ބްރައިޓަން އަތުން ބަލިވެ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ އުންމީދު ފުނޑުފުނޑުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ބަލިވެ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުމުގެ އުންމީދު ފުނޑުފުނޑު ވެއްޖެއެވެ.

މިރޭގެ މެޗަށް ޔުނައިޓެޑް ނިކުތީ އެ ޓީމުގެ އަމިއްލަ ދަނޑުގައި އެ ޓީމު މި ސީޒަނުގައި އެންމެ ފަހު ފަހަރަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އެ ޓީމު އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ނުފެންނާނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފައެވެ.

ޕްރިމިއާ ލީގުގެ ތާވަލްގެ ހަވަނައިގައި ޔުނައިޓެޑް އޮތީ ތާވަލްގެ ހަތް ވަނައިގައި އޮތް ވެސްޓްހަމްއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަ ޕޮއިންޓުގެ ލީޑަކާއެކުގައެވެ.

މެންޗަސްޓާ ޔުނައިޓެޑައި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ބްރައިޓަންއިން ވަނީ ލީޑުނަގާފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮއިސިސް ކައިސާޑޯއެވެ. އޭރިއާ ބޭރުން ކައިސާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ތަޖުރިބާކާރު ގޯލްކީޕަރު ޑެވިޑް ޑިހެއާ ބަލަހައްޓަމުން ދިޔަ ގޯލުގެ ތިރީ ކަނަށެވެ.

ދެވަނަ ހާފުގައި ކައިރި ކައިރީގައި ބްރައިޓަންއިން ވަނީ ތިން ގޯލު ޖަހާފައެވެ.

މެޗުގެ ދެވަނަ ގޯލު ޖަހާދީފައިވަނީ ބްރައިޓަންއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ޑިފެންޑަރު މާކް ކުކުރެލާއެވެ. ކުކުރެލާ ޔުނައިޓެޑްގެ ގޯލުގެ ވާއަތު ފަރާތު އަރިމަތީގައި ހުރެފައި ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އޭނާ އެ ގޯލު ޖަހާފައިވަނީ މެޗުގެ 49 ވަނަ މިނެޓުގައެވެ.

ބްރައިޓަންގެ ތިންވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓުގައި ބްރައިޓަންގެ ޕަސްކަލް ގްރޮބް ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނާޑްރޯ ޓްރޮސާޑްއެވެ.

އެ ނަތީޖާއާއެކު ބްރައިޓަން އޮތީ ތާވަލްގެ ނުވަވަނައިގައެވެ.

comment ކޮމެންޓް