އިރުކޮޅަކުން ރިފްއަތުގެ ފޯނު ރިންގް ވުމާއެކު އެހާ ލަހުން އޭނާއަށް ގުޅާނީ ކާކުބާއޭ ހިތާ ރިފްއަތު ފޯނަށް ބަލައިލިއެވެ. މިޝްޔާ ނުގުޅާނެކަން އޭނާއަށް އެނގޭތީއާވެސް އެކުގައެވެ. ފޯނުގެ ސްކްރީނުން ފެނުނު ނަމާއެކު އޭނާ ކުޑަކޮށް ހާސްވާގޮތްވިއެވެ.

ގުޅީ ފުލުސް ކޮމޮޝަނަރެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލި ރިފްއަތަށް އަޑު އިވުނީ އޭނާ އަޑު އަހަން ބޭނުންވި ޖުމްލަތަކެއް ނޫނެވެ. ނިތުގައި އަތް ހިންގައިލަމުން އޭނާ އެބަ ދަން ކަމުގައި ބުނެ ރިފްއަތު ފޯނު ބޭއްވިއެވެ. އަވަސް އަރުވައިލުމަށްފަހު ރިފްއަތު ގެއިން ނުކުންނަން ހިނގައިގަތެވެ. ޑްރައިވަރަށް ގޮވާ ގެނައުމަށްފަހު، އޭނާ ކާރުގައި ފުލުހުންގެ އިދާރާއަށް ދާން މިސްރާބުޖެހިއެވެ. އޭރުވެސް އޭނާއަށް އިރުއިރުކޮޅަކާ ގަޑިއަށް ބަލައިލެވެއެވެ. ފުލުހުންގެ އިދާރާއާ ހިސާބަށް އާދެވުމުން މަޑުކުރުމަށް ބުނެ އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފުލުހުންގެ އިދާރާއަށް ވަނެވެ. އޭރު އެތެރެ ކޮންމެވެސް ވަރަކަށް ހަލަބޮއްޔެވެ. އެތަނުގައި ހުރި ކޮމިޝަނަރު ހަލީމް ރިފްއަތު ފެނުމާއެކު ކައިރިއަށް ޖެހިލާ އޭނާއާ އެކު އައުމަށް އިޝާރާތް ކޮށްލިއެވެ. ރިފްއަތު ހަލީމްގެ ފަހަތުން ހިނގާލާފައި ގޮސް ވަކިން ހުރި ކޮޓަރިއަކަށް ވަނެވެ. އޭރު ވަށްކޮށް ހުރި މޭޒު ދޮށުގައި މިޝްޔާ އިނީ ނިދިގެން ވެއްޓޭ ޙާލުގައެވެ. ދެލޯ ވަނީ މެރިފައެވެ. އިސްޖަހައިގެން އިންއިރު އޭނާގެ އިސްތަށިތައް ވަނީ މޫނުމައްޗަށް ވެރިފައެވެ.

"މިޝްޔާ!" ރިފްއަތަށް މިޝްޔާއަށް ގޮވައިލެވުނެވެ. އޭނާ މިޝްޔާ ކައިރިއަށް ޖެހިލާ މިޝްޔާގެ ކޮނޑުގައި ދެފަހަރަކު ޖަހައިލިއެވެ.

"އެގެއިން މިޝްޔާ ހައްޔަރުކޮށް ޓެސްޓް ހެދިއިރު މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް. ރިފްއަތު. މިހާރަށް ވުރެ ބޮޑަށް މިޝްޔާ ހިފައްޓާ. އެހެންނޫނީ ރިފްއަތުގެ ނަމަށްވެސް ހުތުރުވާނެ!" ހަލީމްއަކީ ރިފްއަތުގެ ގާތް އެކުވެރިއަކަށް ވާތީ އޭނާ އެވާހަކަ ދެއްކީ ރިފްއަތަށް ހެޔޮ އެދިގެންނެވެ. އެގޮތަށް މިޝްޔާ ހައްޔަރުކުރެވުނު އެތަކެއް ފަހަރަކު ހަލީމްވަނީ މިޝްޔާ ބަންދުން ސަލާމަތްކޮށްދީފައެވެ. އޭނާ އެކަންތައް ކޮށްދެނީ އެކުވެރިޔާއަށް ކޮށްދޭކަމެއްގެ ގޮތުގައެވެ.

"ގެއަށް ގެންދެވޭތަ މިހާރު؟" ރިފްއަތު ސުވާލުކޮށްލިއެވެ. ހަލީމް ބޯ ޖަހައިލިއެވެ. އެއަށްފަހު މިޝްޔާ ރަނގަޅުކުރަން އިތުރަށް މަސައްކަތް ކުރުމަށް ބުންޏެވެ. ރިފްއަތަށް ވެސް އެ ވާހަކަތަކާ މެދު ވިސްނައިލެވުނެވެ. މިޝްޔާގެ އުޅުން ގޯސް ވަމުން ދާނަމަ އޭނާއަށް ހުތުރު ނަމެއް ލިބޭކަށްވެސް ލަހެެއް ނުވާނެއެވެ. ވީ އެންމެއަވަހަށް އޭނާ އެކަމަށް ހައްލެއް ގެންނަން ވީއެވެ.

"މިޝްޔާ ހިނގާ ދާން!" ރިފްއަތު ބުނެލިއެވެ.

"ރިފާ، ހަމްދާ.... މިޝްޔާ ކާރާ ހިސާބަށް ގެންގޮސްދީ..." އެތަނުގައި ތިބި އަންހެން ދެ އޮފިސަރުންނަށް ބަލައިލުމަށްފަހު، ހަލީމް ވާހަކަ ދެއްކިއެވެ. އެއާއެކު އެކުދިން މިޝްޔާ އަތުލަފިކޮށްގެން ކަހަލަ ގޮަތަކަށް އެތަނުން ނެރުނެވެ. ރިފްއަތުގެ ފަހަތުން ގެންގޮސް ކާރުގައި މިޝްޔާ ބެއިންދުމާއެކު އޭނާ އޮށޯތެވެ.

ރިފްއަތު ކާރަށް އެރުމާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ރިފްއަތު އިރުއިރުކޮޅަކާ ފަހަތް ބަލައިލައެވެ. މިޝްޔާ އޮތީ ނިދާފައެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.ގެއާ ހިސާބަށް އާދެވުމުން ރިފްއަތު ކާރުން ފޭބުމަށްފަހު ދެ ނޯކަރުންނަށް ގޮވާ މިޝްޔާ އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އެއަށްފަހު އެނދުގައި ބާއްވައިލިއެވެ. ހިތްހަމަ ނުޖެހިފައިހުރި ރިފްއަތުގެ ނިތަށް ރޫތައް އަރާފައިވެއެވެ. އޭނާ އެ ކޮޓަރި ލައްޕައިލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ދުރަށް ހިނގައިގަތެވެ. މިޝްޔާގެ އުޅުން އެދަނީ މާ މައްޗަށެވެ. އެ އުޅުން ބަދަލުކުރަން އޭނާއަށް ހަދޭނެ ގޮތެއް ވެސް ނޭނގެއެވެ. މިޝްޔާ އަކީ އޭނާގެ ދަރިއަކަށް ވީ ނަމަވެސް، މިޝްޔާގެ ފަރާތުން ކުރިމަތި ވަނީ މުޅިންވެސް އޭނާ ލަދުގަންނަން ޖެހޭ ފަދަ ކަންތައްތަކެކެވެ.

*****

ޖެހިގެން އައި ހަފްތާގެ ހޯމަ ދުވަހުގެ ވަގުތެވެ. ކޮލެޖުގައި އޯޕަންޑޭއެއް ބާއްވާތީ އެތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. މާކިންއާއި ނާޒިލްއާ ވެސް ކޮލެޖަށް އައިސް ވަނުމަށްފަހު އެމީހުންނަށް ހަވާލުކޮށްފައިވާ ސްޓޯލާ ދިމާލަށް މިސްރާބުޖެހިއެވެ. ނާޒިލް މެޑިކަލް ކުދިންތަކާ ދިމާލަށް ދިޔައިރު، މާކިން ދިޔައީ ބިޒްނެސް ކުދިން އުޅޭ ދިމާލަށެވެ. އޭރުވެސް މާކިންގެ ދެލޯ ހޯދަމުން ދިޔައީ އޭނާގެ ހިތް ވަގަށް ނެގި އަންހެން ކުއްޖާއެވެ. އެ ކުއްޖާގެ ނަން ވެސް ނޭހޭކަން މާކިންއަށް ހަނދާންވީ ދެނެވެ. އެ މީހުންގެ ސްޓޯލް ތައްޔާރުކުރަމުން ދިޔަ ކުދިންތަކުގެ ތެރޭގައި ހުއްޓުނު މާކިންއަށް ހިނިތުންވެވުނީ އޭނާގެ ލޯ ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިފައެވެ.

"ހޭ..." އިސްވެ އެ އަންހެން ކުއްޖާއާ ވާހަކަ ދެއްކީ މާކިންއެވެ.

"ހައި" އެ ކުއްޖާވެސް ބުނެލިއެވެ.

"އޭރު ނަން ވެސް އަހައެއް ނުލެވުނު ދޯ. ކޮން ނަމެއްތަ ކިޔަނީ؟" މާކިން އެ ކުއްޖާގެ ނަން ހޯދައިލުމުގެ ނިޔަތުގައި ވާހަކަ ދެއްކިއެވެ.

"ނައިރާ..." ނައިރާ ބުނެލިއެވެ.

"ނައިރާ... ނައިރާއެކޭ އެއްގޮތަށް ނަންވެސް ރީތި" މާކިންގެ އެ ޖަވާބާއެކު ނައިރާ ލަދުގަތްކަން އޭނާއަށް އެނގެއެވެ. އެކަން އެނގި މާކިންގެ ތުންފަތް މަތީގައި ކާމިޔާބުގެ ހިނިތުންވުމެއް ދުވެލިއެވެ.

ސްޓޯލްގެ މަސައްކަތުގައި އުޅުނުއިރުވެސް، މާކިން އިރުއިރުކޮޅަކާ ނައިރާއަށް ބަލައިލައެވެ.

"ކުރިން ނުފެނޭ މިކޮޅުން. އަލަށްތަ ކޯހަށް ޖޮއިން ކުރީ؟" ވާހަކައެއްގެ ތެރެއިން މާކިން ސުވާލުކޮށްލިއެވެ.

"ޕާރޓްނަޝިޕް ޔުނިވާސިޓީއެއް ވީމަ އެކްސް ޗޭންޖް ޕްރޮގްރާމްތައް އޮންނާނެ ވަރަށް. އެގޮތަށް އަންނަން ޗާންސް ލިބުނީ..." ނައިރާ ބުނެލިއެވެ.

"ކިހާ ދުވަހަކަށް ތި އައީ؟"

"ތިން މަސް ދުވަހަށް." ނައިރާ ބުނެލިއެވެ.

"ދެން މިހެން އުޅޭއިރު ދިމާވާނެ ދޯ!" މާކިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ނައިރާ ބޯ ޖަހައިލިއެވެ. މާކިން ހިނިތުންވެލައިގެން ނައިރާއާ ވާހަކަ ދައްކަން ހުރި މަންޒަރު ކުޑަ ކަމަކު އެ ދިމާލަށް އައި ނާޒިލްގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާ ފޯނު ނަގާ ފޮޓޯއެއް ނެގިއެވެ. ނުވާކަމަކަށް ހުރެފައި އޭނާ މާކިންއަށް އެމެސެޖް ފޮނުވައިލިއެވެ. ފޯނަށް މެސެޖެއް އައުމާއެކު، މާކިން ބަލައިލިއެވެ. ނާޒިލްގެ މެސެޖަކަށްވުމާއެކު، އޭނާ ހުޅުވައިލާ ބަލައިލިއެވެ.

އޭގައި އޮތް ފޮޓޯ ފެނިފައި މާކިންއަށް ފުރަތަމަވެސް ވަށާ ހޯދައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު