ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކުޅަދާނަ ހުށަހެޅުންތެރިޔާ މަސްޢޫދު އަލީ: އޭނާ ވަނީ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފައްޓަވައިދެއްވާފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ވާހަކަދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ފައްޓައިފިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ފައްޓަވައިދެއްވީ އެކަމަށް ބޭއްވި ޚާއްސަ ޖަލްސާގައި ޝަރަފްވެރި މެހުމާނު އަދި ކުޅަދާނަ ހުށަހެޅުންތެރިޔާ މަސްޢޫދު ޢަލީ އެވެ.

މަސްޢޫދު މިރޭ ދެއްކެވި ވާހަކައިގައި ވާހަކަ ދެއްކުން ތެރިއަކަށްވާން ބޭނުންނަމަ ކަން ކުރަންވީގޮތުގެ އިރުޝާދު ދެއްވިއެވެ. އަދި މަސްޢޫދުގެ ވާހަކަ ދެއްކުން ދަރިވަރުންނަށް ވަރަށް ގާޔާވި ކަމަށާއި އެފަދަ ކުޅަދާނަ ވާހަކަ ދެއްކުނަތެރިއަކަށް ވުމުގެ ޝައުގުވެރިކަން ދަރިވަރުންގެ ހިތުގައި އުފެދުނު ކަމަށް ވަރަށް ގިނަ ދަރިވަރުން ބުންޏެވެ.

ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ޝަރަފް އޭނާއަށް ދެއްވި ކަމަށްޓަކައި މަސްޢޫދު ވަނީ ޝުކުރު ދަންނަވާފައެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފާއިތުވި ދެ އަހަރު ނުބޭއްވުނީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުންނެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހީމް "ސަން"އަށް ވިދާޅުވީ މިއަހަރުގެ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި 120 ދަރިވަރުން 25 ސްކޫލަކުން ބައިވެރިވާނެކަމަށެވެ.

މީގެ އިތުރުން މަތީ ސާނަވީ ބައިން 15 ދަރިވަރުން ތިން ސުކޫލަކުން ބައިވެރިވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިން ތިން ޓީމު ބައިވެރިވެފައިވާކަމަށް ވެސް ޒުލްފާ ވިދާޅުވިއެވެ.

މާދަމާ ފަށާ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޕޮލިޓެކްނިކްގެ ޖަލްސާކުރާ މާލަމުގެވެ.

މުބާރާތް ކުރިއަށްދާ ގަޑިތައް:

މެންދުރު 13:00 އިން 15:00އަށް

ހަވީރު 16:00 އިން 18:00އަށް

ރޭގަނޑު 20:00 އިން 23:00އަށް

comment ކޮމެންޓް