ސިފްކޯގެ ކެޕޭސިޓީއަށް ވުރެ ބޮޑު މަސައްކަތްތަކެއް ހަވާލުކުރި މައްސަލަތަކެއް

-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިފައިންގެ ކޯޕަރޭޓިވް ކުންފުނި، ސިފްކޯއަށް އެ ކުންފުނީގެ ކެޕޭސިޓީއާއި ނުބައްދަލު މަސައްކަތްތަކެއް އެމްއެންޑީއެފުން ހަވާލުކުރި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 21ވަނަ ދުވަހު އާންމުކުރި އެމްއެންޑީއެފްގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެފަދަ ތިން މަޝްރޫއެއް ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެމްއެންޑީއެފްގެ ނުވަ ބުރީގެ އިމާރާތަށް ފަރުނީޗަރު ފޯރުކޮށްދިނުން
  • ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގެ މަސައްކަތް
  • އެމްއެންޑީއެފް ހުޅުލޭ ޕޯސްޓު ރީލޮކޭޓްކުރުން

މި ތިން މަސައްކަތުގެ ޖުމްލަ އަހު 25 މިލިއަން ރުފިޔާއަށް އަރައެވެ. އަދި 2020 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫއުތަކަށް 18.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައެވެ. އަދި އެޑްވާންސް ފައިސާގެ ގޮތުގައި އެ މަސައްކަތަތަކަށް 9.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ނަމަވެސް، މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އަދި، އެކަމުގެ މައިގަނޑު ސަބަބަކީ ސިފްކޯގެ އޮޕަރޭޝަނަލް ކެޕޭސިޓީއަށް ނުބަލާ މަސައްކަތް ހަވާލުކުރުން ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން، މަސައްކަތް ހަވާލުކުރާ ފަރާތަކީ މާލީ އަދި ފަންނީ ގާބިލުކަން ހުރި ފަރާތެއްތޯ ބެލުމަށާއި، މަސައްކަތުގެ މުއްދަތު އިތުރުކުރަން ޖެހޭ ހާލަތުގައި ފުރަތަމަ މުއްދަތު ހަމަވުމުގެ ކުރިން ލިޔެކިޔުންތައް އާކުރުމަށް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.

މީގެ އިތުރުން ވެސް އެ ރިޕޯޓުގައި އެމްއެންޑީއެފަށް ލިބެންޖެހޭ 4.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެއީ 2019ވަނަ އަހަރުގެ ރިޕޯޓުގައި ވެސް ފާހަގަކުރި މައްސަލައެއް ކަމަށާއި، ނަމަވެސް އެކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް އޮޑިޓް އޮފީހުން ފާހަގަކުރެއެވެ.

އޮޑިޓާ ޖެނެރަލް ވަނީ ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައިވާ ފިޔަވަޅުތައް ކަނޑައެޅިގެންވާ މުއްދަތުގައި އަޅަމުން ދިޔުމަށާއި، އެ ފައިސާ ހޯދުމަށް ފަހު، ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާކޮށް، ހިސާބުތަކަށް ވައްދާ، ރީކޮންސައިލް ކުރުމަށް ލަފާދީފައެވެ.

comment ކޮމެންޓް