އުފާވެރިކަމާއި ޤައުމު ބިނާ ކުރުމާ ބެހޭ ތިން ވާހަކައެއް

ދައްކައިލާން މި އުޅެނީ ތިން ވާހަކައެކެވެ.

ފުރަތަމަ ވާހަކަ އަކީ ލަފުޒުތަކަކާއި އެ ލަފުޒުތަކުގެ މާނަތަކުގެ ވާހަކައެވެ.

އެއް ލަފުޒަކީ "އުފާވެރިކަން" ނުވަތަ "އުފާ" މިއެވެ. ދެވަނަ ލަފުޒަކީ "މަރިޔާދުކަން" އެވެ. ދެން، "އަފްރާޙް"، "ސަޢާދަތު"، "ސުކޫން"، "ރިޟާޔަތު"، އަދި "ސުރޫރު" މި ލަފުޒުތަކެވެ. މީގެ ތެރެއިން "އުފާވެރިކަން" އާއި "އުފާ" އާއި "މަރިޔާދުކަން" އަކީ މުސްކުޅި ދިވެހީގެ ލަފުޒުތަކެވެ. މި ދެ ލަފުޒު ފިޔަވައި ދެން މި ދެންނެވި ލަފުޒުތަކަކީ ޢަރަބި އަދި އުރްދޫ ބަހުގެ އަޞްލުން ނެގިފައި ވާ ލަފުޒުތަކެވެ. ރަން ޒަމާނުގެ ދިވެހި އަދީބުންގެ ލިޔުއްވުންތަކުން މި ހުރިހައި ލަފުޒުތައް ހެން ފެނިވަޑައިގަންނަވާނެއެވެ. ޝައިޚް ޢަބްދުﷲ ޖަލާލުއްދީނާއި ޝައިޚް ޢުމަރު ޢީސާ ފަދަ ބެއިބެއިފުޅުންގެ ފޮތްތަކާއި މަޒުމޫނުތަކުންނެވެ. މުސްކުޅި ދިވެހި އަދަބިއްޔާތާ އަޅުގަނޑުމެންގެ ޒަމާނުގެ ޖީލުތަކާ ގުޅުން ކެނޑިގެން ދިޔަދިޔުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރުގެ ކުދީންނަށް މި ލަފުޒުތައް ވާނީ ބީރައްޓެހި ލަފުޒުތަކަކަށެވެ. އެހެން ނަމަވެސް، މި ލަފުޒުތަކަކީ ދޫ ކޮށްލައިގެން ވާނޭ ލަފުޒުތަކެއް ނޫނެވެ. ދިވެހި ލިޔުންތެރިކަމުގައި މި ލަފުޒުތައް އާލާ ކުރެވޭން ޖެހެއެވެ.

މީގެ ތެރެއިން "އުފާވެރިކަން" ނުވަތަ "އުފާ" އާއި "މަރިޔާދުކަން" މި ލަފުޒުތަކުގެ މާނަތަކަށް އެންމެ ފުރަތަމަ ބަލައިލަމާތޯއެވެ. ދިވެހި ރަދީފުގައި ކިޔައިދީފައި އޮންނަ ގޮތުން، "އުފާވެރިކަން" ގެ މާނައަކީ ހިތަށާއި ސިކުނޑިއަށް ލިބޭ ތަނަވަސްކަމާއި އަރާމެވެ. ހިތަށް ލިބޭ ފަސޭހަކަމެވެ. "މަރިޔާދުކަން" ގެ މާނަ އަކީ އުފާވެރިކަމެވެ. ހިތްފަސޭހަކަމެވެ. އިނގިރޭސި ލަފުޒުތަކުގެ ތެރެއިން "ހެޕިނެސް" އަކީ "އުފާވެރިކަން" ކަމުގައި ބެލެވިދާނެއެވެ. ދިވެހި ރަދީފަކުން "އުފާވެރިކަން" އާއި "މަރިޔާދުކަން" މި ދެ ލަފުޒުގެ ތަފާތެއް ނޭނގެއެވެ. މިއީ އަޅުގަނޑުމެންގެ ބަހުގައި، ލަފުޒުތަކުގެ މާނަތައް ދިރާސާ ކޮށް ދެނެގަތުމުގެ މަސައްކަތް ކުރެވިފައި ހުރި ގޮތުގެ އުނިކަމުގެ ނަތީޖާއެއް ކަމަށް ފެނެއެވެ. އާދެ، މާނައިގެ ގޮތުން އެއް ޢާއިލާއެއްގައި ހިމެނޭ ލަފުޒުތަކުގެ މާނަތަކުގައި ހުންނަ "ފުން" އަދި "ތަފްޞީލީ" ތަފާތުތައް ދިވެހި ރަދީފުގައި ފުރިހަމަޔަށް ކިޔައިދެވިފައި ނުހުންނަނީއެވެ.

ދެން އޮތީ ޢަރަބި އަދި އުރްދޫ ބަހުން ލޯނު ކުރެވިގެން ބޭނުން ކުރެވިފައި ވާ ލަފުޒުތަކުގެ ވާހަކައެވެ. "އަފްރާޙް"، "ސަޢާދަތު"، "ސުކޫން"، "ރިޟާޔަތު"، އަދި "ސުރޫރު" މި ލަފުޒުތަކެވެ. މި ލަފުޒުތައް ދިވެހި ރަދީފަކު ނެތެވެ. ބައެއް ބެއިފުޅުން ދެކެވަޑައިގަންނަވާނީ މިއީ ދިވެހި ލަފުޒުތަކެއް ނޫން ކަމުގައެވެ. މީގެ ތެރެއިން ގިނަ ލަފުޒުތައް ދިވެހި މުސްކުޅި އަދީބުން ބޭނުން ކުރައްވައިފައި ވިޔަސް، އެ ލަފުޒުތައް ވެސް ބަލައިގަނެ ރަދީފުގައި ހިމެނުމާ ބައެއް ބެއިފުޅުން ދެކޮޅު ހައްދަވައެވެ. އެފަދަ ބެއިފުޅުންގެ ނަޒަރުގައި، "އުފާވެރިކަން" މި ލަފުޒު އޮތީމާ، ފުދެއެވެ. "ޢަރަބި ލަފުޒުތައް" ގެންނާކަށެއް ނުޖެހެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި މި ލަފުޒުތަކަކީ އަޅުގަނޑުމެން ހަމަ އުފަލާ އެކު ބަލައިގަންނާން ވީ ރީތި ލަފުޒުތަކެކެވެ. އެއް ޢާއިލާއަކަށް ނިސްބަތް ވި ކަމުގައި ވިޔަސް، މިއީ މާނައިގައި ވަރަށް މުހިއްމު ތަފާތުތަކެއް ހުންނަ ލަފުޒުތަކެވެ. އާދެ، އިންސާނާގެ ހިތަށާއި ޖިސްމަށާއި ނަފުސަށް ނުވަތަ ރޫޙަށް ލިބޭ އެކި ބާވަތްބާވަތުގެ ހަމަޖެހުމާއި އަރާމާއި ތަނަވަސްކަން، މި ލަފުޒުތަކުން މާނަ ކުރެވެއެވެ. މިސާލަކަށް، "ސަޢާދަތު" މި ލަފުޒަކީ ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން މީހާއަށް ލިބިދޭ ބާއްޖަވެރި އަދި ފުން އުފާވެރިކަމަކަށް އިޝާރާތް ކުރާ ލަފުޒެއް ކަމަށް ދެކެމެވެ. ދިވެހި ބަހުގައި މި ލަފުޒު ބޭނުން ކުރެވިފައި ވާ ގޮތުގެ އެއް މިސާލަކީ، އަލްމަރްޙޫމް މުޙައްމަދު ރަޝާދު ކިޔުއްވައިފައި ވާ "އަބަދު ސާފު ނޫރޭ" މި މަދަޙައެވެ. މަދަޙައިގެ ތިންވަނަ ބައިތުގެ ފުރަތަމަ ބައިގައި އޮންނަނީ "ހެޔޮ ސަޢާދަތު އެދެންޏާ ރުހޭށޭ އަހައި، މާތް މުޙައްމަދު ނަބިއްޔާގެ ބަސްފުޅު އަހައި" މި ގޮތަށެވެ. "ސަޢާދަތު" މި ލަފުޒުގެ މާނަ ދޭހަ ވާ އިނގިރޭސި ލަފުޒެއް ކަމަށް އަޅުގަނޑަށް ފެންނަނީ "ޖޯއި" އެވެ.

މި އުޞޫލުން، "ސުކޫން" ގެ މާނަ އަކީ ނަފުސަށް ލިބޭ ފުން އަދި ފުރިހަމަ ހިމޭންކަމާއި، ހަމަޖެހުމާއި، އަރާމު ކަމުގައި ބުނެވިދާނެއެވެ. އިނގިރޭސި ބަހުގައި "ކޮންޓެންޓްމަންޓް" އާއި "ޓްރެންކުވިލިޓީ" އަކީ "ސުކޫން" ކަމަށް އަޅުގަނޑު ހީ ކުރަމެވެ. "ރިޟާޔަތު" އަކީ އިނގިރޭސި ޢިބާރާތަކުން ދަންނަވަންޏާ، "ޕީސް އޮފް މައިންޑް" އެވެ. ފިކުރުތަކާއި ކަންބޮޑުވުންތަކުން މިނިވަންވުމުން ސިކުނޑިއަށް އެ ލިބޭ އަރާމެވެ. އާދެ، މި ދެންނެވި ލަފުޒުތަކުގެ ތެރެއިން ކޮންމެ ލަފުޒަކުން ވެސް އިޝާރާތް ކުރަނީ، އުފާވެރިކަމުގެ ތަފާތު ބާވަތަކަށެވެ. ވަކި ގޮތަކުން ލިބޭ، ވަކި ކަހަލަ އުފާވެރިކަމަކަށެވެ. އާދޭހެވެ! އުފާވެރިކަމަކީ އެއް ކުލައެއްގެ، އެއް ވައްތަރެއްގެ، އެއް މިންވަރެއްގެ އެއްޗެއް ނޫނެވެ. އޭގެ އެތައް "ރަހައަކާއި" "ކުލަތަކެއް" ހިމެނެއެވެ. ޖިސްމާނީ އުފަލާއި، ހަށިގަނޑަށް ލިބޭ ރާޙަތާއި، ޖިންސީ އުފަލެވެ. ދުނިޔަވީ މުދަލާއި ފައިސާ އާއި މަޤާމާއި މަންސަބު ލިބުމުން ލިބޭ އުފަލެވެ. ތިމާ ލޯބި ވާ މީހަކަށް ނުވަތަ ބަޔަކަށް ލިބޭ ބާއްޖަވެރިކަމާއި ނަޞީބަށް ޓަކައި ހިތަށް ލިބޭ އުފަލެވެ. ކަލާނގެ ރަސްކަންފުޅާ ތިމާގެ ރޫޙު ގުޅިގެން ދާދިޔުމުގެ ސަބަބުން، އަދި އެކަލާނގެ ޙަޟްރަތުގައި މަތިވެރިކަމާއި ބަރަކާތްތެރިކަން ލިބިވަޑައިގެން ވާ ނަބީ ރަސޫލުން ވަލީންގެ ޞުޙުބަތުގެ ސަބަބުން ލިބޭ ރޫޙާނީ އުފަލެވެ. ރިވެތި އަޚްލާޤާއި ހެޔޮ އުޅުމުގެ މަގުގައި ޤާއިމު ވެހުރެވުމުގެ ސަބަބުން ހިތަށާއި ނަފުސަށާއި ރޫޙަށް ލިބޭ އުފަލެވެ. ޢިލްމީ ގޮތުން ފުދުންތެރިކަން ލިބި، ބުއްދިއަށް އަލިކަމާއި ނޫރު ލިބުމުގެ ސަބަބުން ލިބޭ އުފާވެރިކަމެވެ. މިއިން ކޮންމެ އުފަލަކަށް ވަކި ލަފުޒެއް އޮންނަންޏާ، އެއީ ބަހުގެ މުއްސަނދިކަމެވެ. ބަހަކީ އެންމެ މަތީ ފެންވަރުގައި ޝުޢޫރުތަކާއި އިޙްސާސްތައް ސިފަ ކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވާ ބަހެއް ކަމުގެ ހެއްކެވެ.

ދެން ދައްކާން އޮތް ވާހަކަ އަކީ ޙަޤީޤީ އުފާވެރިކަން ނުވަތަ ސަޢާދަތާއި ސުކޫނާއި ރިޟާޔަތު ހޯދާނޭ ގޮތުގެ ވާހަކައެވެ.

އިންސާނާއަށް ލިބޭ އެކި ކަހަލަ އުފާތަކުގެ ތެރެއިން ޙަޤީޤީ އަދި އެންމެ މަތިވެރި ދަރަޖައިގެ އުފަލަކީ ތިމާގެ ރޫޙަށާއި ނަފުސާއި ސިކުނޑިއަށް ލިބޭ ޠާހިރު އަދި ބަރަކާތްތެރި އުފަލެވެ. މި ބާވަތުގެ އުފާވެރިކަމަކީ ވަކި ގޮތަކުން ލިބޭ އެއްޗެކެވެ. އެއީ ޑިސްކޯތަކާއި ޑީޖޭތަކާއި ޕާޓީތަކުން ލިބޭ އެއްޗެއް ނޫނެވެ. ބަނގުރާ ދޯރުތަކުގެ ވަސީލަތުން، ޝެންޕޭން ފުޅިތަކާއި ވައިން ތަށިތަކުގެ ތެރެއިން ލިބޭ އެއްޗެއް ނޫނެވެ. ޒިނޭޚާނާތަކާއި ރީތި އަންހެން ކުދީންގެ އުނގުތަކުން ފެންނަ އެއްޗެއް ނޫނެވެ. ވީޑިއޯ ގޭމާއި ފިލްމުން ލިބޭ އެއްޗެއް ނޫނެވެ. ގޭންގުތަކުގައި އުޅެގެން ހޯދޭ އެއްޗެއް ނޫނެވެ. ފައިސާއިން، ވިޔަފާރި މޯލްތަކުން، އަގުބޮޑު ގެއާއި ކާރުތައް ފަދަ ދުނިޔަވީ މުދަލުން ހޯދޭ އެއްޗެއް ނޫނެވެ. މި ބަހުގެ ތެދުކަން ދުނިޔޭގެ މަޝްހޫރު އެތައް ފަރުދުންނެއްގެ ދިރިއުޅުމުގެ ޙަޤީޤީ ތަޖުރިބާތަކުންނާއި، ދުނިޔޭގެ މަޝްހޫރު އެތައް އަދީބުންނެއް ތަސްނީފު ކުރައްވައިފައި ވާ އެންމެ މަތީ ދަރަޖައިގެ ނާވިލުތަކާއި ވާހަކަތަކުގެ ޞަފުޙާތަކުން ވެސް ފެނިވަޑައިގަންނަވާނެއެވެ. އަޅުގަނޑު ތަފްޞީލީ މިސާލުތަކަކަށް ނުދާނަމެވެ. ވަރަށް ފަސޭހައިން އެފަދަ އެތައް ސަތޭކަ މިސާލެއް ފެނިވަޑައިގަންނަވާނެއެވެ.

އާދޭހެވެ. މި ދެންނެވި ކަންކަމުން ހަށިގަނޑަށް ވަރަށް ވެސް މާއްދީ، ވަރަށް ވެސް ތިލަ، ވަރަށް ވެސް ވަގުތީ ރާޙަތުތަކަކާއި އަރާމުތަކެއް ހޯދިދާނެއެވެ. ފިލައިދަނިވި ހިޔަންޏެއް ފަދަ ވަގުތީ އުފާތަކެއް ލިބިދާނެއެވެ. ނަމަވެސް މިއިން ކަމަކުން އިންސާނާގެ ނަފުސާއި ރޫޙަށް، ހިތާއި ފުރާނަޔަށް، އަދި ސިކުނޑިއަކަށް ޙަޤީޤި ސަޢާދަތެއް ނުލިބޭނެއެވެ. ނަފުސާއި ރޫޙަށް ފަރުވާއެއް އަދި ޝިފާއެއް ކަމުގައި ފުދޭ ފަދަ އެއްވެސް އުފަލެއް ނުލިބޭނެއެވެ.

ޙަޤީޤީ ސަޢާދަތާއި ސުކޫނާއި ރިޟާޔަތު ލިބޭނީ ކޮން ގޮތަކުންތޯއެވެ؟

އަޅުގަނޑަށް ފެންނަ ގޮތުގައި، މިއީ މިއަދު އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ މުޖުތަމަޢު، އެ ސުވާލެއްގެ މައްޗަށް މުޅި ނަޒަރު ހުއްޓައިލާން ޖެހިފައި ވާ ބޮޑު ސުވާލެކެވެ. މި ސުވާލަށް ޝާމިލު ޖަވާބެއް ދިނުމަކީ މިފަދަ ލިޔުމެއްގައި ކުރެވޭނޭ ކަމެއް ނޫނެވެ. އަޅުގަނޑު މި ވާހަކަ މި ދައްކަނީ ވެސް، ޙަޤީޤީ އުފަލާއި ސަޢާދަތާއި ސުކޫން ހޯދޭނޭ ގޮތުގެ ފުރާފުރިހަމަ ބަޔާނެއް ލިޔުމުގެ މަޤްޞަދަކު ނޫނެވެ. އަޅުގަނޑުގެ އުއްމީދަކީ، އަޅުގަނޑުމެންގެ ޤައުމު މި މުހިއްމު ސުވާލާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނާން ޖެހޭ ވާހަކަ ދެންނެވުމެވެ.

ނަމަވެސް ވަރަށް ކުރުކޮށް އެއްޗެއް ދަންނަވައިލާނަމެވެ. ޙަޤީޤީ ސަޢާދަތާއި ސުކޫނާއި ރިޟާޔަތު ލިބުމުގެ މަގު އޮތީ އިންސާނާގެ ރޫޙާއި، ބުއްދި އާއި، ޟަމީރު ދެނެގަތުމުގައެވެ. ހަށިގަނޑަށް ކާނާ ދޭ ފަދައިން، މި ދެންނެވި ކަންކަމަށް ވެސް "ކާނާ" ދިނުމުގައެވެ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، ރޫޙާނީ، އަޚްލާޤީ، އަދި ޢިލްމީ ތަންވީރުގައެވެ. މާތްރަސްކަލާނގެ ރަސްކަންފުޅު ދެނެގަތުމުގައެވެ. އެކަލާނގެ ރަސްކަންފުޅަށް ލޯބި ކުރުމުގައެވެ. އެކަލާނގެ ރަސްކަންފުޅަށް ކިޔަމަންތެރި ވުމުގައެވެ. އެކަލާނގެ ރަސްކަންފުޅަށް ޝުކުރުވެރި ވުމުގައެވެ. ތިމާ އާއި އެކަލާނގެ ރަސްކަންފުޅާ ދެމެދު އޮންނާން ވާ ޢުބޫދީ އަދި ރޫޙާނީ ގުޅުން ދެމެހެއްޓުމުގައެވެ. ނަބީ ރަސޫލުންނާއި ﷲ ގެ ވާލީންގެ މާއްދީ އަދި މަޢުނަވީ ޞުޙުބަތުގައެވެ. އިޙްސާންތެރިކަމާއި ރިވެތި އަޚްލާޤުގެ މަގުގައެވެ. ތިމާގެ ނަފުސު ރިވެތި ސިފަތަކުން ޒީނަތްތެރި ކުރުމުގައެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި، މީސްތަކުން ދެކެ ލޯބި ވުމާއި، މީސްތަކުންނަށް އަޅައިލައި އެހީތެރި ވުމުގައެވެ. ޖަހާލަތުގެ އަނދިރީން ސަލާމަތް ވެ، ޢިލްމުގެ އަލީން ތިމާގެ ބުއްދި ސަލާމަތް ކުރުމުގައެވެ. ޢިލްމި ގޮތުން ކުރިއަރައިދިޔުމުގައެވެ.

މި ދެންނެވި މަގުގައި އަޅުގަނޑުމެންގެ ފަރުދީ އަދި އިޖުތިމާޢީ ޙަޔާތް ސީދާ ކުރުމުން، ޙަޤީޤީ އަދި ދާއިމީ އުފާވެރިކަމުގެ އެންމެހައި ބަހާތައް އަތުލެވޭނެއެވެ. އެ ބަހާތަކުގެ ތެރޭގައި އެތައް ކަންތަކެއް ހިމެނެއެވެ. އަޅުވެތިކަމާއި ނިކަމެތިކަމުން ސަލާމަތް ވެ، ތިމާގެ އަމިއްލަ ޝަޚްޞިއްޔަތާއި ޝަނާޚަތު ދެމެހެއްޓުމެވެ. ޢަދުލުވެރިކަމާއި އުޚުއްވަތާއި ހަމަހަމަކަމެވެ. ހަމަޖެހުމާއި ޞުލްޙަވެރިކަމާއި އަމަންއަމާންކަމެވެ. ހެޔޮ ގޮތުގައި އަދި ޙަލާލު އަދި ފައިދާ ހުރި ގޮތުގައި އަތުން ފައިން މަސައްކަތް ކޮށްގެން، ހެޔޮ އަދި ޙަލާލު އާމުދަނީ އާއި މުއްސަނދިކަން ހޯދުމެވެ. ލޯތްބާއި ރަޙްމާއި ކުލުނުގެ މަތީގައި ޢާއިލާތައް ބިނާ ކުރުމެވެ. އަވަށްޓެރިކަމާއި ރަޙްމަތްތެރިކަމުގެ ވާފަށްތައް ވަރުގަދަ ކުރުމެވެ. ޠާހިރު އުފާވެރިކަން ހޯދައިދޭނޭ މަގުގައި އަޅުގަނޑުމެންގެ އަދަބިއްޔާތާއި މިޔުޒިކާއި ފިލްމާއި ދެންވެސް ސަގާފީ އެހެނިހެން ދާއިރާތައް ތަރައްޤީ ކުރުމެވެ. ހެޔޮ ޞިއްޙަތާއި ޢާފިޔަތެވެ.

ތިންވަނަ ވާހަކަ އަކީ، ޤައުމެއް ބިނާ ކުރުމަށް ޓަކައި "އުފާވެރި" ފަރުދުންތަކެއްގެ މުހިއްމުކަމުގެ ވާހަކައެވެ.

ޝައްކެއް ނެތް ގޮތުގައި، ކާމިޔާބު ޤައުމެއްގެ އެންމެ މުހިއްމު އުންސުރަކީ އުފާވެރި ރައްޔިތެކެވެ. ޤައުމެއްގެ ރައްޔިތުންނަކީ ރޫޙާނީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ޢިލްމީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކު ކަމުގައި ވެއްޖެއްޔާ، އެމީހުންނަކީ ޙަޤީޤީ އުފަލާއި ސަޢާދަތާއި ސުކޫނާއި ރިޟާޔަތުގެ އުސް ހަރުފަތަށް ވާޞިލު ވެއްޖެ ބައެކެވެ. އެފަދަ ރައްޔިތެއް ޤައުމަކަށް ލިބިއްޖައުމުން، އެ ޤައުމަކަށް ބާއްޖަވެރިކަމުގެ މައި މުގޫ ލިބުނީއެވެ. އެ ޤައުމަކަށް ފަލާޙާއި ކާމިޔާބުގެ މައި ދޮރޯށީގެ ތަޅުދަނޑި އަތުވީއެވެ. އެފަދަ ރައްޔިތެއް ދިރިއުޅޭނީ ފުރާފުރިހަމަ ގޮތުގައެވެ. އެފަދަ ބައެއްގެ ތެރޭގައި އިންސާނީ ކަރާމާތާއި ޙުރުމަތް އޮންނާނީ ރައްކައުތެރި ކުރެވިފައެވެ. އެފަދަ ބަޔަކު ދިރިއުޅޭނީ އުޚުއްވަތާއި ލޯތްބާއި ރަޙްމާއި ކުލުނުގެ މާޙައުލެއްގައެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ ބުންޔާދުގެ މަތީގައެވެ. އެފަދަ ބައެއްގެ ކިބައިގައި މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ކުރިމަތީގައި ޝަރާފަތާއި ކަރާމާތާ އެކު ހުއްޓުމުގެ ޤާބިލުކަން ހުންނާނެއެވެ. އެފަދަ ބަޔަކަށް މާތްރަސްކަލާނގެ ކުރިމަތި ކުރައްވާ އިމްތިޙާނުތައް ވެގެން ދާނީ އެ ބައެއްގެ މަތިވެރިކަމާއި ޖައުހަރު މުޅި ދުނިޔެއަށް ފެނި ސާބިތު ވުމުގެ ވަސީލަތަކަށެވެ. އެފަދަ ބަޔަކު ވާނީ މަސައްކަތްތެރި ބަޔަކަށެވެ. އުފެއްދުންތެރި ބަޔަކަށެވެ. ދުނިޔެ އާއި ދުނިޔޭގެ ދިރުންތަކާއި މާޙައުލަށް އޯގާވެރި އަދި ފަރުވާތެރި ބަޔަކަށެވެ. ވަރަށް ކުރުކޮށް ދަންނަވަންޏާ، އެފަދަ ޤައުމެއް ވާނީ ދުނިޔެއަށް ނަމޫނާއަކަށެވެ. އިންސާނިއްޔަތަށް މަގު ދައްކައިދޭ ދަންމަރަކަށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއާ ޙަވާލު ކުރެއްވެވި އެންމެ މަތިވެރި ވަޒީފާ ކަމުގައި ވާ، އެކަލާނގެ "ޚަލީފާ" އެއްގެ ދައުރު ފުރިހަމަ ގޮތުގައި އަދާ ކުރާ ޤައުމަކަށެވެ.

މާތް ވެގެންވާ އިސްލާމް ދީނުގެ އެންމެ މަތިވެރި އެއް އަމާޒަކީ ވެސް މި ދެންނެވި ފަދައިން، އިންސާނުންނަށް ޙަޤީޤީ އުފާވެރިކަން ގެނެސްދިނުމެވެ. ޙަޤީޤީ އުފާވެރިކަމުގެ މަގު ދައްކައިދިނުމެވެ. އަޅުގަނޑުމެންގެ ކާމިޔާބުގެ މަގު އޮތީ އެ ދީނުގައި ކަމުގައި ބުނާން ޖެހޭ އެއް ސަބަބަކީ މިއެވެ. އަޅުގަނޑުމެންނަކީ، ދިވެހި ޤައުމަށް ލެއްވެވި އާދަޔާ ޚިލާފު ހެޔޮ ނަޞީބުގެ ސަބަބުން، މުސްލިމުންނީމުއެވެ. ނަމަވެސް، ޙަޤީޤީ މާނައިގައި މުސްލިމުން ކަމުގައި ނުވެވުމުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ތެރެއިން ޙަޤީޤީ އުފާވެރިކަން ދަނީ ނެތެމުންނެވެ. ކޮންމެ ޢާއިލާއެއްގެ ގެ، ބަރުބާދީގެ ގޮވައްޗަކަށް ދަނީ ބަދަލު ވަމުންނެވެ. އެ ބަރުބާދީގެ ސަބަބުތައް ގިނައެވެ. ރަޙިމުގެ ގުޅުމުގެ އަގު ނެތުމެވެ. މަސްތުވާ ތަކެއްޗެވެ. ދެމަފިރީންގެ މެދުގައި ލޯތްބާއި ވަފާތެރިކަން ނެތުމެވެ. ޒިނޭއެވެ. ޙަރާމް ފައިސާ އާއި މުދަލެވެ. އަމިއްލަ ދީނީ އަދި ޤައުމީ ޝަޚްޞިއްޔަތު ގެއްލުމެވެ. ޙަސަދަވެރިކަމާއި ޣީބަ ބުނުމާއި ނެތިމޮށުމެވެ. ބޭރަޙްމާއި ބޭއިންޞާފެވެ. އަމިއްލަ އެދުމާއި މަވެތިކަމެވެ. ހުތުރު ބަހުރުވަ އާއި ރުޅި އާއި ނަފްރަތެވެ. އަވަށްޓެރިކަމުގެ ގުޅުން ނެތިދިޔުމެވެ. ނަމަވެސް މި ހުރިހައި ކަމެއްގެ އަޞްލު ގޮސް ގުޅެނީ، އަޅުގަނޑުމެންގެ މުޖުތަމަޢު ރޫޙާނީ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ޢިލްމީ ގޮތުން ހަލާކު ވެދާދިޔުމާއެވެ. ހަމައެކަނި ދުނިޔެ އާއި މާއްދިއްޔަތަށް ހުސް ވެގެން ތިބޭތިބުމާއެވެ. އުފަލާއި ހިތްހަމަޖެހުމަކީ ހަމައެކަނި މާއްދިއްޔަތާއި މާއްދީ ދުނިޔެއިން ލިބި ފުރިހަމަ ވާ އެއްޗެއް ކަމުގެ ކުށް ވިސްނުމުގެ ތެރެއަށް އަޅުގަނޑުމެން ވެއްޓިފައި ތިބޭ ތިބުމާއެވެ.

އެހެންކަމުން، ދިވެހި ޤައުމު ބިނާ ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރާން ޖެހިފައި އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ، ޙަޤީޤީ އުފާވެރިކަމުގެ މާނަ އާއި، ވަސީލަތްތަކާއި، މަގުތައް ދެނެގަތުމެވެ. ޙަޤީޤީ އުފާވެރިކަން ލިބިފައި ވާ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެން ވުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް