ނައިފަރު އަންހެން ކުއްޖާ ގެއްލުނީ މާމަ ގެއްލިދާނެތީ އުޅެނިކޮށް!

ޅ. ނައިފަރު ދުނި، އަބްދުﷲ މުހައްމަދާއި އަންހެނުން ތިބީ، ބޭސްފަރުވާއަށް މާލެ އައިހެވެ. އެކަމަކު އޭނާއަށް ޖެހުނީ އޭނާގެ ހަމައެކަނި ދަރިފުޅު 21 އަހަރުގެ ހަމީދާ އަބްދުﷲ ބަލާ ރަށަށް ދާށެވެ. ޑޮކްޓަރަށް ދައްކާލަން މާލެ ގެނައުމަށެވެ. ދަރިފުޅު ގޮވައިގެން އަބްދުﷲ މާލެ ދަތުރަށް އެރީ އެދަތުރު މަތީގައި ކަނޑުމައްޗަށް ދަރިފުޅު ގެއްލިދާނެ ކަމަށް ބަލައިގެނެއް ނޫނެވެ. ދަތުރު ކުރަމުން ދިޔައިރު ދަރިފުޅު އޮތީ ބޯޓުގެ ހިޔާގަނޑުމަތީގައި ދައްތައަކާ ވާހަކަދައްކާށެވެ. އަބްދުﷲ ހުރީ ބޯޓުގެ ކެޕްޓަން ކައިރީގަ އެވެ. އެނބުރި ދަރިފުޅު ގާތަށްދާއިރު ދެން ދަރިފުޅު ނުފެންނާނެ ކަމަށް ބަލައިގެނެއް ނޫނެވެ. ނަމަވެސް މާލެ ދަތުރުކުރި "ހުދުހުދުއެކްސްޕްރެސް" ގައި އަބްދުﷲ އާއި އެހެން ދަތުރުވެރިންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އިއްޔެރޭގެ މެންދަމުގެ ބޯޓުގެ ތެރެއިން ހަމީދާ ގެއްލުނު ހިސާބުންޏެވެ.

ހުދުހުދު އެކްސްޕްރެސް އިން ގެއްލިގެން ހޯދަމުންދާ ޒުވާން އަންހެން ކުއްޖާގެ ބައްޕަ، އަބްދުﷲ ބުނިގޮތުގައި އޭނާއަށް ފެންނަ ހިސާބުގައި އޮތް ދަރިފުޅު ގެއްލުނީ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ބުންޏެވެ:

"މައްޗަށް އެރިއިރު ދަރިފުޅު އޮތީ އޭނާގެ ދައްތައަކާ ވާހަކަދައްކަން. ބޯޓު ތެރޭގައި ވެސް އުޅުނު ބައެއް މީހުން ހޭލާ. އަދި އެވަގުތު އެތާ ކައިރީގައި ކޮޅަށްވެސް އިން މީހަކު،"

އަބްދުﷲ ބުނީ ދަތުރުމަތީގައި ދަރިފުޅު ގެއްލުމުގެ ކުރިން މާމަ ރަށުގައި ބައިންދާފައި މާލެ އައުމުން ރަށުގައި ތިބި އާއިލާގެ އެހެން މީހުން މާމަ ގާތަށް ދާނެތޯއާ މާމައަށް އަޅާލާނެތޯ ސުވާލު ކުރަމުން ދިޔަ ކަމަށެވެ. ގެއްލުނީ އެ ސުވާލު ކުރަމުން ދިއުމަށް ފަހު އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ.

"ދަރިފުޅު މާލެ ގެނެއުމަށް ރަށަށް ދިޔައީ ގޭސްޓްރިކްގެ މައްސަލަތަކެއް ދިމާވެގެން އުޅޭތާ ދުވަސްކޮޅެއްވެފައިވާތީ ޑޮކްޓަރަށް ދައްކާލަން... މިހާދިސާގެ ސަބަބުން އަންހެނުންނަށްވެސް ވަނީ ވަރަށް ފުން ހިތާމައެއް ކުރުވާފަ. ހަބަރު ލިބުނީއްސުރެ އަންހެނުން ރޮމުން ދަނީ،" އަބްދުﷲ ބުންޏެވެ. އޭގެ ފަހުން މިހާރު އޭނާގެ އަންހެނުންގެ ހާލު ދެރަވުމާ ގުޅިގެން މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފަ އެވެ.

ހަމީދާ ގެއްލުނު ދަތުރުމަތީގައި ބޯޓުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި ބޯޓުގެ ގެގަނޑުމަތީގައި އޮށޯވެގެން އޮވެފައި ފައިބަން ހަމީދާ އުޅުނެވެ. އެވަގުތު ބޯޓުގައި ހުރި ސިޑިން މައްޗަށް އަރަން ދިޔަ ފިރިހެން ކުއްޖަކު ހަމީދާއަށް އެހީތެރިވާން އަތްދިއްކޮށްލުމުން އެ އަތުގައި ނުހިފުމުން ފޯނުން ވާހަކަ ދައްކަމުން އަނެއްކާވެސް މައްޗަށް އެރީ އެވެ. އޭނާ ގެއްލުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

"ހަމީދާ ގެއްލުނީ ކަނޑުވެގެންނޭ ނުވަތަ ފުއްމައިލީއޭ ވެސް ބުނާކަށް ނޭނގޭނެ. ބޯޓު ތެރެވެސް އަލިކޮށް އޮތީ އެވަގަތު. ސެކިއުރިޓީ ބަލަހައްޓަން އިން މީހާވެސް މައްޗަށް ދިޔަ ވަގުތަކާ މިހާދިސާ ހިނގި ވަގުތާ މިދިމާވީ. އެހެންވެ ހަމަ އެއްގޮތަކަށް ވެސް ނޭނގެ ހަމީދާ އަށް ވީގޮތެއް!" ބޯޓުގައި ދަތުރުކުރި މީހަކު ބުންޏެވެ.

ހަމީދާއާއެކު ކަނޑުމަތީގައި ހޭދަކުރި ބައެއް ދަތުރުވެރިން ބުނި ގޮތުގައި ހަމީދާގެ ބައްޕަ، އެރޭ ހަމީދާ ކައިރިން ދިޔައީ 12:00 ގެ ހަބަރު އަޑުއަހަން ކަމަށާއި އޭގެ 15 މިނެޓްފަހުން އޭނާގެ ބައްޕަ އައިއިރު ހަމީދާ ބޯޓަކު ނެތެވެ.

"ނެތް ކަން އެނގުމުން ފުރަތަމަ ވެސް ބެލީ ފާހާނާ. އެއަށްފަހު މުޅި ބޯޓުގެ ތެރެ ބެލުމަށްފަހު ވެސް އޭނާ ނުފެނިގެން ކެޕްޓަނަށް އެނގުމުން ދަންވަރު 12:30 އެހާކަންހާއިރު ބޯޓު އޮތް ސަރަހައްދަށް މަޑުކުރުމަށްފަހު، މުޅި ސަރަހައްދު ހޯދަން ފެށީ. އަދި އެހިސާބުން ކޯސްޓްގާޑަށްވެސް އެންގީ،" ދަތުރުވެރިއަކު ބުންޏެވެ.

ދަރިފުޅު ގެއްލުމުގެ ހިތާމަގައި ބަސް ހުއްޓިފައިވާ އަބްދުﷲ އަށް ވާހަކަ ދެކެވެނީ ވަރަށް އުނދަގުލުންނެވެ. އޭނާ އަބަދުވެސް ބުނަނީ ދަރިފުޅު ގެއްލެން މެދުވެރިވި ސަބަބު ބުނަން ނޭނެގޭ ކަމަށެވެ. އެކަމަކު ދަރިފުޅަކީ ކުޑަކޮށް ވެސް ފަތަން ދަންނަ ކުއްޖެއް ނޫން ކަމަށް ބުންޏެވެ.

"ކަނޑުވެއްޖެއްޔާއެއް އުއްމީދެއް ނުކުރަން ފެނިދާނެ ކަމަކަށް. އެއީ އޭނާއަކަށް ފަތާކަށް ނޭނގޭނެ. ނަމަވެސް ސަލާމަތްވުމަކީ ދުރުގައި އޮތް ކަމެއް ނޫން. ކަނޑުމަތިން އެއްޗެއް އޭނާގެ ކައިރިއަށް އައިސްފިއްޔާ އޭތީގައި ހިފަހައްޓައިގެން ވެސް އޮވެދާނެ. އުއްމީދުކުރަނީ އަދި ވެސް ފެނިދާނެ ކަމަށް،" ދިގުކޮށް ވާހަކަ ދައްކަން އަބްދުﷲ އުޅުނެވެ.

ހެޔޮވަރު އިސްކޮޅެއް ހުންނަ ހަމީދާގެ އިސްކޮޅުގައި 5 ފޫޓް 5 އިންޗި ހުރެ އެވެ. ހަމީދާ ގެއްލުނުއިރު ލައިގެން ހުރީ ކުކުޅުބިސް ކުލައިގެ މާޖެހި ހެދުމެކެވެ. އަޅައިގެން ހުރީ ވެސް ކުކުޅުބިސް ކުލައިގެ ބުރުގާއެކެވެ. ހަމީދާއަކީ ލޯބީގެ ގޮތުން އެއްވެސް މީހަކާ ގުޅިފައިވާ ކުއްޖެއް ނޫން ކަމަށް އެރަށު ބައެއް މީހުން ބުނެ އެވެ. އެމީހުން އެވާހަކަ ބުނަނީ މިފަދަ ހާދިސާތައް ހިނގުމުގައި ވަރަށް ގިނަ ފަހަރު "ލޯބި" މެދުވެރިއަކަށް ވާތީ އެވެ.

"ގެއިން ބޭރަށް ނުކުމެ ހަދާކުއްޖެއް ވެސް ނޫން އެއީ މިހާތަނަށް ވެސް އޭނާ ލޯބީގެ ގޮތުން އެއްވެސް މީހަކާ ގުޅިފައިނުވާ ކަމަށް މީހުން ބުނަނީ،" ނައިފަރު މީހަކު ބުންޏެވެ.

"ހުދުހުދު އެކްސްޕްރެސް" އިން ހަމީދާ ގެއްލިގެން ހޯދަން ފެށި ހިސާބުން މިހާތަނަށް ހަބަރެއް ވަނީ ނުވެ އެވެ. ގެއްލިފައިވާ ހަމީދާ މުޅި ދަތުރުމަތީގައި ވެސް އެންމެ ގިނައިން ދެއްކި ވާހަކަ އަކީ މާމަގެ ވާހަކަ އެވެ. މާމަ ގެއްލިދާނެތީ އެވެ. ނަމަވެސް ދަތުރުމަތީގައި ގެއްލުނީ ހަމީދާ އެވެ. މިވަގުތު މުޅި އާއިލާއަށް ހިތާމަވެރިވެފައިވާއިރު ހަމީދާ ގެއްލުމުން މާމަ ވެސް ވަނީ ހިތާމައިން ފޯވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް