ޕީޕީއެމުން ވަތްކެއް ނުކުރެ، ފަތުރަނީ ބުހުތާންދޮގު ޚަބަރެއް: ނަހުލާ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ --- ފޮޓޯ/ ފޭސްބުކް

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ ޢަލީ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ބުނެ ފުތުރަމުން އަންނަ ޚަބަރު އޭނާ ދޮގު ކުރައްވައިފިއެވެ.

ޕީޕީއެމުން ނަހުލާ ވަކިކޮށްފި ކަމުގެ އަޑުތަކެއް މިރޭ ވަނީ އަރާފައެވެ.

މިކަމާ ގުޅިގެން އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ ޕީޕީއެމުން ނަހުލާ ވަކި ނުކުރާ ކަމަށާއި ނަމަވެސް އޭނާއާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފުސީލެއް ހީނާ ނުދެއްވައެވެ.

މި އަޑުތަކާބެހޭ ގޮތުން ނަހުލާ ވިދާޅުވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ ބައި އިލެކްޝަނަށް ކެނޑިޑޭޓެއްގެ ނަން ހުށަހެޅުމުން، އެ ހުށަހެޅި ކެންޑިޑޭޓުގެ ނަން ނެގުމަށް އެންގި ކަމަށެވެ.

"އަޅުގަނޑު އެ ނަން ނުނެގުމުން ކެނޑިޑޭޓް ލައްވާ ނަން ނަގުވާފަ ޕާޓީގެ ބޭފުޅަކު ބޭނުންފުޅުވާ ކެންޑިޑޭޓައް ޓިކެޓް ދެއްވާފައިވޭ. އަދި ޑަބްލިޔުޑީސީގެ ބައި އިލެކްޝަންގައި ވާދަ ކުރާ ޕީޕީއެމް ކެންޑިޑޭޓުގެ ފޯމް އިލެކްޝަނަށް ހުށަހަޅައި ދުވަހުން ފަށައިގެން ކެންޑިޑޭޓައް ކާބިޔާބު ނުވެއްޖެ ނަމަ، އަޅުގަނޑު ޕާޓީން ވަކިކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް އެބޭފުޅާ އަންނަނީ ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުދީ ބިރުދައްކަމުން،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޮފީސް ތެރޭގައި އޭނާއަށް ބިރު ދައްކާ އިންޒާރުދިނީ މޭޔަރާއި އަދި މުވައްޒަފުންގެ ވެސް ކުރިމަތީގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ، މޭޔަރުގެ ހާޒިރުގައި ޕީޕީއެމްގެ ލީޑާޝިޕަށް ހުށަހެޅުމުގެ އިތުރަށް ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެސް ދަންނަވާފައި ކަމަށެވެ.

ކޮންމެ ކަމެއް ކުރިޔަސް ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އިސް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ނަހުލާ ވިދާޅުވީ އެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ޚިދުމަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުން ނަހުލާ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ހަމައެކަނި ސިޔާސީ ލީޑަރަކީ އެމަނިކުފާނު ކަމަށެވެ.

"އަޅުގނޑު ޤަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝާ ޕީޕީއެމް ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވަނީ ބިނާކުރަބިވި ފިކުރަށް ތާއީދު ކުރާ، އަދި ވިލިމާލޭގެ ތަރައްޤީއަށް މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން އޭނާއާއެކު ސާބިތުވެތިބުމަށް އެދިލައްވާފައެވެ.

comment ކޮމެންޓް