އަފްޣާނިސްތާނުގެ އަންހެނުން އާންމު ތަންތަނުގައި އުޅޭއިރު މޫނުބުރުގާ އެޅުމަށް ތާލިބާނުން އަންގައިފި

ފޮޓޯ: ރޮއިޓާސް

އާންމު ތަންތަނުގައި އުޅޭއިރު އަފްޣާނިސްތާނުގެ އަންހެނުން ތިބެން ޖެހޭނީ މޫނު ނިވާކޮށްގެން ކަމަށް ތާލިބާނުން މިއަދު އަންގައިފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު ހިބަތުالله އަޚުންދްޒާދާގެ ގަރާރު ކިޔާދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އާންމު ތަންތަނުގައި މޫނު ބުރުގާ ނާޅާ އަންހެނުންގެ ބައްޕަ ނުވަތަ އެންމެ ގާތް ފިރިހެން މީހާ ޖަލަށް ލައި ނުވަތަ ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާނެ ކަމަށެވެ.

މި އެންގުމާއެކު ކުޑަ އަންހެންކުދިންނާއި އުމުރުން ދުވަސްވީ އަންހެނުން ފިޔަވައި ހުރިހާ އަންހެނުން ވެސް އާންމު ތަންތަނަށް ނުކުމެ އުޅޭއިރު މޫނުބުރުގާ އަޅަންޖެހޭނެއެވެ.

އަފްޣާނިސްތާނުގައި 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުން ވެރިކަން ކުރި އިރުވެސް އާންމު ތަންތަނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރުކުރިއެވެ.

މިދިޔަ އޮގަސްޓް މަހު ވެރިކަމާ ހަވާލުވި ތާލިބާނުން މީގެ ކުރިން ބުނީ އެމީހުން މީގެ 20 އަހަރު ކުރިން ވެރިކަން ކުރި ގޮތާ މިހާރު ވެރިކަން ކުރާ ގޮތާ ތަފާތު ވާނެ ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން އަންހެނުންނަށް ފިޔަވަޅު އަޅާ މިންވަރު ފާއިތުވި މަސްތަކުގައި ވަނީ އިތުރުކޮށްފައެވެ. އެގޮތުން، އަންހެނުންނަށް އެކަނި ދަތުރު ކުރެވޭ މިންވަރު މަދުކޮށް، އަންހެނުންނާއި ފިރެހެނުން އެއް ވަގުތެއްގައި ޕާކު ފަދަ ތަންތަނަށް ދިއުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް