށް އަންދާނުލާށެވެ. އަދި ބިނާތައް ހަލާކުނުކުރާށެވެ. ކެއުމަށްޓަކައި މެނުވީ ގެރިބަކަރި ޤަތުލުކޮށް ޒަބަޙަ ނުކުރާށެވެ. އަޅުކަންކުރުމަށާއި، އިޙްތިރާމްކުރާ ބިނާތައް ހަލާކުނުކުރާށެވެ."

އެހެންކަމުން އެގިގެންދަނީ، އިސްލާމް ދީނުގައި ދިރިއުޅުމާއި، މުޢާމަލާތާއި، އަޅުކަމާއި ޢަޤީދާފަދަ މުހިއްމު ކަންތައްތަކުގެ އިތުރުންވެސް އެއްޤައުމަކާއި އަނެއް ޤައުމެއްގެ މެދުގައި ހަނގުރާމަކުރެވޭ ކޮންމެ ހިނދެއްގައިވެސް ތަބަޢަވާންޖެހޭ ތަފްޞީލީ އަދަބުތަކާއި ޤަވާޢިދުތައް ކަނޑައަޅުއްވާފައިވާ ކަމެވެ. އެންމެހައި ޙާލަތްތަކަށް ރިޢާޔަތް ކުރެވިގެންވާ ގޮތުގައެވެ. އެންމެހައި ޒަމާންތަކަށް މުނާސަބުވާނެފަދަ ފުރިހަމަކޮށެވެ. އެންމެހައި ފަރާތްތަކެއްގެ ހައްޤުތައް ރާއްކާތެރިކޮށްދިނުމަށެވެ. މިހަމަތަކަކީ، ވަޟުޢީ ގޮތުން އިންސާނުން މިފަދަ ހަމަތައް ކަނޑައެޅުމުގެ މާކުރިން ކަނޑައެޅިފައިވާ ހަމަތަކަށްވުރެ މާފުރިހަމަ ހަމަތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން ފާހަގަވެގެންދާ އަނެއްކަމަކީ، ޔޫރަޕާއި އެހެނިހެން ޤައުމުތަކުގެ ޤާނޫނީ މާހިރުންނަށް ސްޕެއިނުގައި އޮތް އިސްލާމީ ޙަޟާރަތުގެ ތެރެއިން އަދި އިސްލާމީ ޘަޤާފަތާއި މަދަރުސާތަކުގެ ޒަރީޢާއިން އަސަރު ކޮށްފައިވާކަމެވެ. އެހެނީ އެބައިމީހުން ޤަބޫލުކުރާ ގޮތުގައި، އެންމެ ފުރިހަމަ އުޞޫލުތައް ހަނގުރާމައިގެ ޙާލަތުގައިވެސް ކަނޑައެޅިފައިއޮތީ ހަމަ އިސްލާމް ދީނުގައެވެ. އެހެންކަމުން، ވަރަށް ގިނަބަޔަކު ޤާބޫލުކުރާ ފަދައިން، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ރިވެތި އަޚުލާޤީ ސިފަތަތަކަކީ، ބައިނަލްއަޤުވާމީ ޤާނޫނުތައް ކަނޑައެޅުމުށާއި، ފަރުދުންނާއި ދައުލަތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ އުޞޫލުތައް ފެންނަންއޮތް ދީނެވެ. ޝަރީޢަތެވެ. އެއީ ހަމަކަށަވަރުންވެސް ތެދެކެވެ. ހަނގުރާމައިގެ ޤަވާއިދުތަކުގެ އަސާސްތައް އެންމެ އެކަށީގެންވާގޮތެއްގައި ފެންނަންއޮތީ ހަމަ އިސްލާމީ ޝަރީޢަތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް