ތިމާވެށީގެ މަޝްރޫއުތަކަށް ބީއެމްއެލް އިން ދޫކުރާ ހިލޭ އެހީ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި ސްމޯލް ގްރާންޓްސް އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 ނިޔަލަށް ހަމަވާނެއެވެ.

އެ ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެންދާނެކަމަށެވެ.

"މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން." މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މި ފަންޑިންގ އަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިން އަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް