ފޯކައިދޫ ރައްޔިތުން ދެކޮޅު ނަމަ ވެލި ބޭނުމެއް ނޫން: ފުނަދޫ ކައުންސިލް

ށ. ފުނަދޫ --

ށ.ފުނަދޫގައި ތަރައްގީކުރަމުން އަންނަ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ވެލި ށ. ފޯކައިދޫން ގެނައުމަށް އެ ރަށުގެ ރައްޔިތުން ނުރުހޭނަމަ، އެ ވެލި ބޭނުން ނޫންކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ފޯކައިދޫގެ ބަނދަރު ފުންކުރުމަށް މޫދުން ނަގާފައިވާ ވެލި ފުނަދުއަށް ގެންދަން އުޅޭތީ އެކަމާ ދެކޮޅަށް އިއްޔެ ވަނީ އެ ރަށުގައި ބަޔަކު މުޒާހަރާކޮށްފައެވެ.

އެ ރަށުގެ ކައުންސިލުގެ ރައީސް އަހްމަދު އާސިފް "ސަން"އަށް ވިދާޅުވީ އެ ރަށުން 25 ލޮރީގެ ވެލި ނެގުމުގެ ހުއްދަ ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އެމްޓީސީސީއަށް ދީފައިވާ ކަމަށެވެެ.

މިހާރު ރަށުގައި އެކަމާ ދެކޮޅު އެއްވެސް ހަރަކާތެއް ކުރިއަށް ނުދާ ކަމަށާއި، އިއްޔެ މަދު ބަޔަކު އެމްޓީސީސީގެ ސައިޓަކަށް ވަދެ ހަމަނުޖެހުން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް ބެލެވެނީ ސިޔާސީ ކަމެއް ކަމަށް އެއީ. ޕީޕީއެމަށް ނިސްބަތްވާ ބަޔަކު އެތަނުގައި ތިބީ" އެމްޑީޕީގެ ކައުންސިލަރު އާސިފް ވިދާޅުވިއެވެ.

މިދިޔަ އޭފްރީލް މަހުގެ 18ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވަނީ އެރަށުގެ ދަނޑަށް ބޭނުންވާ ވެލި ރަށުން ހޯދުމަށް ކައުންސިލުގެ އެއްބާރުލުން ނުލިބޭތީ 1.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެހެން ރަށަކުން ވެލި ގެންނަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަ ދޮގުކޮށް، އެރަށުގެ ކައުންސިލުން ބުނީ މިހާތަނަށް ރަށުން ދެވެން ހުރި ހުރިހާ ވެއްޔެއް ދީފައިވާނެ ކަމަށާއި، އަދި އިތުރަށް ވެލި ނެގޭނެ ގޮތްތައް ވެސް ފަހިކޮށްދީފައިވާނެ ކަމަށެވެ.

ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅު "ސަން"އަށް ވިދާޅުވީ ދަނޑަށް ބޭނުންވާ ވަރަށް ވެލި ފުނަދޫއިން ލިބެން އެބަހުރި ކަމަށާއި, އެކަމަށް ބޭނުންވާ ހުއްދަ ވެސް މިހާރު ނަގާފައިވާ ކަމަށެވެ.

"މި ރަށުގެ ބަނދަރު ފުންކޮށްގެން ނަގާ ވެލި ދަނޑަށް އެޅޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދި މިދިޔަ ޖަނަވަރީ މަހު މިނިސްޓްރީގައި އަޅުގަނޑުމެން ވާނެ އެދިފައި. އެ ސިޓީއާ އެކު އީޕީއޭގެ ހުއްދަ ވެސް ފޮނުވިން" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑު ހަރަދެއް ކޮށްގެން ފޯކައިދޫން ވެލި ގެނައުމުގެ ބަދަލުގައި އެގޮތަށް ކަންކުރުމުން ހުރިހާ އެންމެންނަށް ވެސް ފައިދާވާ ކަމަށެވެ.

ދައުލަތުން 6.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު މި އަހަރުގެ އޯގަސްޓުމަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

comment ކޮމެންޓް