ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ ދޫވެހި ކުރިމަތީ މުޒާހަރާކޮށްފި

ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީ މިއަދު ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ސޯޝަލް މީޑިއާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ގޮވާލާ، މޯލްޑިވް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ބަޔަކު އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ހ. ދޫވެހި ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

މިއަދު ހަވީރު 16:30 ހާއިރު އެ ސަރަހައްދަށް އެއްވި މީހުން ގޮވާލަމުން ދިޔައީ ރައީސް ޔާމީން އަލުން ހައްޔަރުކޮށް ޖަލަށް ލުމަށެވެ. މީގެ އިތުރުން، އެ މަނިކުފާނު އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ވެސް އެތަނަށް އެއްވި މީހުން ވަނީ އަޑު އުފުލާފައެވެ.

އެއްވުން ފެށުމާއެކު އެ ސަރަހައްދަށް ވަނީ ރައީސް ޔާމީން އަށް ތާއީދު ކުރާ މީހުން ވެސް އެއްވާން ފަށާފައެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތަށް ބަދަލު ކުރެވުނެވެ. އެ ވަގުތު ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން ވަނީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދީ މުޒާހަރާ ކޮންޓްރޯލް ކޮށްފައެވެ.

މިއަދު އެއްވުމަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފޮނުއްވި ގުރޫޕަކުން އިންތިޒާމުކުރި ކަމެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާދަމް އާސިފް ވަނީ ތުހުމަތުކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް މިއަދު މިތަނުން ފެނިއްޖެ ބޮޑެތި މާރާމާރީގެ މައްސަލަތަކާއި، މީހުން މެރުންފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފަ ދޫކޮށްލާފަ ތިބި މީހުން މިއަދުގެ ހަރަކާތުގެ ތެރެއިން،" އާސިފް ވިދާޅުވިއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތެއް ފެށީ މީގެ ދުވަހެއް ކުރިންނެވެ. އެނަމުގައި ހަދާފައިވާ އެކައުންޓުތަކުން އާންމުކުރި ފުރަތަމަ ވީޑިއޯގައި އިންޑިއާ އައުޓް ހަރަކާތަށް ފާޑުކިޔުމަށް ފަހު، ރައީސް ޔާމީން "ސައިޒުކޮށްލާނެ" ކަމަށް ބުނެފައެވެ. އަދި އެއީ ޒުވާނުންގެ ސުލްހަވެރި ހަރަކާތެއްކަމުގައި ވެސް އެ ވީޑިއޯގައި ބުނެއެވެ.

ޕީޕީއެމްގެ ފަރާތުން ވަނީ އެ ވީޑިއޯއަކީ ރައީސް ޔާމީނަށް ދިން އިންޒާރެއް ކަމަށް ބުނެ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ. އެ ވީޑިއޯ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ރަސްމީ އެކައުންޓުންނާއި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓުން ރިޓްވީޓް ކުރި މައްސަލައިގައި އެ ދެ ބޭފުޅުންނަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް