ބިރުދައްކައިގެން ގެއަކަށް ވަދެ، އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލައިފި

ވިލިނގިލީ ގެއަކަށް ބިރުދައްކައިގެން ވަދެ މާރާމާރީ ހިންގި، ޢަލީ ހަސަން -- ފޮޓޯ/ ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި ބިރުދައްކައިގެން ގެއަކަށް ވަދެ ހިންގި ބޮޑު މާރާމާރީއެއްގެ ތެރެއިން އަންހެނެއްގެ އަތުގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މެންދަމުން އަލިވާން ކައިރިވެފައި ވަނިކޮށް އެ ގެއަށް ވަދެ މި މާރާމާރީ ހިންގާފައިވަނީ ގ. ޗެރީ ހައުސް، އަލީ ހަސަން، 35،އެވެ.

އިއްޔެގެ ވަގުތެއްގައި ފުލުހުން އެމީހާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން 150 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމް ކުރިއެވެ. މީގެ އިތުރުން ޝަރިއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޝަރީތުގެ މަޖިލީސް ހިނގަމުން އަންނަ ވަގުތު މަޖިލީހުގެ ނިޒާމާ ޚިލާފު އަމަލެއް މީހަކު ކޮށްފި ނަމަ ނޫނީ ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރި ވެއްޖެ ހާލަތެއްގައި އެކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު ދިވެހިރާއްޖޭގެ ކޯޓް ތަކުގެ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ވެއެވެ.

މި މާރާމާރީގެ މަޢުލޫމާތު އެނގޭ މީހަކު، "ސަން"އަށް ކިޔައިދިން ގޮތުގައި އެ ގޭގެ އަންހެނަކާ ކުރިން އިނދެގެން އުޅުނު މާލޭ މީހަކު، އީދު ބަންދަށް އެރަށަށް ގޮސް، އެ އަންހެންމީހާއަށް ފޯނުން ދަންވަރު ގުޅައި ފަތިސް ނަމާދަށް ގެންދަން ވެގެން ދަރިފުޅު ބޭރަށް ނެރެދޭން އެދުނު ކަމަށެވެ.

"އެ އަންހެންމީހާ ބުނީ މި ގަޑީގައި ނުނެރެވޭނެ ކަމަށް. އެއީ ތިނެއްޖެހި އިރު. އެހެން ބުނީމަ އެމީހާ ރުޅި ގަދަވެގެން އައިސް ދަރިފުޅު ވަގުތުން ނެރެދޭން ގޮވައި އަޑުގަދަކޮށް ދޮރުގައި ބާރަށް ތަޅަން ފެށީ. ދެން އެ ދޮރު ވެއްޓޭ ވަރު ވީމަ ހުޅުވީ. އޭނާ ބޭނުންވީ ގަދަކަމުން ދަރިން ގެންދަން. އެހެންވެ، އެގޭ މީހުން އުޅުނީ އެ ކުދިން ގެންދިޔައަކަ ނުދޭންވެގެން،" ވިލިނގިލިން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ދޮރު ހުޅުވުމުން ގަދަކަމުން އެތެރެއަށް ވަދެގަންނަން އެ މީހާ މަސައްކަތް ކުރުމުގެ ތެރޭގައި ހިންގި މާރާމާރީގައި އެ ޢާއިލާގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

"މާރާމާރީގައި އެ އަންހެންމީހާގެ އަންހެން ކޮށްކޮގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލީ. އަދި އެ އަންހެންމީހާގެ މަންމަގެ ދެ އިނގިލި ވެސް ބިންދާލާފައިވާއިރު އިތުރު އަންހެއްގެ އަތުގައި ދަތްއަޅާފައިވޭ. މީގެ އިތުރުން އެ ގޭގައި އުޅޭ ކައުންސިލަރެއްގެ މޫނުމަތީގައި ވަރަށް ވާރަށް ޖެހީމަ އެމީހާ ވެއްޓުމުން ވެސް ތަޅައި އަނިޔާ ކުރަމުން ގެންދިޔައީ. އެވަގުތު އޭނާގެ މޫނު މަތި ފަޅައިގެން ގޮސް ލޭ އޮހޮރެމުން ދިޔައީ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވިލިނގިލީގައި ގެއަކަށް ވަދެ ހިންގި މާރާމާރީގައި ބައެއް މީހުންނަށް ލިބުނު ޒަޚަމް ތަކުގައި ބޭސް އަޅާފައި -- ފޮޓޯ/ ކިޔުންތެރިއެއް

މައުލޫމާތު ދިން މީހާ ބުނީ މި ދެމީހުންގެ ދެމެދުގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ދިމާވި މައިގަނޑު އެއް ސަބަބަކީ އެ ފިރިހެން މީހާއަކީ ހަރުކަށި ފިކުރުގެ މީހަކަށް ވާތީ، އަނިބިމިހާއަށް އެކަމުގެ އުނދަގޫ ބޮޑުވެގެން ކަމަށެވެ. އަދި ބުނީ މުޅި ގޭތެރެ ވެސް އޮންނަނީ ހަރުކަށި ފިކުރުގެ މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ.

"ގޭތެރޭގައި އެއްވެސް ގޮތަކަށް ކުދިން ޓީވީ ބެލުން މަނާ، ފޯނު ބެލުން މަނާ. ލަވަޖެހުން މަނާ. ކާޓޫނު ބެލުން ވެސް މަނާ. މުޅި ގެވަނީ ހަރުކަށި ފިކުރުގެ މާހައުލަކަށް ބަދަލު ކޮށްލާފައި. ދެން އެވަރުގެ މީހަކާ އިނދެގެން ކިހިނެއް އުޅޭނީ،" އެމީހާ ކިޔައިދެމެވެ.

އިތުރަށް އޭނާ ބުނީ މާރާމާރީ ހިންގުމަށްފަހު، ހިމާޔަތް ހޯދަން ވެގެން ގައިގައި ހޭކިފައިވާ ލޭތަކާއެކު އެމީހާ ގޮސް އަރައި އިނީ މިސްކިތުގައި ކަމަށެވެ.

comment ކޮމެންޓް