ސައީދު ޑައިވްކުރި ސަރަހައްދުން ޑައިވް ބެލްޓެއް ފެނިއްޖެ

ގެއްލިގެން ހޯދަަމުން އަންނަ ފުވައްމުލަކުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދު، 35،--

ފުވައްމުލަކު ބޭރަށް މިދޔަ ހޯމަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މުޙައްމަދު ސަޢީދު ޑައިވް ކުރި ސަރަހައްދުން ޑައިވް ބެލްޓެއް ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ބެލްޓު ފެނިފައިވަނީ 68 މީޓަރު އަޑިން ކަމަށެވެ. ސައީދު ހޯދުމަށް ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަނުގައި މިއަދު ވަނީ ހަތަރު ޑައިވް ފުރިހަމަކޮށްފައެވެ.

އިއްޔެ ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ސަޢީދު މަސްހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ވެސް އެ ސަރަހައްދުގެ 59 މީޓަރު އަޑިން ހޯދާފައެވެ.

ސްލޯޕެއްގޮތަށް އުފެދިފައިވާ މި ސަރަހައްދުގެ ފުންމިނުގައި މި އާލާތްފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް އެމްއެންޑީއެފުން ވަނީ ލަފާކޮށްފައެވެ.

އިއްޔެގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯރތް ސްކޮޑްރަންއިން ހިންގަމުންދާ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މުޙައްމަދު ސަޢީދު ހޯދުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށް ކޯސްޓްގާޑުން ފާހަގަ ކުރެއެވެ.

ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ ހޯމަ ދުވަހުގެ މެންދުރު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 15:36 ހާއިރުއެވެ.

ގެއްލުނު މުޙައްމަދު ސަޢީދުއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުން ވަނީ އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް