އާތުރައިޓިސް: ވޭންހުރި ނުރައްކާތެރި ބައްޔެއް!

އާތުރައިޓިސް ނުވަތަ ރާއްޖެބައްޔަކީ ހުޅުތައް ދުޅަވުމަށް ކިޔާ ބައްޔެކެވެ.// ފޮޓޯ: ފުޓް ޑޮކްޓާ

އާތުރައިޓިސް ނުވަތަ ރާއްޖެ ބައްޔަކީ ހުޅުތައް ދުޅަވުމަށް ކިޔާ ބައްޔެކެވެ. މި ބައްޔަކީ ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލް ކުރަމުން އަންނަ ވޭންހުރި ބައްޔެކެވެ. އާންމު ގޮތެއްގައި އާތުރައިޓިސްގެ އަލާމާތްތައް ފެންނަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނެވެ.

އާތުރައިތިސްގެ ވައްތަރުތަކުގެ ތެރޭގައި އޮސްޓިއޯ އާތުރައިޓިސް، ރޫމަޓޮއިޑް އާތުރައިޓިސް، ގައުޓް އާތުރައިޓިސް، ރިއެކްޓިވް އާތުރައިޓިސް، އިންފެކްޝަސް އާތުރައިޓިސް އަދި ސޯރިއެޓިކް އާތުރައިޓިސް ހިމެނެއެވެ. ނަމަވެސް އާތުރައިޓިސްގެ އާންމު ދެ ވައްތަރަކީ އޮސްޓިއޯއާތުރައިޓިސް އަދި ރޫމަޓޮއިޑް އާތުރައިޓިސްއެވެ.

އޮސްޓިއޯއާތުރައިޓިސްއަކީ ހުޅުތަކުގެ މެދުގައި ހުންނަ މަޑުކަށިތަށް ގޭނުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މި މައްސަލަ އާންމުގޮތެއްގައި ދިމާވާނީ އަތްފައިގައާއި އުނަގަނޑާއި ކަކުލު ހުޅުގައެވެ. އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން އަންނަ ބަދަލުތައް ހަށިގަނޑުގައި އަށަގަންނާނީ މަޑުމަޑުންނެވެ.

ރޫމަޓޮއިޑް އާތުރައިޓިސްގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު، ހުޅުތައް ގުޅުވައިދޭ ފަށަލައަށް ހަމަލާދެއެވެ. މި ފަށަލައަކީ ހުޅުތައް ވަރުގަދަ ކަންމަތީ ދަމަހައްޓައިދޭ ފަށަލައެކެވެ. މި ފަށަލައަށް ހަމަލާދިނުމުގެ ސަބަބުން ހުޅުތަައް ދުޅަވެ، ހުޅުތަކުގެ މެދުގައިވާ މަޑު ކަށިތަށް ހަލާކުވެގެންދެއެވެ.

ހުޅުތައް ހަރުވެ ދުޅަވުން އަދި ހުޅުތައް ރަތްވުމަކީ އާތުރައިޓިސްގެ އަލާމާތްތަކެވެ. މީގެ އިތުރުން ހިނގަން އުނދަގޫވެ، ހުޅުތަކުގެ ބާރު ދެރަވުންވެސް އާތުރައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ހަށިގަނޑަށް މިފަދަ ބަދަލުތަކެއް އަންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދާ ޓެސްޓުތައް ހެދުމަކީ މުހިންމު ކަމެކެވެ.

މި ބައްޔަކީ ކުރީކޮޅުގައި ބަލި ދެނެނުގަނެވިއްޖެނަމަ ފަރުވާ ހޯދަން އުނދަގޫ ބައްޔެކެވެ. އާތުރައިޓިސްގެ ބައެެއް ވައްތަރުތަކުގައި ފަރުވާ ނުކުރެވި ގިނަދުވަސް ވާނަމަ ހުޅުތަކަށް ދާއިމީ ގެއްލުން ލިބުމަކީ އެކަށިގެންވާ ކަމެކެވެ.

މީގެއިތުރުން، ރޫމަޓޮއިޑް އާތުރައިޓިސްއަށް ފަރުވާނުދެވި ގިނަދުވަސްވާނަމަ ހިތުގެ މައްސަލަތަކާއި ފުއްޕާމޭގެ މައްސަލަތައް ދިމާވެއެވެ. އާންމު ގޮތެއްގައި މި ބައްޔަށް ފަރުވާދިނުމުގެ ގޮތުން ތަދުކަނޑުވާ ބޭހާއި ކޯޓިކޯސްޓެރޮއިޑް ފަދަ ބޭސްތައް ބޭނުންކުރެއެވެ. އާތުރައިޓިސްގެ ބައެއް ވައްތަރުތަކާ ހާލަތްތަކާ ގުޅިގެން ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ކަސްރަތު ކުރުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ދުންފަތާ ދުރުހެލިވުމަކީ މި ބަލި ޖެހުމުގެ ފުރަސަތު ކުޑަކޮށްދޭނެ ކަންކަމެވެ. ހަމަމިއާއެކު ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ.

comment ކޮމެންޓް