ހަަތަރު ވަނައިގައި އާސެނަލުން ހަމަޖެހިލައިފި

ލީގުގައި މިރޭ އާސެނަލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލް ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

އާސެނަލުން މިރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އާސެނަލަށް މިއީ މުހިންމު ތިން ޕޮއިންޓެވެ.

މިއަދުގެ މެޗަށް ނިކުތްއިރު އާސެނަލް އޮތީ ތާވަލްގެ ހަތަރު ވަނަ މަގާމުގައި 63 ޕޮއިންޓާއެކުއެވެ. އެއީ ފަސް ވަނަ މަގާމުގައި އޮތް ޓޮޓެންހަމަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ޓޮޓެންހަމަށް 62 ޕޮއިންޓު ލިބިފައި އޮތީ އާސެނަލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

މިއަދުގެ މެޗުން މޮޅުވުމާއެކި އާސެނަލުން މި ވަނީ ހަތަރު ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެެއް ނަގާފައެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑީ ކޭޓިއާއެވެ. އޭގެ ފަސް މިނެޓު ފަހުން މެޗުގެ ދިހަ ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީގެ އެހީތެރިކަމާއެކު ކޭޓިއާ ވަނީ އާސެނަލަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތިޖާއާއެކު އާސެނަލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ލީޑްސް ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހައި ނަތީޖާގެ ފަރު ކުޑަކޮށްފައެވެ. ލީޑްސްގެ ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއޭގޯ ލޮރެންޓޭއެވެ.

މި ނަތީޖާއާއެކު އާސެނަސަލް ހަތަރު ވަނަ މަގާމުގައި އޮތް އިރު، އެއް ވަަނަ މަގާމުގައި އޮތް ލިވަޕޫލާ ދެވަނަ މަގާމުގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބެނީ 83 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ނަމަވެސް މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެެޗުން މޮޅުވެ ސިޓީއަށް އެއް ވަނަ މަގާމު ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

comment ކޮމެންޓް