އައްޑޫ އަންނައުނު ފެކްޓްރީއަށް ބިން ހަމަޖެހިއްޖެ، ކޮންސަލްޓަންޓެއް ހޯދަނީ

އައްޑޫގައި މީގެ ކުރިން ހިންގި އަންނައުނު ފެކްޓްރީއެއް

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ އަންނައުނު ފެކްޓްރީ އަށް ބިމެއް ހަމަޖެހި، އޮޕަރޭޝަނަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާނުކޮށްފިއެވެ.

އިއްޔެ ބީސީސީން ކުރި އިއުލާނުގައި ވަނީ އަންނައުނު ފެކްޓަރީއަށް އޮޕަރޭޝަނަލް ކޮންސަލްޓަންސީ ދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ.

ބީސީސީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އެ ފެކްޓްރީ ގާއިމުކުރުމަށް އައްޑޫ ހިތަދޫއިން ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ފީޒިބިލިޓީ ސްޓަޑީ މިހާރު ހަދާ ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު ބިމެއް، ރަނގަޅު ލޮކޭޝަނަކުން ސިޓީ ކައުންސިލުން ހަމަޖައްސައިދިނީ" އޭނާ ވިދާޅުވިއެވެ.

މިހާރު ހޯދަމުންދާ ކޮންސަލްޓަންޓާއެކު މައިގަނޑު ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކަކީ ފެކްޓްރީގެ އިމާރާތުގެ ޑިޒައިންގެ މަސައްކަތަށާއި، ފެކްޓްރީ ހިންގުމަށް ބޭނުންވާ ލަފާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް، ފެކްޓަރީގެ މަސައްކަތް ފެށޭނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން، 1980ގެ އަހަރުތަކުން ފެށިގެން އައްޑޫގައި އަންނައުނު ފެކްޓްރީތައް ހިންގަމުން އައެވެ. އެ މަސައްކަތް އައްޑޫއިން އެއްކޮށް ހުއްޓުނީ 2000ގެ އަހަރުތަކުގެ ތެރޭގައެވެ.

comment ކޮމެންޓް