އެންމެން ހައިރާންވެފައި ބަލަން ތިއްބައި އައިޒަކް އިރަމްގެ އަތުގައި ހިފައިގެން ގޮސް އޮފީހުން ނުކުތެވެ. އިރަމް ގެންގޮސް ކާރަށް އަރުވާފައި، ގެއަށް ދިޔުމަށް ކާރު ދުއްވައިލިއެވެ. ގެއާއި ހަމައަށް ދެވެންދެންވެސް، ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެހާ ދުވަސްކޮށްފައި އައިޒަކް އައުމުން، ދައްކާނެ ވާހަކަ ގިނަވެގެންގޮސް، އިރަމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

********

"ނުފައިބާނަންތަ؟..." އިރަމް ސިހުނީ އައިޒަކް ކާރުގެ ދޮރު ހުޅުވައިލާފައި އޭނާ އާއި ދިމާއަށް ގުދުވެލުމުންނެވެ. އެ ނޭވާގެ އިހުސާސުން އެކަނިވެސް އިރަމްގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ.

އައިޒަކް ދިއްކޮށްލި އަތުގައި ހިފައިގެން އިރަމް ކާރުން ފޭބިއެވެ. މަގުމަތީގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. ހަނި ދުވާރުމަތިން ހިނގަމުންދިޔަ އަންހެން ކުދިންގެ ނަޒަރުތައް އިރަމްމެންގެ ޖޯޑަށް ހުއްޓިފައި ވިއެވެ. އެފަދަ އިއްޒަތްތެރިކަމަކަށް އެކުދިންވެސް އެދޭފަދައެވެ. ވާނީވެސް އެހެންތާއެވެ. ބައިވެރިޔާގެ ފަރާތުން އޯގާތެރިކަމާއި، އިއްޒަތްތެރިކަން ލިބުމަށް ބޭނުން ނުވާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟

"ބަލައިގެން..." އިރަމް ފައި އަޅައިލިގޮތުން އައިޒަކް އިރަމްގެ އުނަގަނޑުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ. ދުވާރުމަތިން ހިނގަމުންދިޔަ މީހުންގެ ގައިގައި ޖެހުނަ ނުދީ، ދުރުކޮށްލީ ހުށިޔާރުކަމާއި އެކުގައެވެ.

"އެންމެން އެ ބަލަނީ..." އިރަމް ލަދުން ދުރަށް ޖެހިލަން އުޅުނެވެ.

ގެއަށް ވަންގޮތަށް އައިޒަކްގެ އަތުގެ ހިމާޔަތް އިރަމްއަށް ދިނެވެ. ނުހަނު ލޯބިން ބައްދައިލިއެވެ. ކޮލަށާއި މުޅި މޫނަށް ބޮސްދިނެވެ. އިރަމް އުފުލާލައިގެން ގެންގޮސް ސޯފާގައި ބައިންދާފައި ކުޑަކަކޫ މައްޗަށްވާހެން މުށިތަކުގެ މަތީގައި އިށީނދެލިއެވެ. އެއަށްފަހު، އިރަމްގެ އުނގުމަތީގައި އޮތް ދެ އަތުގައި ހިފަހައްޓައިލިއެވެ.

"އައި މިސްޑް ޔޫ ސޯ މަޗް..." އިރަމްގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ، އައިޒަކް ބުނެލިއެވެ. "އަހަންނަށް އެނގޭ، އަހަރެން ނެތީމަ އިރޫ އުޅޭނެގޮތް... އަދި މިހާލުގަ..."

އައިޒަކް ކުއްލިއަކަށް އިރަމްގެ ބަނޑުގައި އަތް ޖައްސައިލިއެވެ. ލޯބިން ފިރުމައިލީ މަޑުމަޑުންނެވެ. އިރަމްގެ ދެލޯ ފެންކަޅިވެގެން ކަރުނަތައް ފައިބާކަށް ގިނައިރެއް ނުނެގިއެވެ. ބަނޑުގައި އޮތް ދަރިފުޅުގެ އެތައް ވާހަކައެއް، އެ ދަރިފުޅުގެ ބައްޕައަށް ބުނެދޭން އޭނާ އިނީ ނުހަނު ބޭނުންވެފައެވެ. އެފަދަ ފުރުސަތެއް ކައިރި މުސްތަގުބަލެއްގައި ލިބިދާނެ ކަމަށް އޭނާ ފަހަރެއްގައިވެސް އުއްމީދެއް ނުކުރެއެވެ.

"ސޮރީ... ވަރަށް ދެރަވެއްޖެ، އިރަމްއަށް އަހަރެން އެންމެ ބޭނުންވި ވަގުތު ދުރުގަ ހުރެވުނީމަ... އިރަމް ބޭނުން އެއްޗެއް އަހަންނާ ދިމާއަށް ކިޔުމުގެ ހައްގު އެބައޮތް... އަހަންނަށް އަދަބުދިނަސް އެއްވެސް ޝަކުވާއެއް ނުކުރާނަން..." އައިޒަކްގެ އަޑުގައި ރިހުމެއްގެ އަސަރު ވިއެވެ.

"އެއްޗެކޭ ބުނެބަލަ... ޕްލީޒް..." އިރަމް އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ އައިޒަކެވެ.

"އަހަންނަށް ނުވެސް ކެވޭ... ނުވެސް ނިދޭ... ނުވެސް އޮވެވޭ... ނުވެސް ކެއްކޭ..." އިރަމް ތުންފިއްތާފައި ވާހަކަ ދެއްކިގޮތުން އައިޒަކްގެ ކައިރިއަށް ހިނި އަންނަން އުޅުނެވެ.

އައިޒަކަށް އެންމެ ކަމުދަނީ އިރަމްގެ އެ ސިފައެވެ. އަމިއްލަ ހާލަތުގެ ޝަކުވާކޮށްލާ ލޯބިގޮތެވެ. އެ ޝަކުވާއަކީ އޭނާ އެހެން މީހެއްގެ ކައިރީގައި ކުރާނެ ޝަކުވާއެއް ނޫނެވެ. މާބަނޑުވުމުން އިރަމްގެ އެ ސިފަ މާ ބޮޑަށް ހަރުލައިފިހެން އައިޒަކަށް ހީވިއެވެ. މީހުންގެ ޝަކުވާ ކުރުމުގެ ބަދަލުގައި އިރަމް ދައްކާނީ އޭނާއާއި ގުޅޭ ވާހަކަތަކެވެ. އައިޒަކް އެހާ ދުވަސްކޮށްފައި ފެނުމުންވެސް، އޭނާ ކަންތައްކުރި ގޮތާއިމެދު އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އިރަމް ދެއްކީ، މާބަނޑުވުމުން ދިމާވާ އެކިއެކި މައްސަލަތަކުގެ ވާހަކައެވެ. އެއީ ކޮންމެ އަންހެނަކުވެސް އޭނާގެ ފިރިމީހާ އާއި ހިއްސާކުރަން އެންމެ ބޭނުންވާނޭ ވާހަކަތަކެވެ.

********

ސުހާ އާއި އަނޫފް އޮލަ ވާހަކައެއްގައި ތިއްބާ ސާމިޔާ ގޮސް ދެ މީހުންގެ މެދަށް ވަނެވެ. ސާމިޔާ ޖެހިގަތްގޮތުން އަނޫފްގެ އަތުގައި އޮތް ފައިލުވެސް ވެއްޓުނެވެ.

"ކިހިނެއްވީތަ ސާމިޔާ؟..." ސުހާ ހިތްހަމަނުޖެހިފައި އަހައިލިއެވެ.

"އެ އިރަމް ކާކު ކައިރިން ފަންޑިތަ ހެއްދީ؟..." ސާމިޔާ ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.

ސުހާއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ ވާނުވާ ނޭނގިފައި ހުރި އަނޫފްގެ މޫނަށެވެ. އޭގެ ފަހުގައި، ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެންމެންގެ ސަމާލުކަން އެ މީހުންނަށް ހުއްޓިފައިވާތީ ފެނުމުން، ސުހާ ވަކީން ބޮޑަށް ހިތްހަމަނުޖެހުނެވެ.

"ފަންޑިތައޭ؟..." ސާމިޔާ ބުނި އެއްޗެއް ފަހުމު ނުވެގެން ސުހާ އަހައިލިއެވެ.

"ތިކަހަލަ ކޫސަނި ސުވާލެއް ކުރަންތަ ރަސްމީ ގަޑީގަ ތިއައީ؟..." ވެއްޓިފައި އޮތް ފައިލު ނަގަމުން، އަނޫފް ބުންޏެވެ. "އެހެންނޫނަސް، ތި ސުވާލު ސުހާއާ ކުރުމުގެ މާނައަކީ ކޮބާ؟..."

"ކަލޭ މިކަމުގެ ތެރެއަށް ނުވަދެ ހުރޭ..." ސާމިޔާ އަނޫފާއި ދިމާއަށް އިނގިލި ދިއްކޮށްފައި އަމުރު ކުރިއެވެ.

"ސާމިޔާ ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔާބަލަ..." ސުހާ ހުރީ ވާނުވާ އެނގެން ބޭނުންވެފައެވެ.

"އެ އިރަމްއާ މިތަނުގެ ބޮސްއާ މެރީކުރަންޖެހޭ އެހެން ސަބަބެއް އަހަންނަކަށް ނުވިސްނޭ... ސުހާތީ އޭނަގެ އެންމެ ގާތްމީހާ... ނޭނގޭކަމަށް ނުހަދައްޗޭ..." ސާމިޔާ ބުނެލީ އަމުރުވެރި ރާގަކަށެވެ.

"މެރީކޮށްގެންނޭ؟... އިރަމްއާ ސައްތާރުއާ؟..." ސާމިޔާއަށްވުރެ ބޮޑަށް އަނޫފްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. "ސުހާ... ކީކޭތަ ސާމިޔާ އެކިޔަނީ؟...."

ސާމިޔާއަށް ހަގީގަތް އެނގިއްޖެކަން އެނގުމުން، ސުހާ އިތުރަށް ސިއްރުކުރާކަށް ނޫޅުނެވެ.

"ފަންޑިތައޭ؟... ލޯތްބަކީ ފަންޑިތަ ވެއްޖެއްޔާ، އާނ... އިރޫ އެ ފަންޑިތަ ހަދައިފި... އެހެނޭ ކިޔާފަ ދެން ސާމިޔާއަށް ކީއްކުރެވޭނީ؟... އޭނ؟... އެއީ ނުވާ ކަމަކަށް ހެދޭނެ؟... ދެންވެސް، ތިހެން ނުހުރެ، ގޮސް އިރޫގެ ކައިރިން މާފަށް އެދެން ތައްޔާރުވެބަލަ... އެހެންނޫނީ ތި ޖޮބް ސަލާމަތްވާނެ ކަމެއްވެސް ކިހިނެއް އެނގެނީ؟..." ސުހާއަށް އައު ޖޯޝެއް ލިބުނެވެ. ސާމިޔާ ބިރުގަންނަވާލާފައި އަނޫފްގެ އަތުގައި ހިފައިގެން އޭނާ އަވަހަށް އެތަނުން ދިޔައެވެ.

"ސުހާ މަޑުކޮށްބަލަ... އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ... އިރަމް ކީއްވެހޭ އެ ސައްތާރާ އިނީ؟... ކީއްވެ މުސްކުޅިއަކާ؟..." ޝަކުވާގެ ރާގަކަށް އަނޫފް ސުވާލުކުރިއެވެ.

ސުހާ ހަގީގަތް ކިޔައިދިނުމުން، އަނޫފްގެ ހަނދާނަށް އައީ މާޒީގައި ދިމާވި ކަންތައްތަކެވެ. އައިޒަކްގެ ކުރިމަތީގައި އިރަމް އާއިއެކު އުޅެވިފައި ހުރި ގޮތެވެ. އެވަގުތުތަކުގައި އައިޒަކަށް ވާނެގޮތް އެނގުމުން އަނޫން ރީއްޗަށް ރަކިވިއެވެ.

********

އިރަމް ހުރީ އެތައް ކަމެއް އެނގެން ބޭނުންވެފައެވެ. ޒިވިއަން ކޮބައި ހެއްޔެވެ؟ އައިޒަކް ކުރަން ދިޔަ ކަންތައް ކާމިޔާބުވި ހެއްޔެވެ؟ އިރަމް ސުވާލެއް ކުރުމުގެ ކުރިން އައިޒަކް އިސްނެގީ އެހެން ކަމަކަށެވެ. އެ ކަމަށް އިރަމްއަށްވެސް އިޖާބަ ދެވުނެވެ. ދެމީހުންގެ މެދުގައި ހޭދަވެގެންދިޔަ އުފާވެރި ވަގުތުކޮޅު ނިމުނުއިރު، އިރަމް ހަމައަކަށް އެޅިއްޖެއެވެ. ހިތުގެ ޝަކުވާތައް ފިލައިދިޔަ ނަމަވެސް، އައިޒަކްގެ ކައިރީގައި ޝަކުވާކޮށްލަން އޭނާ ބޭނުންވިއެވެ. އައިޒަކްގެ އަތުގެ ތެރޭގައި އޮށޯވެލައިގެން އިރަމް އޮތީ، ފުން ވިސްނުމެއްގެ ތެރޭގައެވެ.

"ކޮން ކަމަކާ ތި ވިސްނަނީ؟..." އައިޒަކް ވަރަށް ހަމަޖެހިލާފައި ސުވާލުކުރިއެވެ.

"ޒިވިއަން..." އިރަމްއަށް ބުނެވުނެވެ.

"އަލްހަމްދުލިﷲ... ކުރަންދިޔަ ކަންތައް ކާމިޔާބު... ޒިވިއަންވެސް އަހަންނާ އެކީ މިކޮޅަށް އައި އެބައުޅޭ... މާދަމާ ޒިވިއަން ކައިރިއަށް ދާނީ ދޯ..." އައިޒަކްގެ އުފާވެރިކަން އޭނާގެ އަޑުންވެސް ހާމަވިއެވެ.

"ތޭންކް ޔޫ... ތޭންކް ޔޫ އެނބުރި އަހަރެން ކައިރިއަށް އައީމަ... އެހެންނޫނީ އަހަރެން ހާދަ އެކަނިވާނޭ..." އިރަމްއަށް ރޮވޭގޮތްވިއެވެ. އައިޒަކްގެ އަތުގެ ތެރޭގައި ވީހާވެސް ބޮޑަށް އޭނާ ބޮނޑިވެލިއެވެ.

"އަހަރެން ކިހިނެތް މިކުއްޖާ ދޫކޮށްލާފަ އެހާ ފަސޭހައިން ދުރުގަ ހުންނާނީ... އެހާވެސް ބޮޑަށް މިސްވޭ..." އައިޒަކް އިރަމްގެ ނޭފަތުގައި ހިފައިލިއެވެ.

"ދެން ކީއްވެ ކޮންމެ ދުވަހަކު ނުގުޅީ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.

"އެހާ ވަރަށް މިކުއްޖާވެސް އަހަރެންމަތިން މިސްވިތަ؟..." އައިޒަކް ލާނެތްގޮތަކަށް ސުވާލުކުރިއެވެ.

"ނުވޭ..." އިރަމް ތުންފިއްތައިލިއެވެ.

"ސޮރީ..." އައިޒަކް ދެރަވިއެވެ. "އަހަރެން ކުރަން އުޅުނު ކަންތަކަށް ހިތްވަރު ނުލިބިދާނެތީ ނުގުޅީ... އެހެންވެ މެސެޖުން ވާހަކަ ދެއްކީ... އަހަރެން ބޭނުމެއް ނޫން އިރޫ ހާސްވާކަށް... އެކަމަކު އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އެނގިއްޖެ... އެހެން ހެދީމަ އިރޫ މާބޮޑަށް ހާސްވާނެކަންވެސް އެނގިއްޖެ... ދެން ދުވަހަކުވެސް އެގޮތަށް އިރޫ އެކަނިކޮށްލާފަ އެއްވެސް ތާކަށް ނުދާނަން... އައި ޕްރޮމިސް..."

"އަހަރެން މާ ބޮޑަށް ހަނދާންވީ..." އިރަމް ވަރަށް މައުސޫމު ގޮތަކަށް ބުނެލިއެވެ.

"އިރަމް އަހަންނާއެކީ ހުރީތީ އަހަރެން މިއަދު ޝުކުރު ކުރަން... އިރަމް ބުނީ ތެދެއް... ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫން..." އައިޒަކް އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ.

"އަހަރެން ކޮންއިރަކުތަ ދޮގު ހެދީ..." އިރަމް ތުއިވެލިއެވެ.

"މިއޮއް ހުރިހާ ދުވަހު އަހަރެން ހީކުރީ، ޒިވިއަން ގަސްދުގަ ފިލީ ކަމަށް... މަންމައަށް ކިޑްނީ ހަދިޔާކުރަން ޖެހިދާނެތީ..." އައިޒަކްގެ އަޑު ކުރެހުނެވެ. "އެހެންވެ، މަންމަގެ މަރުގެ ޒިންމާ އަހަންނަށް އެޅުވުނީ ޒިވިއަންގެ ބޮލުގަ... އެކަމަކު ހަގީގަތަކީ އެއީއެއް ނޫން... މަންމަގެ ކަންތައް އެނގުމުން، ޒިވިއަން އޭނާގެ ކިޑްނީ ހަދިޔާކުރަން މަސައްކަތްކުރި... އެކަމަކު، އޭރުވެސް ޒިވިއަންގެ އެއް ކިޑްނީ އޮތީ ފެއިލްވެފަ... އަނެއް ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާތީ، ޒިވިއަންގެ ބައްޕަ އޭނަ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައީ... މަންމަ ނިޔާވިއިރު، ޒިވިއަން އޮތީ، އައިސީޔޫގަ.... ޒިވިއަން ދެރަވާނެވަރު މިއަދު އަހަންނަށް އިހުސާސް ކުރެވޭ... މަންމަ ލޮލަށްވެސް ނުފެނި ވަކިވެދިޔުމަކީ މާ ވޭން ހުރި ކަމެއް... މަންމަގެ ފަހު ވަގުތުވެސް ޒިވިއަންއަށް މަންމަގެ ކައިރީ ހުރެލުމުގެ ނަސީބެއް ނުލިބުނު..."

އިރަމް ދެރަވެގެން އައިޒަކްގެ ގައިގައި ބައްދައިލިއެވެ. ބުރަކަށީގައި ފިރުމައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ލޯބިވާ މަންމަ ވަކިވެދިޔުމުން ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރުވާނެއެވެ. އިރަމްގެ މަންމަ އޭނާއާއި ދޭތެރޭ ކިތަންމެ ގޯސްކޮށް ކަންތައް ކުރިނަމަވެސް، އެ މަންމައަށް ދެރަގޮތެއް ވެއްޖެނަމަ، ހުދު އިރަމްއަށްވެސް ވާނީ އެހެންނެވެ.

"ދެރަނުވޭ... މިއަށްވުރެ މާ އުނދަގޫ ދުވަސްތަކުގަވެސް ޒެކް ހިތްވަރު ކުރީނުދޯ..." އިރަމް ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގަކަށެވެ.

"ވަގުތު ފާއިތުވިނަމަ، އަހަންނަށް އަހަރެންގެ ނަފުސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ..." އައިޒަކްގެ އަޑު ކުރެހުނެވެ. "އިރަމް ނެތްނަމަ..."

"ދެން ތިވާހަކަ ނުދައްކާ... ޒެކް ރަނގަޅުވީމައެއްނު ހަގީގަތް ނޭނގެނީސް، ޒިވިއަންއަށް މާފުކޮށްފަ، އޭނައަށް އެހީވީ... ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ، އާއިލާއަށް އިސްކަންދިނީ... މާ ފަހުންނެއްނު ހަގީގަތް އެނގުނީ..." އިރަމް އައިޒަކްގެ ހިތާމަތައް ދުރުކޮށްދޭން މަސައްކަތް ކުރިއެވެ.

"މީ އަހަންނަށް ލިބުނު އެންމެ އަގުބޮޑު އެކަތި..." އައިޒަކް އިރަމްގެ ކޮލުގައި ފިރުމައިލަމުން ބުނެލިއެވެ.

"މިހާރު އަހަރެން ތި ހަދާލީ އެއްޗަކަށްތަ؟..." އައިޒަކް ހެއްވައިލުމަށް، އިރަމް ރުޅި އަންނަކަމަށް ހެދުނެވެ.

ކަންތައްވީ އިރަމް ބޭނުންވި ގޮތަށެވެ. އައިޒަކް ލުއި ހިނިގަނޑެއް ޖަހައިލިއެވެ. އިރަމް ހަމައަކަށް އަޅުވަން މަސައްކަތް ފެށިއެވެ. އައިޒަކް އިރަމް ހެއްވައިލިއެވެ. އައިޒަކްގެ ގޯނާތަކުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައިރުވެސް، އިރަމްއަށް ހެވެނީއެވެ. ދެމީހުން އެއްފަހަރާ ހެމުންދިޔައިރު، ހިތާމަތައް އެއްފަރާތްކޮށް އުފާވެރިކަމަށް ދިރިއުޅުމުގެ އައު ބާބެއް ހުޅުވައިލި ކަހަލައެވެ. އަޑިގަނޑަކަށްފަހު އުސްކަމެއް އަންނާނޭ ފަދައިން ކޮންމެ ހިތާމައަކަށްފަހު، އުފަލެއްވެސް ވެއެވެ.

********

އައު ދުވަހަކަށް އިރު އެރި އިރުވެސް ވިޝްކާ އޮތީ މާކިން އާއި ގުޅައިގެންނެވެ. އިދާން ބޭރުގައި އުޅެފައި އައިސް ގެއަށް ވަންއިރު، ހުރީ ވަރުބަލިވެފައެވެ. ވީ ކީއްތޯ ސުވާލުކުރާކަށްވެސް ވިޝްކާ ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ އޮތީ އިދާންދެކެ ރުޅި އައިސްފައެވެ. ވާހަކައެއް ދައްކަން އުޅޭފަދައިން އިދާން ގޮސް ވިޝްކާގެ ކައިރީގައި އިށީނެވެ. ވިޝްކާ ފޯނު ބާއްވާފައި ޓީވީ އަޅުވައިލިއެވެ.

"އަދިވެސް ދޮންބެދެކެ ރުޅި އައިސްފަތަ؟..." އިދާން ސުވާލުކުރިއެވެ.

ވިޝްކާ ދެންވެސް އަނގައިން ނުބުންޏެވެ. އިދާން އާއި ދިމާއަށް ބަލައިވެސް ނުލިއެވެ.

"ދޮންބެ ބަލިވެއްޖެއްޔާ، އަޅާލާނަންތަ؟..." އިދާންގެ އަޑު ތުރުތުރުލައެވެ.

ވިޝްކާ ކަންބޮޑުވެފައި އިދާންގެ މޫނަށް ބަލައިލިއެވެ. އިދާން އިނީ ފެންކަޅިވެފައެވެ. އެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން އޭނާ ހެދީ ދޮގެއް ނޫންކަން ވިޝްކާއަށް އެނގުނެވެ.

"ދޮންބެ މިއުޅެނީ އަނގައިގަ އެއްޗެހިތަކެއް ނަގައިގެން... ވަރަށް ދުވަސްވެއްޖެ ރަނގަޅަށް ނުކެވޭތާވެސް... ޑޮކްޓަރ ބަލާފަ ބުނީ، ހީވަނީ މައުތް ކެންސަރ ހެންނޭ..." އިދާން އިސްޖަހައިލިއެވެ.

"ޓެސްޓް ހަދައިފިތަ؟..." އެހެން ހުރިހާ ކަމަކަށްވުރެ އިދާން މުހިއްމުވާ ފަދައިން ވިޝްކާ ސުވާލުކުރިއެވެ.

"އަދި ނަތީޖާއެއް ނުލިބޭ..." އިދާން ބުންޏެވެ.

"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... އިންޝާﷲ ދޮންބެއަށް ދެރަގޮތެއް ނުވާނެ..." ވިޝްކާ އިދާންގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

އިދާން ފާޑަކަށް ހީލާފައި ތެދުވެގެން ދިޔައީއެވެ. ވިޝްކާއަށް އިނދެވުނީ އެކަމާއި ވިސްނާށެވެ. އިދާން ހެދީ ދޮގެއް ހެއްޔެވެ؟ ނޫނީ އެއީ ތެދަކަށް ވާނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު