"ހުރިހާކަމެއްގައިވެސް ﷲއަށް ވަކީލުކުރައްވާށެވެ. ތިބާއަށް އުފާވެރިކަމާއި ހިތްހަމަޖެހުން އަދި ކެތްތެރިކަން ދެއްވާ ފަރާތަކީ އެއީއެވެ. ހިތްވަރު އެލި ކަކޫމައްޗަށް ތިރިވާހިނދު ސާބިތުކަން ދެއްވާ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރުވެސް ދެއްވަނީ އެފަރާތުންނެވެ."

***

އަސްލަން ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ޚައިރާއިނީ ރީތިވާ މޭޒުކައިރީގައެވެ. ރަތްކުލައިގެ މިޑީހެދުމެއްލައިގެން ތުންފަތުގައި އެކުލަ ޖައްސާލައިގެން އިންއިރު އިސްތަށިގަނޑުވެސް އެހާ ސްޓައިލިޝްކޮށް ކޮނޑުމައްޗަށް ވިހުރުވާލާފައެވެ. ފިނިކަމުގެ ތެރޭގައި ހިފާފައިވާ މަލެއްގެ މީރުވަހުން ސިކުނޑި ތާޒާކުރުވާވަރުވެއެވެ. ހިތާމައާއި މާޔޫސްކަމުގައި އުޅޭ ކުއްޖަކު މިހާ ރީތިވެލައިގެން ދާން އުޅެނީ ކޮންތަނަކަށް ބާވައޭ ހިތަށް އަރާފައި އަސްލަންގެ ހިތަށް އުފާވެރިކަމެއްވެސް ލިބުނެވެ.

"ޚައި......ޕާޓީއަކަށްތަ؟"

"އެހެން ތަނަކަށް......." ޚައިރާ ގެ ލޮލުގައި ވި މާޔޫސްކަން އަސްލަންއަށް ފެނުނެވެ." އެލީއަށް ވިޒިޓްކުރަން..."

"އެކަނި؟" އަސްލަން ހައިރާންވިއެވެ.

"ހޫމް....އައި ހޭޓް ޕީޕްލް....." ޚައިރާ ފާޑަކަށް ލޯ އަޅައިލިއެވެ." ޕްލީޒް ދޭބަލަ...."

އަސްލަން އަވަހަށް އަމާންދޭފަދަ ގޮތަކަށް ދެއަތް ހިއްލާލާފައި ބޭރަށް ނުކުމެ ދޮރު ލައްޕާލުމަށްފަހު ނިތްކުރީގައި ފިރުމައިލިއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވިކަމުގެ ކުލަވަރު މޫނުމަތިން ފެނުނެވެ. ޚައިރާގެ މިޒާޖާއި އަމަލު ހުންނަގޮތުން ތެރަޕީއަށް ބޭނުންވާކަން އޭނަ ދަނެއެވެ. ނަމަވެސް އެކުއްޖާ އެއްބަސްވެގެން ނޫންހެއްޔެވެ؟

***

ޚައިރާ ގަބުރުސްތާނަށް ޒިޔާރަތްކޮށް އެލީސާގެ މަހާނަ ކައިރީގައި އިނދެ ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު ނުކުމެގެން އައިގޮތަށް ކާރަށް އަރައިގެން ދުއްވާލީ ގެހުރި ދިމާލަކަށް ނޫނެވެ. ދުވެލި ބާރުކުރަމުންގޮސް އެކްސިޑެންޓެއްވާނެއޭ ހީވިފަހަރުވެސް އައެވެ. އެއްވެސް ފަރުވާލެއްނެތި ހިތަށް އެރިގޮތަކަށް ދުއްވަމުންގޮސް މަޑުކޮށްލީ އުސް ފާލަމެއްގެ ކައިރިއަށެވެ. ޚައިރާ ކާރުގެ ދޮރު ބަންލާފައި އަތުކޮޅަށް ޖަހައިލިގޮތަށް ފައިންވެސް ކާރުގައި ޖެހީ އެތެރެހަށީގައި ހުރި ހުރިހާ ރުޅިވެރިކަމަށް ކާރަށްވެސް ބާލާފަދަ ގޮތަކަށެވެ. ސިންގާއެއްގެ ރުޅިއާއިގެން އެ ދިޔަ ބާރުމިނުގައިގޮސް ބްރިޖްގެ ރެއިލިން ގައި އަތް އަޅާލައިގެން ތިރިއަށް ބަލަން އިރުގަނޑެއްވާންދެން ހުއްޓެވެ. ތިރިން ފެންނާން ހިމޭންކަމާއެކު ނިދާފައި އޮތް ކޯރެކެވެ. އެތަނުން ފުންމާލައިގެން ގޮސް ޖެހޭއިރަށް އޭނަގެ ފުރާނައާއި ހަށިގަނޑު ދެތަންވާނެކަންވެސް އެނގުނެވެ. އަމިއްލަ ފުރާނައަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހުރި ޚައިރާގެ ލޮލަށް އެވަގުތުވެސް ފެނުނީ ހާރިސްގެ މޫނެވެ. އެ ހިތްގައިމު އަޑެވެ.

"ޔޫ ކިލްޑް މީ.......ޔެސް. ޔޫ ޑިޑް..." ޚައިރާ ބަލާކަށް ނުހުރެ ރެއިލިން މައްޗަށް ކޮޅަށް ތެދުވިގޮތަށް ދެފައި ރެއިލިން ގަނޑުން ކައްސާލިއެވެ. އެއާއެކު ކޮންމެވެސް މީހަކު އޭނަގެ ފައިގާ ހިފެހެއްޓިކަން އެނގި ތެޅިގަނެވުނީ އެމީހެއްގެ އަތްދަށުން ސަލާމަތްވުމަށެވެ.

"ދޫކޮށްލާ...."

"ޚައި.....ހަމަޖެހިބަލަ....ކާމްޑައުން ސްވީޓްހާޓް..." އަސްލަން ޚައިރާ ގެނެސް މޭގައި ޖައްސާ ބޮނޑިކޮށްލައިގެން ހުރެ ޚައިރާ މަސަލަސްކުރަން މަޑުމަޑުން ވާހަކަދެއްކިއެވެ. ޚައިރާއަށް ރޮވެންފެށުނެވެ.

"އެއްވެސް މީހަކު އަހަރެންދެކެ ލޯތްބެއްނުވޭ. ދޮންބެވެސް ލޯބިވާކަމަށް ނަހަދަބަލަ. އަހަރެން މަރުވިޔަދީ. އޭރުން އަހަންނަށްވެސް މާފަސޭހަ. ދުނިޔޭގައި އުޅެން ބޭނުމެއްނޫން....."

ޚައިރާގެ ހިތުގައިވާ ޝަކުވާތައް ކޮންމެވެސް ވަރަކަށް ބަންޑުންކޮށްލިއެވެ.

***

ޚައިރާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށްފަހު ގޮވައިގެން ގެއަށް އައިގޮތަށް އަސްލަން އޭނަގެ މަންމައާއި ބައްޕައަށް ގުޅިއެވެ. ކޮއްކޮގެ ހާލަތު ބަޔާންކޮށްދިނެވެ. އަމިއްލައަށް މަރުވުމުގެ ޚިޔާލުކުރުމުގެ ސަބަބުން ކޮންމެވެސް މީހަކު ޚައިރާގެ އަމަލުތައް ކައިރިން ބަލަން ޖެހޭނެކަން އޭނައަށް އެނގެއެވެ. މަންމަގެ ހިމޭން ކަރުނަތަކާއި އެކު ބައްޕަގެ އިރުޝާދުތައް އޭނަ އަޑުއެހިއެވެ. ކޮއްކޮގެ ޒިންމާ ނަގަން ޖެހުމުން އޭނަ ވަގުތީގޮތުން ޗުއްޓީއެއް ނަގައިގެން ގޭގައި ހުންނަންވެސް ނިންމިއެވެ.

ސިއާރާއަށް ލިބެމުން ދިޔަ އަގުބޮޑު ގަހަނާތަކާއި ސެންޓާއި މަލާއި ޗޮކްލެޓްފަދަ ތަކެތި ކޮޓަރީގައި ބަހައްޓާފައި ހުރީ ބޭނުން ކުރުމުގެ ނިޔަތެއްގައެއް ނޫނެވެ. މިގެއިން ދާންދެން އަސްލަން ހައްލާލައިގެން އުޅެން ޖެހެއެވެ. އެހެންނޫންނަމަ އެ ފިރިހެނާ ބަދަލުހިފަން ކޮންމެފަދަ ގޮތެއް ހަދާފާނެއެވެ.

އަސްލަންއާއި ޚައިރާ ކޮމެޑީއެއް ބަލަން ތިއްބާ ސިއާރާ ވަނެވެ. ފިޔާތޮށި ސްވެޓަރފޮތީގެ ހެދުމެއްގެ މަތިން ދިގު ޖެކެޓެއްލާފައި ހުރިއިރު ކުޑަ ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލާފައެވެ. އަތުގައި އޮތީ ކުޑަ ޚަތިމެކެވެ.

އެ ފެނުމުންވެސް ޚައިރާ އަށް "ޓްރިގާ"އަކަށް ވިއެވެ. ވަގުތުން ލޯ ފުރުނީ ކަރުނުންނެވެ.

"ސިއާރާ. ކީއްވެ ތި ހިފައިގެން މިގެއަށް އައީ؟" ޚައިރާ ހަޅޭއްލަވައިގަތެވެ.

"ޚައި....ވަޓް ހެޕެންޑް..." ސިއާރާގެ މޫނަށް ހައިރާންކަމުގެ ކުލަ ވެރިވުމާއެކު ޚަތިމް މެޔާއި ބޮނޑިކޮށްލެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި ޚައިރާ އައިގޮތަށް ޚަތިމް ދަމައިގަންނަން އުޅުމުން އަސްލަން ކޮއްކޮ ހުއްޓުވަން މަސައްކަތްކުރިއެވެ." ތީ އީވިލް އަންހެނެއް. ގަސްތުގައި އަހަރެން ރުޅި އަރުވަން ތި ދީން ޕްރޮމޯޓްކޮށް އެ ދީނަށް ވައްދަން މަސައްކަތްކުރަނީނު. އައި ހޭޓް ޔޫ.މިތަނުން ދޭ، މިގެއިންވެސް ދޭ...."

ސިއާރާ އަނެއް ފަރާތަށް އެބުރުނެވެ. އެގެއިން ދާން މީހަކު ނުބުނެގެން ހުރިފަދައެވެ. އަސްލަން ސިއާރާގެ ކުރިބެއްދިއެވެ." ޚައި މީން ކޮށްފަ ބުނި އެއްޗެއް ނޫން. ކޮންމެވެސް ކަމަކާއިހުރެ ސިކުނޑިއަށް އަސަރުކޮށް މަައްސަލަ ޖެހިގެން ތެރަޕީވެސް ނަގަމުން މިދަނީ. ބައްޕަ އެދިލެއްވީ އިހަށް ކޮއްކޮ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޑޮކްޓަރެއްގެ ބެލުމުގެ ދަށުގައި ބަހައްޓަން. އެހެންވެ ޚައި އެތަނަށް ގެންދަން މިއުޅެނީ. ސިއާރާ ވިސްނޭ ކުއްޖާ ވިސްނަން ޖެހޭނެ ދޯ....."

ޚައިރާވެސް ރުޅިގަނޑު މައިތިރިވުމުން ދެރަވެ ކުޝަންގައި މޫނު ފޮރުވާލައިގެން ހިމޭނުން އިނެވެ.

"އޯ....އައިމް ސޮރީ..."ސިއާރާއަށް ބުނެވުނެވެ.

***

ހަވީރު ޚައިރާ ގޮވައިގެން ކާރުގައި ދަމުން އަސްލަން ބުނި ޖުމްލައިން ސިއާރާގެ ހިތުގައި ފިނި ރާޅެއް ދުވެލިއެވެ."ލަވް ޔޫ ބޭބީ ބާއި....."

އަސްލަންއަށް އެގޮތަށް އޭނައާއި ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވެއެވެ. ނަމަވެސް އޭނަ އަސްލަންއަށް އޮޅުވާލައިގެން އެ ހައްގު ލިބުނުކަމުގައި ހީކުރެވުނީތާއެވެ. އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވުނެވެ. ހާރިސްއަށް ގުޅާފައި ވާހަކަދެއްކުމުން ބުނީ އެލިޔަސް ކުޑަކޮށް ލަސްވަނީ މަންމަ ބަލިވުމުން ކަމަށެވެ.

"މުޅިންވެސް އިމްތިހާން. ﷲ އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ. އަހަންނަށް އޮތީ ހަމައެކަނި ދުޢާކުރުމާއި ﷲއަށް އިތުބާރުކުރުން..."

***

އަސްލަން އެދުނުގޮތަށް އޭނަގެ ހިތާއި ދިމާލުން ޓެޓޫ ޖަހާ ނިމުނީ ގަޑިތަކެއް ވީފަހުންނެވެ. އޭނަގެ ހިތާއި ދިމާލުން އިނީ ސިއާރާގެ ރީތި ހިނިތުންވުމުގައި އިން ތަސްވީރެކެވެ. ފަރިކަމުގެ ދެވަނައެއްނެތެވެ. ތަސްވީރުގެ ކައިރީގައި "ފޯއެވާ މައިން"ވެސް ޖަހާފައެވެ. ލޯގަނޑުން ބަލައިލުމުން އަސްލަންގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއްލިބުނެވެ. ސިއާރާއަށްޓަކާ ހިތުގައި ޖަހަމުން ދިޔަ ވިންދުތަކަށް އިތުރު ބާރެއްލިބުނެވެ. ސިއާރާ ހާސިލުކުރުމުގެ އެދުން ހިތުގައި ގަދަވެގަތެވެ. ދުވަހަކު ހިތުގައި ލޯބީގެ އިހުސާސެއްނެތް ހިތުގައި އުފެދުނު ލޯބީގެ ހުޅުކޮޅު އަލިފާންގަނޑެއްގެ ސިފަ ޚިޔާރުކޮށްފިއެވެ.

***

ސިއާރާ ޗޮކްލެޓެއްކަމުން ނުކުމެގެން އައިގޮތަށް މީހެއްގެ ގައިގާ އަޅައިގަތެވެ. އަސްލަންކަން އެނގުމުން ވަގުތުން ދުރަށް ޖެހެން އުޅުނެވެ.އަސްލަން ސިއާރާގެ އަތުގައި ހިފައިގެން ނުކުތީ އެގޭގެ ފަހަތުގައި އޮތް ރީތި ސަރަހައްދަށެވެ. މުޅި ހިސާބުގައި ސްނޯގެ ދޫލައެއް އެޅިފައިވާއިރު އެކިކުލައިގެ މާގަސްތައް ސްނޯގެ ތެރެއިން ސިއްރުން ބަލަނީއެވެ. އަސްލަން ސިއާރާ ދިގު ގޮނޑިއެއްގައި ބޭންދިއެވެ. އަދި އަލިމަހުން ވިދާ ބަބުޅަމުން ދިޔަ އަނގޮޓި އިނގިލީގައި އަޅުވާލަދިނީ ސިއާރާ ހައިރާންކަން މަތީގައި އިންދައެވެ. އެރިކްވެސް ގޭގައި ނެތް ވަގުތު ބަލާފައި މި ފިރިހެނާ އައީ ކިއްކުރަންހެއްޔެވެ؟

"ސިއާރާ ބޭބީ. ފެބްރުއަރީ ސާދަވަނަ ދުވަހު މެރީކުރަން ހިނގާ. ސަޅި ޑޭޓެއްނު......"

"ވަޓް؟" ސިއާރާ ލޯބޮޑުކޮށްލިއެވެ.

"ޔެސް. އައި ޑިސައިޑެޑް...." އަސްލަން ހީލިއެވެ.

ސިއާރާ ހިންދިރުވައިލިއެވެ. އޭނަގެ މުޅި ހަށިގަނޑުވެސް ފިނިވެގެން ދިޔައީ ބިރާއި އެހެން އިހުސާސްތަކުގެ ތެރެއަށް ގެނބެން ފެށުމުންނެވެ. އަސްލަންގެ އަޅި ލޮލުން އެވަގުތު ފެނުނީ ތަފާތު ކުލައެކެވެ. އޭނަގެ ބޮޑާކަމާއި ގޮތްދޫނުކުރުމާއި ހުރިހާ ޝައިތާނީ ސިފަތަކަކުން ހުސްވެ އެހެން ވިދުމެއް އެލޮލުގައިވިއެވެ. އެލޮލުން ސިއާރާއަށް ފެނުނީ ލޯތްބެވެ. ލޯބިވެރިޔެއްގެ އަސަރުގަދަ ނަޒަރެވެ. ނަމަވެސް ލަސްވެއްޖެއެވެ. އޭނައަށް އަސްލަންއަށް އާއެކޭ ބުނެވެންނެތެވެ. ކިތަންމެ ރީއްޗަސް ލޯބިވިޔަސް އޭނަ ލޯބިވާނީ ﷲއަށްޓަކައެވެ. ދުނިޔޭގެ ނަޒަރުން ލޯބިވާކަށް ސިއާރާގެ ހިތެއް ނޭދެއެވެ.

"އިހަށް މި އަނގޮޓި....." ސިއާރާ އަގޮނޓި ނަގަން އުޅުމުން އަސްލަން އެއަތްތިލައިގާ ހިފެހެއްޓިއެވެ.

"ނުނަގާ..."

"އަސްލަން. އަހަރެން ބުނީމެއްނު ދީނުގައި އޮންނަގޮތެއްނޫނޭ. ލޯބިވެސް އޮންނާނީ ހަލާލު އިމުގެ ތެރޭ..."

"އެހެންވެއެއްނު އަހަރެން ބުނީ މުސްލިމަކަށްވެ ހަލާލުގޮތުގައޭ ކައިވެނި ކުރާނީ...އެގޮތް ރަގަޅުތަ؟ މުސްލިމަކަށްވާން ކިހިނެއް ހަދަން ޖެހެނީ..."

"މީހަކާއި އިންނާކަށް ނޫން މުސްލިމްވަނީ. ދީނަށް ވަންނަން ބޭނުންވެ ހައްގުމަގުކަން ޔަގީންވީމަ......" ސިއާރާ ކޮޅަށް ތެދުވުނެވެ. އޭނަ ހާސްކަން އިތުރުވެ ނޭވާ އެތެރެހަށީގައި ހިނގަނީއެއް ނޫނެވެ.

"އަހަރެން ކުރިން އެހާވަރުން ނޫޅެން. އެކަމަކު ފްރޭންކްކޮށް ބުނަންޏާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ވާން އެދޭ ހަމައެކަނި އަންހެންކުއްޖަކަށް ސިއާރާވެއްޖެ. ހިތްއެދޭ ހުރިހާ ސިފަތަކެއްގެ ވެރިއެއް ތި ނޫނީ ނެތް. އަހަރެމެންގެ ދޭތެރެއަށް ދީން ވަދެގެން މިކަން ހުއްޓޭކަށް ނެތިން. ދީން ކީއްކުރަން ފުރާނަވެސް ގުރުބާންކޮށްފާނަން. ހުވާކޮށްފައި މިބުނީ. އެހާ ބޭނުން........."

"އަހަރެމެންގެ މަންމައާއި ބައްޕަގެ ލޯބި މިސާލެއްގެ ގޮތުގައި މިހާރު ގަބޫލުކުރެވިއްޖެ. އެވެސް ލޯތްބަކީ ކޮންފަދަ ބާރުގަދަ އިހުސާސެއްކަން އަމިއްލަ ހިތަށް އިހުސާސްކުރެވުނީމަ. ކުރިން އޭގެ ހުރި ބާރެއް ނޭގިފައިވީ..........."

އަސްލަން ލޯބި ހުށަހެޅުމުން ސިއާރާ ބިރުގަތެވެ. އެލޯބި ގަބޫލުކުރެވެން ނެތީމައެވެ. އޭނައަށް އަސްލަންގެ ދީނާއިމެދު ޝައްކުވާތީއެވެ. އެހެން މީހަކާއި އޭނަގެ ކައިވެނި ހަމަޖެހިފައި ނޫނެކޭ ނުބުނެވޭނެކަމަށްޓަކައެވެ. އަސްލަންގެ ވާހަކަތަކާއި އަމަލު ހުރިގޮތުން އޭނަ ބަދަލުވެ ރަގަޅު މީހަކަށް ވަނީކަމުގައި ހީކުރެވުނެވެ. އަސްލަންއަކީ ސިއާރާގެ ފުރަތަމަ ލޯތްބެވެ. އޭނަ އެއް އިރެއްގައި ގުރުބާންވާވަރަށް ލޯބިވި މީހާ މިއަދު އޭނަ ގާތުގައި ލޯތްބަށް އިއުތިރާފްވީއެވެ. އުފާވާންވީކަމެއް ރޯންވީކަމެއްވެސް އެވަގުތު ނޭގުނެވެ. އިރުގަނޑަކަށް ހިތް އަސްލަންއަށް ދީލައިލިއެވެ. އަސްލަން މުސްލިމަކަށްވެ އޭނަދެކެ ލޯބިވަންޏާ މިދޭތެރޭގައިވި ހިލައިގެ ފާރު ފުޑުފުޑުވެގެން ދާނެ ނޫންހެއްޔެވެ؟

ނަސީބަކުން އެވަގުތު އެރިކްއަށް އެތަނަށް ނުކުމެވުނެވެ.

"ހޭއި އެރިކް...." ސިއާރާ އަވަހަށް އެދިމާލަށް ހިނގައިގަތެވެ.

"އައި ޕްރޮޕޯސްޑް ޓު ހާރ..."އަސްލަންގެ ނަޒަރުގައި ވީ ސީރިޔަސްގޮތެކެވެ.

"ރިއަލީ؟ އޯސަމް. ކޮންގްރާ ދެކުދިންނަށް..." އެރިކް ގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

"ތެންކިއު،އެކަމަކު ޝީޒް ވޮރީޑް. އަހަރެން މުސްލިމަކަށް ރަސްމީކޮށް ވާން ޖެހެޔޯ....އެރިކް. ދެން އަވަހަށް މިކަމާ އުޅެބަލަ.މަންމަމެންނަށް ގުޅާފައި ބުނެބަލަ ހަނީމޫން ކުރުކޮށްލާފައި އަވަހަށް އަންނާށޭ. އަހަރެމެން ޑޭޓްވެސް ނިންމައިފިން. ފެބްރުއަރީ ސާދަ....." އަސްލަން ގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އަބަދު ބުމަ ކައިރިކޮށްގެން ރުޅިއައިސްފަ ސީރިޔަސްކަން ދައްކައިގެން ހުއްޓަސް އެ ހީލުންތަކާއި އުފާވެރިކަމުން އެމޫނުމަތީގެ ހަރުކަން ކަނޑުވާލައިފިއެވެ.

"ވަރަށް ފިނި އެބަވޭ. ކޮފީއެއް ބޯލަން މިދަނީ.." ސިއާރާ އަވަހަށް ދާންވެގެން ބަހަނާއެއް ދައްކާފައި ހިނގައިގަތެވެ.

"އަހަރެމެންނަށްވެސް އިނގޭ.."އަސްލަން އެދުނެވެ.

***

އަސްލަން އެކި ޚިޔާލުތަކުގައި ނުނިދިފައި އޮތްއިރު އިންތިޒާރުކުރެވެމުން ދިޔައީ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ވެގެން ސިއާރާ އަންނާނެ ދުވަހަކަށެވެ. މުސްލިމަކަށް ބޭރުފުށުންވެގެން ވެސް ސިއާރާގެ ހިތް އުފާކޮށްދޭން ޖެހޭނެކަމުގައި އޭނަގެ ޟަމީރު ބުނެދިނެވެ. ލޯތްބާއި އުފާވެރިކަން އަދި އަޅައިލުމަކީ އެކީ ލާމެހިފައިވާ އެއްޗެއްސެވެ. ސިއާރާ އުފަލުގައި ގެންގުޅެން އޭނަ އަމިއްލަ ނަފުސަށް ވައުދުވިއެވެ. ސިއާރާއަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކުރަން މިހިރީ ތައްޔާރަށެވެ.

***

"އަހަރެން ހަދަންވީ ކިހިނެއްތަ؟ އަސްލަން މުސްލިމަކަށް ވެއްޖެއްޔާ އަހަރެން މެރީކުރަން ވީކަން ނޭގޭ...." ސިއާރާ އަސްލަންގެ ކޮޅަށް މުޅިން ބުރަވެ އެ ދިމާލަށް ދާން ނިންމިތަނާ ހަނދާނަށް އައީ އެ ހުވަފެނެވެ. އިސްތިޚާރާގެ ޖަވާބު އެގޮތަށް އޮތްވާ އޭނައަށް އަސްލަން ޚިޔާރުކުރެވޭނީ ކިހިނެއްހެއްޔެވެ؟

"ލޯބި އެހާ މުހިއްމެއް ނުވާނެ. އާނ.ޕްރަޔޯރިޓީ ދޭނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއަށް......" ސިއާރާ އަނގޮޓި ނަގާފައި އަސްލަންގެ އެހެން ހަދިޔާތަކުގެ ތެރެއަށް ލިއެވެ. މި ހަދިޔާތައްހުރި ގޮތަށް ބަހައްޓާފައި އޭނަ މިގެއިން އަބަދަށްޓަކާ ދިޔުމުގެ ވަގުތު ޖެހެނީއެވެ.

***

ހާރިސް މެސެޖްކޮށްފައި މަސްޖިދު ބައިތުލް އަހަދުއަށް އަންނަން އެދުމުން އެރިކްއަށް ހައިރާންކަމެއް ލިބުނެވެ. ހާރިސް މިކޮޅުގައި އުޅޭކަމެއް އޭނައަށް އެނގިފައެއްނެތެވެ. ކާރު ޕާކްކޮށްލާފައި އެރިކް މިސްކިތާއި ދިމާލަށް ހިނގައިގަތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު