ހަލުވި ފެރީއިން ހދ.ގެ ރަށްތައް ގުޅާލައިފި، ފުރަތަމަ 10 ދުވަހު ހިލޭ

ހަލުވި ފެރީއިން ހދ. ގެ ރަށްތައް ގުޅާލުމަށް މިއަދު ފެށި ހަލުވި ސްޕީޑް ފެރީ --- ފޮޓޯ: އެމްޓީސީސީ

ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ހދ. އަތޮޅުގައި މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ފުރަތަމަ 10 ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށެވެ.

ހަލުވި ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1
ގެ (ހއ، ހދ، ށ) ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށެވެ.
އެގޮތުން މިއަދު މެންދުރުފަހުން ފެށިގެން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ވަނީ ފަށާފައެވެ.

މިއަދުން ފެށިގެން 10 މެއިގެ ނިޔަލަށް ހދ. އަތޮޅުގައި ކުރާ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދިނުމަށް އެމްޓީސީސީން ވަނީ ނިންމައިފައެވެ.

ސަބަބެއް ކަމަށް އެ ކުންފުނިން ބުނެފައިވަނީ އެ ޚިދުމަތަކީ މުޅިން އަލަށް ފަށާ ޚިދުމަތަކަށް ވުމާއެކު ރައްޔިތުން އަހުލުވެރިކުރުމަށް ކަމަށެވެ. އަދި ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިޔުމާއެކު ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހައެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީން ހދ. އަތޮޅުގެ ރަށްތައް މިއަދު ގުޅުވާލާފައިވަނީ އެކަމަށް ބޭނުންވާ ހަތަރު ސްޕީޑް ފެރީއާ އެކުގައެވެ. އެ ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެކެވެ. އަދި މިހާރު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް
އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި
ހުރެއެވެ. ފެރީގައި ފާޙާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުރެއެވެ. އަދި އާރްޓީއެލް ގެ ޚިދުމަތް ހޯދާ
ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެއެވެ.

ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ. އަދި މި މުއްދަތައްފަހު މި މަހުގެ 11 އިން ފެށިގެން ފެށިގެން އާރްޓީއެލްގެ ފެރީ ޚިދުމަތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނެގެމުން ދާނެއެވެ. އާރްޓީއެލްގެ ފެރީ ޚިދުމަތައް ފައިސާ ނެގެން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ހޯދުން ހުއްޓާލެވޭނެއެވެ.

އެހެންކަމުން 11 ވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ފެރީ ޚިދުމަތުގެ ޓިކެޓް ނަގަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަނުންނެވެ

ވެބްސައިޓް ނުވަތަ https://app.rtl.mv/#/home/ferrytime އިންނެވެ.

އެޕް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ މެދުވެރިކޮށް އެޕްލިކޭޝަން ވެސް ޑައުންލޯޑް ކޮށްލެވޭނެއެވެ.

އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރި ވުމަކީ ކުރިއަށް އޮތް ތަނުގައި ޙިދުމަތް ލިބިގަތުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ދަތުރުތަކުގެ ޝެޑިޔުލް އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށްވެސް ބެލޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް