ސިޔާސީ ހަރަކާތަށް ދިގު މުއްދަތައް ބިން ދޭންވީ ކީއްވެ؟

ފުލުހުން ލޮނުޒިޔާރާތްކޮޅު އެމްޑީޕީގެ ކޭމްޕް، އިންސާފުގެ ދަތުރު ރޫޅައިލި ނަމަވެސް އެޕާޓީގެ ސިޔާސީ ހަރަކާތް ހިންގުމަށް މިދިޔަ މަހުގެ 16 އިން ފެށިގެން މިމަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން ވަނީ އެމްޑީޕީއަށް ދީފަ އެވެ. ރުޅައިލި މައްސަލައަކީ އަދި މުޅިން އެހެން މައްސަލައެކެވެ. އެކަންވެސް މިހާރު އޮތީ ޝަރުއީ މަރުހަލާގަ އެވެ.

ސިޔާސީ ހަރަކާތް ހިންގުމަށް އެ ސަރަހައްދު ދިގު މުއްދަތަކަށް އެމްޑީޕީއަށް ދިނުމަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް ލިބިގެން ނުވާ ބާރެއް ކަމަށް މައި ސަރުކާރާއި ދައުލަތުން ބުނާއިރު ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ އެއީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް ލިބިގެންވާ ބާރެއް ކަމަށެވެ. ހާއްސަކޮށް އެމްޑީޕީގެ ގާނޫނީ ވަކީލުން ދެކޭ ގޮތުގައި ސިޓީ ކައުންސިލުން ބޭނުން ވެއްޖެ ނަމަ އެމްޑީޕީއަށް ވެސް އެހެން ޕާޓީއަކަށް ވެސް ދިގު މުއްދަތަކަށް ބިން ދިނުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫނެވެ.

އެމްޑީޕީއަށް އެ ސަރަހައްދު ދިނުމާއެކު ސިޔާސީ އެހެން ޕާޓީތަކުން ވެސް ވަނީ މާލޭގެ ބިންތައް ދިގު މުއްދަތަކަށް އެ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް ހޯދަން ސިޓީ ކައުންސިލްގައި އެދިފަ އެވެ.

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީޕީއެމް އިން ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އާޓިފިޝަލް ބީޗް ހޯދަން ސިޓީ އެދިފައެވެ. ފަހަތުން މަޝްހޫރު ވިޔަފާރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެސްޓީއޯގެ ދެކުނުން އޮންނަ ހުސް ބިން މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ ނިޔަލަށް ހޯދަން އެދިފަ އެވެ.

ސިޔާސީ ޕާޓީއަކުން ބޭނުންވީމާ ބޭނުން މުއްދަތަކަށް މާލޭގެ ބިންތައް އެޕާޓީއަކަށް ދޭން ވެއްޖެނަމަ މިހާތަނަށް އުފައްދާފައިވާ 13 ސިޔާސީ ޕާޓީތަކަށް ތޮއްޖެހިފައިވާ މާލޭގައި އާއްމުންނާއި ކުޑަކުދިން ހިންހަމަ ޖައްސާލުމަށް އެއްވެސް މާހައުލު ނެތި މުޅި މާލެ ސިޔާސީ ހަރަކާތަށް ހުސްވީ އެވެ.

މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވިގޮތުގައި ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް ދިގުމުއްތަކަށް މާލޭގެ ބިންތައް ކުއްޔަށް ދޫކުރަނީ ކިހިނެއްކަން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބެލުމުން އެނގޭނެ އެވެ. އަދި ސިޔާސީ ހަރަކާތް ހިންގަން މާލޭގެ މުހިންމު ބިންތައް ދިގު މުއްދަތަކަށް ހޯދަން ބައެއް ޕާޓީތަކުން އެދިފައިވާ އެދުމާމެދު މާދަމާ ކައުންސިލުން ގޮތެއް ނިންމާނެ އެވެ.

ފަހަރުގައި މާދަމާ ނިމޭ ގޮތަކުން އާޓިފިޝަލް ބީޗް ވެސް އާންމުންނަށް ގެއްލޭނެ އެވެ. އަދި އެސްޓީއޯގެ ބޮޑު ބިން ވެސް އާންމުން ވަދެ ނުކުމެ އުޅުމުގެ ބަދަލުގައި ކޮންމެވެސް އެހެން ޕާޓީއަކަށް ހާއްސަ ވާނެ އެވެ. އަދި އެގޮތަށް ނިމިއްޖެއްޔާ ދެން ހުރި ހުރިހާ ޕާޓީތަކަށް ވެސް ދިގު މުއްދަތަށް ބިންދީގެން ނޫނީނީ ޕާޓީތަކުގެ މެދުގައި ހަމަހަމަ ކަން ނޯންނާނެތީ ހުރިހާ ޕާޓީއަށް ވެސް ބިމެއް ދޭން ޖެހޭނެ އެވެ.

"ގާނޫނު ބަލާލައްވާ އެއިރުން އެކަން [ދޭން ޖެހެނީ ކީއްވެގެންކަން] އެނގޭނެ،" ކުރުކުރުކޮށް އަލިބެ ޖަވާބު ދެއްވި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި ލޮނުޒިޔާރަތްކޮޅު ސަރަހައްދަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ އެއްވެސް ގޮތަކަށް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ތަނެއް ނޫނެވެ. އެހެންކަމުން ސިޓީ ކައުންސިލުން އެތަން އެމްޑީޕީ އަށް ދެވޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވި ގޮތުގައި މާލޭގެ ބިންތައް ސިޔާސީ ހަރަކާތް ހިންގުމަށް ސިޔާސީ ޕާޓީތަކަށް ދޫކުރުމުގެ ބާރު ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ލިބިގެންވެ އެވެ. ޕާޓީގެ މެންބާޝިޕަށާއި ބިމުގެ އެވެއިލަބަލިޓީ އަށް ބެލުމަށް ފަހު ހަމަހަމަ އުސޫލަކުން މާލޭގެ ބިންތައް ސިޔާސީ ޕާޓީތަކަށް ދޫކުކުރެވޭނެ އެވެ.

"އިލެކްޝަނުން ވެސް ޕާޓީތަކަށް ފާއިސާ ދޫކުރަނީ ޕާޓީގެ މެންބަރުންގެ އަދަދަށް ބެލުމަށް ފަހު. އެހެން ކަމުން ސިޓީ ކައުންސިލުން ވެސް ޕާޓީގެ މެންބަޝިޕަށާއި ބިމުގެ އެވެއިލަބިލިޓީ އަށް ބެލުމަށްފަހު ހަމަހަމަ އުސޫލަކުން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ބިން ދޫކުރަން ޖެހޭނެ،" ހަމްޒާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ސަރުކާރުގެ ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ސިޓީއެއްގެ ބިންތައް މެނޭޖު ކުރުމުގެ އިޚުތިޔާރު ގާނޫނުން ސިޓީ ކައުންސިލަށް ލިބިފައިވެއެވެ. އެހެން ކަމުން ސިޔާސީ ހަރަކާތް ހިންގުމަށް ސިޓީ ކައުންސިލުން ޕާޓީތަކަށް މާލޭގެ ބިންތައް ދޫކުރެވޭނެ އެވެ. އެކަމަށް ހުރަހެއް ނެތެވެ.

"ލާމަރުކަޒީ ގާނޫނުން އެސިޓީއެއްގެ ބިންތައް މެނޭޖު ކުރުމަކީ ސިޓީ ކައުންސިލަށް ލިބިގެންވާ އިޚުތިޔާރެއް. އެހެން ކަމުން ކޮންމެ ޕާޓީއަކަށް ވެސް ސިޔާސީ ހަރަކާތް ހިންގުމަށް މާލެއިން ބިން ދޫކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރެއް،" ހަސީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމެއް ސިޔާސީ ޕާޓީއަކަށް ދެވިދާނެ ކަމަށާއި ނަމަވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތް ބިމެއް ޕާޓީއަކަށް ދިނުމަކީ ސިޓީ ކައުންސިލަށް ލިބިގެންވާ ހައްގެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ގިނަ ރައްޔިތުންތަކެއް ގޮސް އުޅޭ ސަރަހައްދެއް ސިޔާސީ ޕާޓީއަކަށް ދިނުމަކީ އެއްވެސް ހަމަޖެހޭ އުސޫލަކަށް ނުވާއިރު ގާނޫނު ހުއްދަ ކުރި ނަމަވެސް ދިގު މުއްދަތަކަށް ބަޔަކަށް ދިނުމަކީ އިޖުތިމާއީ މަސްލަހަތައްޓަކައި ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"އިސްލާމީ އުސޫލަކީ ވެސް އިޖުތިމާއީ މަސްލަހަތު ހިމާޔަތް ކުރުން. ގާނޫނުތައް ހަދަނީ ވެސް އިޖުތިމާއި މަސްލަހަތު ހިމާޔަތް ކުރަން. އެހެންވީމާ ގާނޫނު ހުއްދަކުރިއަސް ދިގު މުއްދަތަކަށް މާލޭގެ ބިންތައް ސިޔާސީ ޕާޓީތަކަށް ދޫކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫން،" އަޒީ ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުންނަމަ މާލޭގެ ބިންތައް ދިގު މުއްދަތަކަށް ސިޔާސީ ޕާޓީތަކަށް ދޫކުރުމަކީ އެއީ ޑިމޮކްރެސީ އެއް ނޫނެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން އިޖުތިމާއީ އާ ބަލިތަކެއް ނުކުމެ ދާނެ މައްސަލައެކެވެ. މާލާގެ ބިންތައް ހަމައެކަނި ހާއްސަވެފައި އޮންނަން ޖެހޭނީ ހަމައެނި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ވެސް ނޫނެވެ. އެހެން އެއްވެސް ބަޔަކަށް ނުދެވޭ ގޮތަށް ދިގުމުއްދަތަކަށް ސިޔާސީ ޕާޓީތަކަށް ބިން ބިން ދެވިގެނެއް ނުވާނެ ކަމަށް ވެސް އެފަދަ ބޭފުޅުން ވިދާޅުވެ އެވެ.

"އެގޮތަށް ކަންތައް ކުރުމަކީ ޑިމޮކްރެސީއެއް ނޫން. އެއީ [މާލޭގެ ބިންތަކަކީ] ހުސްއެކަނި ޕާޓީތައް ބޭނުންކުރަން ހުންނަ ތަންތަން ނޫން. އާންމު ތަންތަން އެހެން އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ނުދެވޭނެ. އެއީ ވަރަށް މުޑުދާރު އަމަލެއް،" މަޖިލީހުގައި ކުޑަހުވަދޫ ދާއިރާ ތަމްސީލު ކުރައްވާ މިނިވަން މެންބަރު އަހުމަދު އާމިރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް