ކައިވެނީގެ ކުރިން ވަކިކަހަލަ ޓެސްޓުތަކެއް ހެދުން މަޖުބޫރުކުރުން (2)

ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ކައިވެނީގެ ކުރިން ޖެނެޓިކް ތަހުލީލެއް ކުރުމަކީ ކޮބައިކަމާއި އެކަމުގެ ހުކުމާމެދު އިލްމުވެރިންގެ ރައުޔުތައް، ކުރީގެ މަޒުމޫނުގައި ގެނެސްދީފައިވާނެއެވެ. އެ ރައުޔުތަކުގެ ދަލީލުތަކާއި މުނާޤަޝާތައް މި މަޒުމޫނުގައި ހިމަނައިލަމެވެ.

ހުއްދަކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތައް:

ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުން ހުއްދަވާނެކަމަށާއި ވަލިއްޔުލްއަމްރު ބޭނުންވެއްޖެނަމަ އެކަމުގެ މައްޗަށް ޤާނޫނެއް ހަދައި އެކަން ކުރުން މީސްތަކުންނަށް ލާޒިމު ކުރެވިދާނެކަމަށް ވިދާޅުވާ ބޭފުޅުން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސްފުޅުތަކުން އަދި ފިޤުހީ ޤަވާޢިދުތަކުން ގިނަ ދަލީލުތަކެއް ގެންނަވާފައި ވެއެވެ. އޭގެތެރެއިން ބައެއް ދަލީލު މިތަނުގައި ބަޔާން ކުރަމެވެ.

(ހ) އާންމު މަސްލަހަތަށްޓަކައި (އިސްލާމީ ޝަރީޢަތު އަސްލަކާ ޚިލާފުނުވެ) ވަލިއްޔުލްއަމްރު ވަކިކަމަކަށް މީސްތަކުންނަށް އަމުރުކޮށްފިނަމަ އެ އަމުރަކަށް ކިޔަމަންވެ އެއާ އެއްގޮތަށް އަމަލުކުރުން މީސްތަކުންގެ މައްޗަށް ވާޖިބުވާނެއެވެ.(ނިސާ: 59)

(ށ) އަމިއްލަ ނަފުސުތައް އަމިއްލަ އަތުން ހަލާކުގެތެރެއަށް އެއްލައިނުލުމަށް އަންގަވާފައި ވެއެވެ.(ބަޤަރާ: 195)

(ނ) ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."(އައްރޫމް: 21) މި އާޔަތުން އެނގޭގޮތުގައި ކައިވެނީގެ އެންމެ މުހިއްމު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީން އެކަކު އަނެކަކުގެ ކިބައިން ހިތްހަމަޖެހުމާއި މަޑުމައިތިރިކަމާއި ރަޙުމާއި ލޯތްބާއި އުފާވެރިކަން ލިބިގަތުމެވެ. ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމަކީ ބަލިތަކާއި އައިބުތަކުން ރައްކާތެރިވެ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.

(ރ) ޒަކަރިއްޔާ ޢަލައިހިއްސަލާމުގެ ބަސްފުޅު: قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً (އާލުޢިމްރާނު: 38) މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ހަޒުރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ!" އަދި މުއުމިނުތަކުންގެ ބަސް: رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا (ފުރުޤާނު: 74) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"

ކައިވެނީގެ މުހިއްމު އަނެއް މަގުސަދަކީ ރަނގަޅު އިންސާނުންތަކެއް އުފަންކޮށް އެ ނަސްލު ދެމިގެންދާނެގޮތް ހެދުމެވެ. އެހެންކަމުން ރަސޫލުންނާއި މުއުމިނުތަކުންވެސް އެފަދަ ރަނގަޅު ދަރިފަސްކޮޅެއް ދެއްވުން އެދި އެވަނީ ދުޢާ ދަންނަވާފައެވެ. ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ އެއް ހެދުމަކީ އާފާތްތަކާއި އައިބުތަކުން ސަލާމަތްވެގެންވާ ދުޅަހެޔޮ ދަރީންތަކެއް އުފަންވުމަށް މަގުފަހިވާނޭ ކަމެކެވެ.

(ބ) ކައިވެނި ކުރެއްވުމަށްޓަކައި ޚިޠުބާ (އެންގޭޖު) ކުރެއްވި ތަފާތު ބޭފުޅުންނަށް، އެބޭފުޅުން ޚިޠުބާ ކުރެއްވި އަންހެންމީހާއަށް ބެއްލެވިންތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލުކުރައްވާފައިވާކަމަށް އައިސްފައިވާ ޞައްޙަ ހަދީސްތައް ވެއެވެ. މި ހަދީސްތަކުން އެނގޭގޮތުގައި؛ ކައިވެނިކުރަން ބޭނުންވާ މީހާއަށް ބެލުމުގެ ބޭނުންތަކުގެތެރޭގައި އެކަކު އަނެކަކާ ކައިވެނިކުރާ ހިތްޖެހުމާއި އަދި އެމީހާގެ ކިބައިގައި ހުރިނަމަ ހުރި އައިބެއް ދެނެގަތުން ހިމެނެއެވެ. އެހެންކަމުން ބޭރުފުށުން ފެންނަންހުންނަ އާދައިގެ އައިބެއްގެ އިތުރުން، އެމީހެއްގެ ކިބައިގައި ފޮރުވިފައި ހުރި އައިބުތައްވެސް ދެނެގަތުމުގެ ކުޅަދާނަކަން ޒަމާނީ އާލާތްތަކަށް ލިބިގެންވާކަމަށްޓަކައި، ޖެނެޓިކް ސްކްރީނިންގ އެއް ހެދުމުގެ ޝަރުޢީ ޙުއްޖަތް މި ހަދީސްތަކުންވެސް ސާބިތުވެއެވެ.

ހުއްދަނޫންކަމަށް ވިދާޅުވާ އިލްމުވެރީންގެ ދަލީލުތައް:

(ހ) ކައިވެނީގެ ރުކުންތަކާއި ޝަރުތުތައް، ޝަރުޢީގޮތުންވަނީ ކަނޑައެޅި ނިމިފައެވެ. ކައިވެންޏާ ގުޅޭގޮތުން ވަކިކަމަކަށް މީސްތަކުންނަށް އަމުރުކޮށް އެކަން އެއީ ކައިވެންޏަށް އިތުރު ކުރެވޭ ޝަރުތެއްކަމުގައި ކަނޑައެޅުމަކީ ބާތިލު ކަމެކެވެ.(ބުޚާރީ އާއި މުސްލިމް)

(ށ) ޤުރުއާނާއި ސުންނަތުން ނުވަތަ އިހުގެ ފިޤުހުވެރީންގެ ބަސްފުޅަކުންވިޔަސް، ސިއްހަތު ސަލާމަތުން ހުރުން އެއީ ކައިވެނީގެ ޝަރުތެއްކަމުގައި ކަނޑައަޅުއްވާފައެއް ނުވެއެވެ. އަދި ކައިވެނީގެ މަގުސަދަކީ ދަރީން ހޯދުންކަމުގައި ޝަރުތު ކުރައްވާފައި ވާތީއެއްވެސް ނުފެނެއެވެ. މުސްކުޅިވެ ދަރީން ނުލިބޭ އުމުރުގެ މީހުންވެސް ކައިވެނިކުރުން ހުއްދަވެގެން ވެއެވެ.

(ނ) ފިޤުހީ ޤާޢިދާގައި ވަނީ "ރައްޔިތުންނާބެހޭގޮތުން ވެރިޔަކު ކުރާ ކޮންމެ ތަޞައްރުފެއްވެސް އޮންނަންޖެހޭނީ (ރައްޔިތުންގެ) މަސްލަހަތާ އެއްގޮތަށެވެ." އެހެންކަމަށްވާނަމަ ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ އެއް ހެދުން މީސްތަކުންނަށް ލާޒިމުކުރުމަކީ މީސްތަކުންގެ މަސްލަހަތާ ފުށުއަރާ ކަމެކެވެ.

އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު:

1. ދަލީލުތަކަށްބަލާއިރު މިކަމަކީ ޝަރުޢީގޮތުން ސާބިތުވާ ކަމެކެވެ. އަދި މިއީ ޝަރުޢީ އުސޫލުތަކާ ފުށުއަރާކަމެއްވެސްނޫނެވެ. އަދި މިއީ ބަލިތަކުން ރައްކާތެރިވުމާއި ބަލިބައްޔަށް ބޭސްކުރުމާއި ރަނގަޅު އަނތްބަކު ނުވަތަ ފިރިއަކު އިޚްތިޔާރުކުރުމާގުޅޭ އާންމު މަބާދިއު (principles) ތަކުގެ ދަށަށް ވަދެގެންދާ ކަމެކެވެ. ދަލީލުތަކަށް ބަލައިފިނަމަ މިކަން މީސްތަކުންގެ މައްޗަށް ލާޒިމުކުރުން ޝަރުޢީގޮތުން މަނާނުވާނެކަން އެނގޭނެއެވެ. އަދި މީސްތަކުންގެ މަސްލަހަތުގެ އިމުގެތެރޭގައި، މިފަދަ ހުއްދަ ކަމަކަށް ޙާކިމު އަމުރުކޮށްފިނަމަ އެއީ ލާޒިމު ކަމަކަށް ވެގެންދާނެއެވެ.

2. މިކަން ކުރުން މީސްތަކުންގެ މައްޗަށް ލާޒިމު ކުރާ ޤަރާރެއް ނެރުމުގެ ހުއްދަ، ދެޝަރުތަކާއެކު ޙާކިމަކަށް ލިބިގެންވެއެވެ. އެއީ (1) އެއިޑްސްފަދަ ވަރަށް ނުރައްކާތެރި، ގައިންގަޔަށް އަރާ ވަކިކަހަލަ ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި އެކަމުގެ ޟަރޫރަތު ފިލައިގެންދާ މިންވަރަށް، އެފަދަ ތަހުލީލެއް ކުރުން ލާޒިމުކުރުން. (2) ކައިވެނީގެ ކުރީން އެފަދަ ތަހުލީލެއް ނުކުރުމުގެ އަދަބަކީ ކައިވެނި ބާތިލުކުރުން ނުވަތަ ފާސިދު ކައިވެންޏެއްކަމަށް ހެދުން ނުވަތަ ކައިވެނީގެ ޢަޤުދާގުޅިގެން ތަރުތީބުވެގެންދާ އެހެންކަމެއް މަނާކުރުންފަދަ ކަމަކަށް ވެގެންނުވާނެއެވެ. އޭގެބަދަލުގައި ޖުރުމަނާ ކުރުންފަދަ އަދަބެއް ދެވިދާނެއެވެ.

3. މިކަމަކީ ކައިވެނިކުރާ ދެމީހުންގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮންނަ ކަމެއްގެ ގޮތުގައި ބޭއްވިދާނެއެވެ.

އިސްވެ ދިޔަ ތިން ރައުޔާއެކު ބާހިސުންނާއި ފަތުވާ ދެއްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވާގޮތުގައި؛ ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމަކީ މުސްތަޙައްބު (recommended) ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި އެކަން ވާޖިބުވާނެއެވެ. މީގެ އިތުރުން، ވަކި ބައެއްގެތެރޭގައި ނުރައްކާތެރި ބައްޔެއް އުޅޭކަން އެނގި، އެމީހުންގެތެރެއިން މީހަކާ ކައިވެނިކުރާނަމަ އެމީހާ ޓެސްޓު ކުރަން އެދެވިދާނެއެވެ. މީހެއްގެ ކިބައިގައި ނުރައްކާތެރި ބައްޔެއް ހުރިކަން އެނގި އެކަން މުޅީން ޔަގީން ކުރެވޭނެ ހަމައެކަނި ގޮތަކީ ޖެނެޓިކް ސްކްރީނިންގ އެއް ހެދުން ކަމުގައިވެއްޖެ ހާލަތެއްގައި މެނުވީ އެކަން ކުރުން ލާޒިމެއްނުކުރެވޭނެއެވެ. މިކަން މީސްތަކުންގެ މައްޗަށް ލާޒިމުކުރުމުގެ ބަދަލުގައި، ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ މުހިއްމުކަމާމެދު މީހުން ހޭލުންތެރި ކުރުވިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް