ރާއްޖެއަށް އެތެރެކުރި 21 މިލިއަން ރުފިޔާގެ "ކޮކެއިން" މައްސަލައިގައި ދެ މީހަކު ހައްޔަރަށް

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮކެއިން: ރާއްޖެއަށް އެތެރެކުރި 21 މިލިއަން ރުފިޔާގެ "ކޮކެއިން" މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައި --

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 21 މިލިއަން ރުފިޔާގެ "ކޮކެއިން" މައްސަލައިގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި މައްސަލައާ ގުޅުވައިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނެއް ކަމަށެވެ. މި ދެމީހުންނާ ގުޅޭގޮތުން އިތުރު ތަފުސީލެއް އޮފިޝަލް ނުދެއްވައެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލެއްގެ ތެރެއިން ފެނުނު، ފަސް ލައްކަ ރުފިޔާގެ "މެތްއެމްފެޓަމިން" މައްސަލައިގައި ވެސް ފުލުހުން ވަނީ އުމުރުން 18 އަހަރުގެ ޒުވާނެއް ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް