މުސާރަ ބޮޑުކޮށްދޭން ގޮވާލައި ކަޅު ހެދުމުގައި އެމްއެންޔޫގެ މުވައްޒަފުން ހިމޭން އިހުތިޖާޖަކަށް

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއްގައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

ޔުނިވާސިޓީތަކުގެ މުވައްޒަފުން ބާކީކޮށްނުލައި، އެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްދިނުމަށް އެދި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުން ކަޅު ހެދުމުގައި ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި އޮތް މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެކިއެކި ޝުއޫރުތައް ހިމެނޭ ބޯޑުތައް ހިފައިގެން ބައިގަޑިއިރެއްހާއިރަށް އެ އިހުތިޖާޖު ދެމިގެން ދިޔައެވެ.

މި އިހުތިޖާޖުގައި އިސްކޮށް އުޅުއްވާ ލެކްޗަރާއެއް ކަމަށްވާ، އަޒީޒާ އަފީފް ވިދާޅުވީ މުސާރައިގެ ކަންކަމާ ބެހޭ މަޝްވަރާ ކޮމިޓީއެއް އެކުލަވައިލައިފައި އޮންނަ ކަމަށެވެ. އެ މަޝްވަރާ ކޮމިޓީގައި ކޮންމެ ފެކަލްޓީއެއްގެ ވެސް މެންބަރަކު ހިމެނެއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ދުވަހު ކެތް ކުރެވިއްޖެ. ދިހަ އަހަރުވެއްޖެ. ދިހަ އަހަރުގެ ކުރީގެ މުސާރައިގައި، ދިހަ އަހަރުގެ ކުރީގެ މުސާރައިގައި އަޅުގަނޑުމެން ކިހިނެއްތޯ މިހާރު އުޅޭނީ،" އަޒީޒާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންގެ ހިމޭން އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ އާލިމް އަބްދުއްލަތީފް

އަޒީޒާ ވިދާޅުވި ގޮތުގައި ލެކްޗަރާއިންގެ ޑިމާންޑަކީ މެއި އެކަކުން ފަށައިގެން، ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ ވެސް މުސާރަ ބޮޑުކޮށްދިނުމެވެ.

މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް، މެއި އެކެއްގައި ޓީޗަރުންގެ މުސާރަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބޮޑުކުރަން ނިންމަވައިފައެވެ.

އެ ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ލިބޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިކަމަށް ރިއާޔަތް ކުރައްވާ އަޒީޒާ ވިދާޅުވީ، ތައުލީމީ ދާއިރާގައި އޭނާ މަސައްކަތްކުރައްވާތާ 30 އަހަރު ވެއްޖެ ކަމަށެވެ. އަދި މިއަދު އޭނާ ނެރޭ ދަރިވަރަށް އޭނާއަށްވުރެ ބޮޑު މުސާރައެއް ލިބުމަކީ ނާއިންސާފުކަމެއް ކަމަށް އަޒީޒާ ގަބޫލުކުރައްވައެވެ.

"އަޅުގަނޑުމެން ނެރޭ ދަރިވަރަށް ވިހިހާސް ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް މި އޮންނަނީ. އެކަމަކު އަޅުގަނޑުމެން މިކުރަނީ އެއް މަސައްކަތެއް. އަޅުގަނޑަށް މި ކުރެވެނީ ކޮންކަމެއްތޯ ވެސް މިހާރު ސުވާލު އުފެދޭ. މުދައްރިސްކަން ނޫންތޯއޭ މިކުރަނީ ތިރީސް އަހަރުވަންދެން ވެސް،" އަޒީޒާ ވިދާޅުވިއެވެ.

އިހުތިޖާޖުގައި ބައިވެރިވި ގިނަ މުވައްޒަފުން ވިދާޅުވި ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އެ މީހުން ތިބީ ވަރަށް އުފަލުންނެވެ. ސަބަބަކީ، ޓީޗަރުންގެ ގޮތުގައި މިއަދު މަސައްކަތްކުރަނީ އެ ލެޗްކަރާއިންގެ ދަރިވަރުންކަމަށް ވާތީއެވެ.

"އަޅުގަނޑުމެންގެ ޝަކުވާއަކީ ޓީޗަރުންގެ މުސާރަ ބޮޑުވުމެއް ނޫން. އަޅުގަނޑުމެން ބާކީކޮށްނުލައްވާށޭ އަޅުގަނޑުމެން މި ބުނަނީ،" އިހުތިޖާޖުގެ ބައިވެރިއަކު އޭނާގެ ހިޔާލުފާޅުކުރިއެވެ.

އެ މުވައްޒަފުން އިތުރަށް ފާހަގަކުރި ކަމަކީ، ޔުނިވާސިޓީގެ ކައުންސިލުން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނަމަވެސް، ފިނޭންސް މިނިސްޓްރީން އެ މުސާރަ ހިފަހައްޓާ ކަމެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ މުވައްޒަފުން ފާހަގަކުރިއެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ ބުދަ ދުވަހު "ސަން"އަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

"އެ މަސައްކަތް މިހާރު އެމްއެންޔޫއާ އެއްކޮށް ވެސް ކުރެވިފަ އޮތީ. ދެން އައިޔޫއެމް އާ ވެސް ޝެއާ ކުރެވިފައި، ކޮމެންޓްސް ހޯދިފަ ވަނީ," އަމީރު ވިދާޅުވިއެވެ.

މިއަދުގެ އިހުތިޖާޖުގައި ބައިވެރިވި ގައުމީ ޔުނިވާސިޓީގެ މުވަައްޒަފުން ބުނާ ގޮތުގައި، މުސާރައަށް ބަދަލު ނުގެންނަނީސް އެ މީހުން އެ ތިބީ ހުއްޓާ ގޮތަކަށް ނޫނެވެ. ޓީޗަރުންގެ މުސާރަ ބޮޑުވި ފަދައިން، ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑުވާންޖެހޭ ކަމަށް އެ މުވައްޒަފުން ދެކެއެވެ.

comment ކޮމެންޓް