ހިޔާ ފްލެޓްގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ހިޔާ ފްލެޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ދެ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނިގޮތުގައި، ކެމެރާ ހަރުކޮށްފައި ވަނީ ޓަވަރު 13 އަދި 14 ގައެވެ.

އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖަރު ޢަލީ ވަޖީހު ވިދާޅުވީ، ހިޔާ ޓަވަރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

ބާކީހުރި ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

"ސީސީޓީވީ ޕްރޮޖެކްޓުގައި، މައިގަނޑު ބިލްޑިންގެ ތެރޭގެ ހުރިހާ ކޮމަން އޭރިއާސްތަކެއް ކަވާ ކުރާނެ. އޭގެ ތެރޭން، ބޭސްމެންޓް ކަވާ ކުރާނެ، ދެން ހުރިހާ ކޮރިޑޯތަކެއް. އޭގެ އިތުރުން ލިފްޓުތައް ވެސް އަދި ޓެރަސް ވެސް އޭގެ ތެރޭގައި ހިމެނޭނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ، ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ސަބަބުން ޓަވަރުތަކުގައި މިހާރު ދިމާވާ އެކި މައްސަލަތަކަށް ހައްލެއް އަންނާނެ ކަމަށެވެ.

"މިގޮތުން ކުނީގެ މައްސަލައާ، ދިމާވާ އިތުރު ކްރިމިނަލް އެކްޓިވިޓީސްތައްވެސް މީގެ ސަބަބުން މަދުވާނެ ކަމަށް ގަބޫލުކުރަން،" ވަޖީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުރިހާ ޓަވަރެއްގެ ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެ ކަމަށް ޕްލޭން ކުރާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ސެކިއުރިޓީ އައުޓްސޯސްކޮށް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ހިޔާ ސެކިއުރިޓީ ހަވާލު ކޮށްފައި ވަނީ ވެށި ޕްރައިވެޓް ލިމިޓެޑާއެވެ. ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، ފެބްރުއަރީން ފެށިގެން ސެކިއުރިޓީ ދޭން ފަށާފައި ވާކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން އޭރުން ފެށިގެން ހިޔާގެ ގްރައުންޑް ފްލޯގައި ސެކިއުރިޓީ ގާޑެއް ހުރެއެވެ. އެޗްޑީސީން ބުނީ، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން ދާނެ ކަމަށާއި، ހުށަހަޅާ މައްސަލަތަކާއި ދިމާވާ ހާދިސާތައް ބަލާނެ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުން ވައްކަން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރެވެ.

comment ކޮމެންޓް