ބޮޑު ތަފާތަކުން މޮޅުވެ ސިޓީ އެއް ވަނަ އަށް

ސިޓީއާއި ނިއުކާސަލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން މޮޅުވެ މެޗެސްޓާ ސިޓީން އެއް ވަނައަށް ޖެހިލައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި މިރޭގެ މެޗަށް ނިކުތްއިރު އެ ޓީމު އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއީ އެއް ވަނަ މަގާމުގައި އޮތް ލިވަޕޫލާ ޕޮއިންޓުގެ ގޮތުން އެއްވަރުވުމުންނެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

މެޗުން މޮޅުވެ ލީގު ހޯދުމުގެ ރޭހުގައި ކުރިއަށް ޖެހިލުމުގެ ފުރުސަތު ސިޓީއަށް އޮތްއިރު، އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދާފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގާދީފައިވަނީ ރަހީމް ސްޓާލިންއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖައޯ ކަންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދީފައިވަނީ އައިމެރިކް ލަޕޯޓޭއެވެ.

ސިޓީގެ ފަހު ތިން ލަނޑު ފެނިފައިވަނީ ދެ ވަނަ ހާފުގައެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސިޓީގެ ތިން ވަނަ ލަނޑު ރޮޑްރީ ޖަހައިދިނީ ކެވިން ޑި ބްރައިނާގެ އެހީތެރިކަމާއެކުއެވެ.

ސިޓީގެ ފަހު ދެ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފަހު ވަގުތުގެ ތެރޭގައެވެ. އެގޮތުން 90 ވަނަ މިނެޓުގައި ފިލް ފޮޑެން ޖަހައިދިން އިރު، އިތުރަށް ދެއްކި ތިން މިނެޓުގެ ތެރޭގައި ފަސް ވަނަ ލަނޑު ޖަހައިދިނީ ސްޓާލިންއެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ސިޓީ އެއް ވަނަ މަގާމުގައި އޮތީ 35 މެޗުން 86 ޕޮއިންޓު ހޯދައިގެންނެވެ. ސިޓިގެ ފަހަތުން ލިވަޕޫލް ދެ ވަނަ މަގާމުގައި އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން ލިބުނު 83 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް