މޫދަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދިނުމުން ޒަހަމްވެއްޖެ

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހާ --- ފޮޓޯ: އެމްއެންޑީއެފް

މަސްވެރިކަން ކުރަމުންދިޔަ ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދިނުމުން ޒަހަމްވެއްޖެއެވެ.

މިޔަރެއް ހަމަލާދިނުމާ ގުޅިގެން ހާލު ދެރަވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެއްސަކަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ, އެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11 ޖަހަން ވެފައި ވަނިކޮށް ކަމަށެވެ. މިޔަރު ހަމަލާ ދީފައިވަނީ ޅ. އޮޅުވެލިފުށި ކައިރިން މަސްވެރިކަން ކުރަމުން ދިޔަ "ޝަނޯވާ" ދޯނީގެ ފަޅުވެރިއަކަށެވެ.

"އެ މީހާއަށް އިތުރު ފަރުވާދިނުމަށް، ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ވަނީ ފޯރުކޮށްދީފައި," އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގައި މިޔަރު ގިނަ ވުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ބާނާ މަސްތައްވެސް އޮޑިއަށް ނެގުމުގެ ކުރިން މިޔަރު ހިފައި ކައި ހަދައެވެ.

comment ކޮމެންޓް