މަސްވެރިންނާ ބައްދަލުކޮށް ރައީސް ދެއްވީ އުންމީދެއް

މަސްވެރިން ނޫސްވެރިންނާ ބައްދަލުކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ދެކުނުގެ މަސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލުކޮށް އެ މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ޞާލިހުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި މަސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭބޭފުޅުން ސަރުކާރުގެ ފަރާތުން ބައިވެރިވިއެވެ.

އެ ބައްދުލުވުން ނިންމާލުމަށްފަހު މަސްވެރިން ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ ރައީސް ޞާލިހު މަސްވެރިންގެ އުދާސްތަކަށް ދީފައިވަނީ އުންމީދީ ޖަވާބުތަކެއް ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކުރުމުން އެއް މަސްދުވަހުގެ ތެރޭގައި މަސްވެރިންނަށް ޖަވާބުދޭނެކަމަށް ރައީސް ވިދާޅުވިކަމަށް ވެސް މަސްވެރިން ބުންޏެވެ.

މަސްވެރިން ބުނީ އެއް މަސްދުވަހުގެ ތެރޭގައި ޖަވާބު ދޭއިރު ދެކުނުގެ މަސްވެރިންނަށް ލުއިކޮށްދިނުމަށް މަސް ފެކްޓަރީ އަޅާނެ ތަން ފައިނަލް ކޮށް އިތުރު ކަންކަމުގެ އަޕްޑޭޓް ދޭނެކަމަށް ވެސް ރައީސް ވިދާޅުވިކަމަށެވެ.

"ރައީސް އަޅުގަނޑުމެންގެ އަޑުއެހުމަށް ފަހު ކައިރީގަ ތިބި ވަޒީރުންނަށާއި ސަރުކާރުގެ ވެރިންނަށް އެއް މަސްދުވަހުގެ ތެރޭގައި ހުރިހާ ލިޔެކިޔުމެއް ނިންމާފަ ޖަވާބު އަރުވާށޭ ވަނީ ވިދާޅުވެފަ" ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއެއް ބުންޏެވެ.

މަސްވެރިން ނޫސްވެރިންނާ ބައްދަލުކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މީގެ އިތުރުން މަސްވެރިން ބުނީ ރައީސަށް މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ނަމަވެސް ސަރުކާރުން އެ ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ނުކުރަނީ ކީއްވެކަމެއް ނޭނގޭކަމަށް ވެސް މަސްވެރިން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސްގެ ފަރާތުން ލިބުނީ އުންމީދުން ފުރިގެންވާ ޖަވާބުތަކެއް ކަމަށާއި އެކަން ހަގީގަތަކަށް ވާނީ ކޮންއިރަކުންކަމެއް އެއްވެސް ވަރަކަށް ނޭނގޭކަމަށް މަސްވެރިން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާ ދެއްވި އުންމީދަކީ އުންމީދެއްކަމަށް އަޅުގަނޑުމެން މި ބަލައިގަތީ. އޭގެ މަސައްކަތް ހިނގައިގަންނާނީ ކޮން ހިސާބަކުން ކޮންއިރަކުން ކޮން މަސައްކަތެއް ކޮން ގޮތަކަށް ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ،" ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއެއް ބުންޏެވެ.

ނަމަވެސް ރައީސް ޞާލިހު މަސްވެރިންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމަށް ވިދާޅުވުމުން އުފާވެރިކަން ލިބިއްޖެކަމަށް މަސްވެރިން ބުންޏެވެ.

މަސްވެރިންގެ ޒަމާންވީ އެ އުދާސްތައް އަޑުއަހައި ދެކުނުގެ އެ މަސްވެރިން ބޭނުންވަނީ ގދ. ފަރެސްމާތޮޑާގައި މަސްފެކްޓްރީއެއް ވީއެންމެ އަވަހަކަށް ޤާއިމްވުންކަމަށް މަސްވެރިން ބުނެއެވެ.

އެ މަސްވެރިން ބުނީ މިހާރު މަސްކިރުމަށް ކިޔޫގައި ދޯނިފަހަރު ތިން ހަތަރު ދުވަސް ހޭދަކުރަން ޖެހޭ ކަމަށެވެ. އެ ގޮތަށް ކިޔޫގައި އެހައި ބައިވަރު ދުވަހެއް ކިޔޫގައި ހޭދަކުރަން ޖެހުމަކީ މަސްވެރިންނަށް ކުރިމަތިވާ ގެއްލުމެއް ކަމަށް ވެސް މަސްވެރިން ބުންޏެވެ.

comment ކޮމެންޓް