ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަނީ

ރައީސް ޔާމީން -- ފޮޓޯ/ ޓްވިޓާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މީގެ ކުރިން ވެރިކަން ކުރި މީހަކު މި ޤައުމު އިނދަޖައްސާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަން އެހެން ވިޔަކަ ނުދޭނެ ކަމަށް އެ ވިޑިއޯގައި ވާހަކަދައްކާ މީހާ ބުންޏެވެ. މީގެ އިތުރުން ރާއްޖޭގެ ދިފާއީ ބާރު އޮތީ އެހެން ޤައުމެއްގެ އަތްދަށުވެފައި ކަމަށް ބުނެ ހަދަނީ ވެސް ހުސް ދޮގު ކަމަށް ވީޑިއޯގައި ބުނެއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ޔާމީނަށް އިންޒާރު ދީފައިވާ މައްސަލައެއް ބަލައިދިނުމަށް މިމަހުގެ ދެވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސައެއް ބަލައިދިނުމަށް މިމަހުގެ ތިން ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާގުޅޭ ގޮތުން އިތުރު ތަފުސީލް ނުދެއްވި ނަމަވެސް ލިބިފައިވާ ސިޓީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.

އެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ.

comment ކޮމެންޓް