"އެމްއެސް ޝޯޓް މޫވީ ޗެލެންޖު"ގެ ނުވަ ފިލްމް، އެމްއެސްގެ ވީޑިއޯ ކްލަބުން ދައްކަން ފަށައިފިއެވެ.
އެއްވަނައަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ އިނާމަކާ އެކު، "އެމްއެސް ޝޯޓް މޫވީ ޗެލެންޖު"ގެ ނަމުގައި މީޑިއާނެޓުން ކުރުފިލްމް މުބާރާތެއް ތައާރަފުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ސާޅީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް، ވީޑިއޯ 1080ޕީ 50އެފްޕީއެސްގެ ރިޒޮލިއުޝަނުގައި ހުންނަ، ސިޔާސީ ނުވަތަ ދީނާ ދެކޮޅު ފިލްމު ކެޓަގަރީއަށް ނުދާގޮތަށް، ތައްޔާރު ކޮށްފައިވާ މި ފިލްމުތަކުގެ ތެރެން ޖަޖުން އަދި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބޭ ފިލްމަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދާ ފަރާތަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގަދަ ތިނަކަށް ދާ ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން ތަފާތު ފިލްމު، ސީރީޒްގެ އިތުރުން އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވެ، މީޑިއާ ނެޓުން ދައްކަން ފަށާފައިވާ ނުވަ ފިލްމަކީ:-
- ހިމިޓިހި - އިސްމާއިލް އާސިފް
- ނަޒަރު - ލައިޓްސް އައުޓް
- އިޚްތިޔާރު - ލޯރް
- މޫވީ ނައިޓް - މިފްޒާ ހަސަން
- ހައްގު ނިޔާ - ރީޝާ ޝަރީފް
- ދަ ލެޓާ - އަލީ ޝާމިން
- ހަށި - މުހައްމަދު ޝަނޫން
- ބްލޫސް - ޝިއްމަ
- ގާޑަން ތެރޭ އުދުހިލާ - ސްލޯ ޓޭޕް
މި ފިލްމުތައް ދައްކަން ފަށާފައިވާއިރު، އެންމެ މޮޅު ތިން ފިލްމު މި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ހޮވާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
މީޑިއާނެޓުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ޒުވާން ހުނަރުވެރިންނަށް ފުރުސަތު ދޭ ކުންފުންޏެއް ކަމަށެވެ. އަދި، އެ ކުންފުނީގެ އަމާޒަކީ މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.