ސްރީލަންކާގެ "ހަވަރު"ގެ ކިބައިން މަހިންދަ ރާޖަޕަކްސަ ސަލާމަތް ކުރެވުނީ ސިފައިންގެ ޚާއްސަ އޮޕަރޭޝަނަކުން

މަގާމުން އިސްތިއުފާ ދެއްވާފައިވާ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ

ކޮލޮމްބޯ (10 މޭ 2022) : ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އެގައުމުގެ އާންމުންގެ ކިބައިން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ސަލާމަތް ކުރުމަށް ސިފައިންގެ ޚާއްސަ ޔުނިޓަކުން ވަރަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ރޭ ހިންގާފައިވާކަމަށާ ރުޅިގަދަވެފައިވާ އާންމުންގެ ކިބައިން މަހިންދަ ސަލާމަތް ކުރެވުނީ ވަރަށް ހަނިގޮތަކަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްރީލަންކާގެ ބައެއް މިޑީއާތައް ބުނާގޮތުން ސަރުކާރު ދެކެ ރުޅިއައިސްފައިވާ އާންމުން އިއްޔެ ހަވީރުން ފެށިގެން ވަނީ މަހިންދަ ރާޖަޕަކްސަ ގެ ރަސްމީގެކޮޅު (ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލްޓްރީ) ކައިރިއަށް ޖަމާވެ އެގެ ހިސާރުކޮށްފައެވެ. މަހިންދަ ރޭ އިރާކޮޅު މަގާމުން އިސްތިއުފާ ދެއްވީވެސް ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ހިންގަންއުޅޭ އާންމުންގެ ރުޅި މަތަކުރުމުގެ ބޭނުމުގައި ކަމަށްވެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު (ޓެމްޕަލް ޓްރީ)

އާންމުންގެ ގިނަ ބަޔަކު ބޮޑުވަޒީރުގެ ގެކޮޅުގެ ކައިރިއަށް އެއްވިކަމަށް ވަނީ އިސްތިއުފާ ދެއްވުމަށްފަހު ވެސް އެ ގެކޮޅުގައި މަހިންދައާއި އޭނާގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް މެންބަރުން ތިއްބެވި ކަމުގެ މައުލޫމާތު ލިބިގެންކަމަށް ޚަބަރުތައް ބުނެއެވެ. ގޯލްރޯޑުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް މަހިންދަ އަށް އާންމުން ގޮވާލަމުންދާ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ.

ނަމަވެސް އިސްތިއުފާ ދެއްވުމަށްފަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް މަހިންދަ އާއި އާއިލާއަށް ފުރުސަތު ނުލިބުނީ ރުޅިގަދަވެފައިވާ އާންމުން އެގޭގެ ވަށައިގެންތިބުމާއެކު ފުރާނައަށް ނުރައްކާ ވެދާނެކަމުގެ ބިރު އޮތުމުންނާއި ގޯލްފޭސް ކައިރީގައި ސަލާމަތީ ބާރުތަކަށް ވެސް ކޮންޓްރޯލް ނުކުރެވޭ ވަރަށް އާންމުން ރުޅިގަދަވެފައި ތިބުމުންނެވެ. އެ ވަގުތު ވެސް ދިޔައީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންނެވެ.

އަނެއްކޮޅުން ކޮލަންބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއަޓްގެ ކައިރީގައާއި ގޯލްރޯޑުގެ އެކި ހިސާބުތަކުގައި ވެސް އެ ވަގުތު ދިޔައީ ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރާ އިދިކޮޅު އާންމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މި ކުރިމަތިލުންތަކުގައި މިހާތަނަށް ހަ މީހުން މަރުވެފައިވާއިރު ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރަކުވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށްފަހު އަމިއްލައަށް މަރުވެފައެވެ. އަދި 200 ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ސްރީލަންކާގައި އިމާރާތެއް ރޭގައި އަންދާލަނީ

ރިޕޯޓްތައް ބުނާގޮތުން މަހިންދަ އާއި އޭނާގެ އާއިލާ ބޮޑުވަޒީރުގެ ގެކޮޅުން ރައްކާތެރިކަމާއެކު ނެރެވޭނެ ގޮތެއް ހެދުން ވެގެންދިޔައީ ރައީސް ގޮތަބަޔަ އަށްވެސް ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް ޖާސޫސުން މެދުވެރިކޮށް އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ގޮތަބަޔަ ސިފައިންގެ ޗީފް އޮފް ސްޓާފްއަށް އަމުރު ކުރެއްވީ ޚާއްސަ ބާރެއް ފޮނުވައިގެން އޭނާގެ ބޭބެ މަހިންދައާއި އޭނާގެ އާއިލާ ސަލާމަތް ކުރުމަށެވެ.

ގޮތަބަޔައަކީ ސްރީލަންކާގެ ރައީސްގެ ހައިސިއްޔަތުން ސިފައިންގެ އެންމެ އިސް ކޮމާންޑަރެވެ. އަނެއްކޮޅުން ގޮތަބަޔަ އަކީ ސްރީލަންކާ ސިފައިންގެ ކުރީގެ ޖެނެރަލެއް ވެސް މެއެވެ. އަދި ކުރިން ދިފާއީ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ގޮތަބަޔަގެ އަމުރަށް މަހިންދައާއި އާއިލާއަށް އެހީތެރިވުމަށް ދިޔަކަމަށް ވަނީ ސްރީލަންކާ ސިފައިންގެ ޚާއްސަ ބާރެކެވެ. އެބާރުން މަހިންދައާއި އާއިލާ ސަލާމަތް ކުރުމަށް ރޭ މެންދަމު ފެށި އަސްކަރީ އޮޕަރޭޝަން ނިންމައި މަހިންދައާއި އޭނާގެ އާއިލާ ރައްކާތެރި ތަނަކަށް ގެންގޮސްފައި ވަނީ މިއަދުގެ އިރުއަރަން ގާތްވެފައި ވަނިކޮށްކަމަށް ސްރީލަންކާގެ ބައެއް ނޫސްތައް ބުނެއެވެ.

މަހިންދަ ގެންދިޔައީ ކޮންތަނަކަށްކަން ސްރީލަންކާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އާންމުންގެ ބައެއް މީހުން ލަފާކުރާގޮތުގައި މަހިންދައާއި އާއިލާ ގެންގޮސްފައިވަނީ ވެރިރަށް ކޮލަންބޯއާ ދުރުގައިވާ ސިފައިންގެ މަރުކަޒަކަށެވެ.

މަހިންދަ ސަލާމަތް ކުރަން ސިފައިންގެ ޚާއްސަ ފައުޖުން ހިންގި އަސްކަރީ އޮޕަރޭޝަންގައި ބައެއް މީހުންނަށް އަނިޔާ ލިބިފައިވީނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އެ އޮޕަރޭޝަންގައި ކަރުނަގޭސް ބޭނުންކުރުމުގެ އިތުރުން އާންމުންނަށް ބިރު ދެއްކުމަށްޓަކައި މައްޗަށް އެތައް ފަހަރަކު ބަޑި ޖެހިކަމަށްވެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުގައި އެ ގައުމުގައި މިހާރު ކުރިޔަށް ދަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަން ދިގުލައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ އިސްވެރިންނާ އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ރައްޔިތުންގެ އުތުރި އެރުމެކެވެ.

އާންމުން ރިޔާސީ ސެކްރެޓޭރިއަޓްގެ ކައިރިއަށް އެއްވެފައި

މިކަން އިތުރަށް ގޯސްވެގެންދިޔައީ ސަރުކާރަށް ތާއީދުކުރާ ފަރާތްތައް އާންމުންނާ ކުރިމަތިލާން ނުކުތުމުގެ ސަބަބުންނާއި ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުންނެވެ. ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި ބޮޑުވަޒީރު މަހިންދަ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސްރީލަންކާގެ އާންމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު އިއްޔެ ހަވީރުން ފެށިގެން ވެރިރަށް ކޮލަންބޯގައާއި އެ ނޫންވެސް ސަރަހައްދުތަކުގައި ހިނގަމުންދާ އާދަޔާ ޚިލާފު ހަމަނުޖެހުންތަކުގައި އާންމުން ގެ ބަޔަކު ވަނީ އެ ގައުމުގެ ބައެއް އިސްވެރިންގެ ގެދޮރާއި ވިޔަފާރިތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި އަންދާލާފައެވެ.

އަންދާލި ތަންތަނުގެ ތެރޭގައި މަހިންދަގެ ދެ ގެއަކާއި ބައެއް ވަޒީރުންނާއި ޕާލަމެންޓް މެންބަރުގެ ގެތަކާއި ފިހާރަތައް ހިމެނެއެވެ. މިފަދަ 30 އަށްވުރެ ގިނަތަންތަނުގައި އާންމުން ހުޅުޖަހައި އަންދާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

comment ކޮމެންޓް