ޕާޓީ ބަދުނާމުކޮށް ނަހުލާ ދައްކަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް: ޕީޕީއެމް

ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ. -- ފޮޓޯ/ފޭސްބުކް

ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް މާލޭ ސިޓީ ވިލިމާލޭ ދާއިރާގެ މެންބަރު ނަޙުލާ ޢަލީ ދައްކަމުން ގެންދަވަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް އެ ޕާޓީން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ނަހުލާ އޭނާގެ ފޭސްބުކް އެކައުންޓުގައި ދެއްކެވި ވާހަކަތަކަށް އިޝާރާތްކޮށް ޕީޕީއެމުން ބުނެފައި ވަނީ، ނަހުލާ ދޮގު ވާހަކަ ފަތުރަން ފަށައިފައިވަނީ ޕާޓީގެ ސުލޫކީ ކޮމިޓީން އޭނާގެ މައްސަލައެއް ބަލަން ފެށުމުން ކަމަށެވެ. އެގޮތުން، ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް ނަހުލާ އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބިފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޕީޕީއެމްގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

ހަމައެއާއެކު، މިކަންކަން ކުރުމުގައި ނަޙުލާއާއެކު އޭނާއަށް ވާގިވެރިވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ އާއި ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

ނަހުލާއާއި އޭނާގެ މަންމަ ލީލާގެ ވެސް ސުލޫކީ މައްސަލަ ޕީޕީއެމުން ބަލަމުން އަންނައިރު އެ މައްސަލަ ބެލުމުގައި އެ ދެ ފަރާތުގެ ވެސް އެއްބާރުލުން ނުލިބޭކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނާ ގުޅިގެން ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކައިފައެއް ނުވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަޙުމަދު ޝުޖާއު އޭނާއަށް ޕާޓީން ކަނޑާލާނެކަމުގެ އިންޒާރު ސިޓީ ކައުންސިލް ތެރޭ ދީ، އޮފީހަށް ދިއުމަށް އުނދަގޫ ކުރާކަމުގެ ޝަކުވާ މިދިޔަ މަހުގެ 20ވަނަ ދުވަހު ހުށަހަޅަައިފައިވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕުން އެއީ އަމިއްލަ ކަމެއް ކަމަށް ބުނެ އެ މައްސަލައަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަމުގައި އޭނާ ވިދާޅުވިއެވެ.

"މި ނޫސްބަޔާނަކީ ޝުޖާގެ ނުފޫޒުން ނެރެފައިވާ ނޫސްބަޔާނެއްކަން ފާހަގަކުރަން،" ނަހުލާގެ ޕޯސްޓުގައިވެއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ ޝުޖާއުގެ ނުފޫޒުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއީދު ކުރާތީ ކޮންމެފަދަ ދެރައެއް ދިނަސް ފަރުވާލެއް ނެތް ކަމަށް ފޭސްބުކުގައި ނަހުލާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް