ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވައްޓެރި ސްރީ ލަންކާގައި މިހާރު ހިނގާ ހަމަނުޖެހުންތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސްރީލަންކާގައި މިހާރު ކުރިއަށް ދަނީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަން ދިގުލައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް ރައްޔިތުންގެ އުތުރި އެރުމެވެ. މި އުތުރި އެރުމުގައި ސްރީލަންކާގެ ބައެއް އިސްވެރިންގެ ގެތަކާއި ފިހާރަތަކާއި ވެހިކަލް ފަދަ މުދަލުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތަކެއް ހިންގަމުން އެބަގެންދެއެވެ.
ސްރީލަންކާގައި ގާތްގަނޑަކަށް 15،000 އެއްހާ ދިވެހިން ދިރިއުޅެއެވެ. އިގްތިސާދީ ދަތިކަމުގެ ސަބަބުން މިފަހުން އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ރާއްޖެވެސް ބަދަލުވެފައެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުޙައްމަދު 'ސަން' އަށް ވިދާޅުވީ ދިވެހިންނަށް ޒަރޫރީ ކަމަކަށް ދަތިވެގެން ވެސް އަދި އަނިޔާއެއް ވެގެން ވެސް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަން އޮތް އިލްތިމާސަކީ ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ހުރިހާ ދިވެހިން ވެސް ސަމާލުވުން،" މިއުވާން ވިދާޅުވިއެވެ.
ވަކި ވަގުތެއް ނެތް ގޮތަށް މުޅި ލަންކާގައި މިހާރު ވަނީ ކާފިއުވެސް އިއުލާން ކޮށްފައެވެ.
ސްރީލަންކާގެ ބައެއް ނޫސްތައް ބުނާގޮތުން ރުޅިއައިސްފައިވާ އާންމުންގެ ބަޔަކުވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދެ ގެއަކާއި އޭނާގެ ފިހާރައެއްގައި ހުޅުޖަހާފައެވެ.
މީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ ބައެއް ޕާލިމެންޓް މެންބަރުންގެ ގެތަކަށާއި އެމީހުންގެ މުދަލަށް ހަމަލާދޭންވެސް ބައެއް އާންމުން މަސައްކަތްކުރާ ކަމަށް އެގައުމުގެ ބައެއް ނޫސްތައް ބުނެއެވެ.
މި ކުރިމަތިލުންތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ، ތަޅާފޮޅައި، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު މި ހަމަނުޖެހުންތައް ހުއްޓުވަން ސްރީލަންކާގެ ސިފައިންނާއި ފުލުހުން ކުރާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ސަރުކާރު ދެކެ ރުޅިއައިސްފައިވާ އާންމުންނާއި ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު ހިނގަމުންދާ މި ކުރިމަތިލުންތަކުގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާކަމަށް ސްރީލަންކާގެ ނޫސްތައް ބުނެއެވެ.
އެ ހަމަނުޖެހުންތަކުގެ ސަބަބުން ތިން މީހަކު މިހާތަނަށް މަރުވެފައިވާއިރު އޭގެ ތެރޭގައި ވެރިކަންކުރާ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރަކާއި އާންމުންގެ ދެމީހުން ހިމެނެއެވެ.