އޭޓީޕީ ފައިނަލްސް އަދި މާސްޓާސް 1000 މީޑިއާނެޓުން ބަލައިލެޥޭނެ

ޓެނިހުގެ ފޯރިގަދަ މުބާރާތްތަކެއް ކަމުގައިވާ އޭޓީޕީ ފައިނަލްސް އަދި މާސްޓާސް 1000 އައިސް ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓުން ދައްކަން ހަމަޖެހިއްޖެއެވެ.

މީޑިއާނެޓުން ބުނީ އޭގެ ފުރަތަމަ މުބާރާތެއްގެ ގޮތުން މިއަދު ފަށާ މުޓުއާ މެޑްރިޑް އޯޕަން 2022 މުބާރާތް ދައްކަން ފަށާނެކަމަށެވެ.

އޭޓީޕީ ފައިނަލްސް އަކީ ހަތަރު ގްރޭންޑް ސްލޭމް ނެގުމަށް ފަހު ޓެނިހުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތެވެ. އެ މުބާރާތް ކުޅެނީ އޭޓީޕީ ޓުއާތަކުގެ ސީޒަން ނިންމާލުމުގެ ގޮތުންނެވެ. މި މުބާރާތުގައި އޭޓީޕީ ރޭންކިންގެ ގަދަ އަށް ކުޅުންތެރިންނާއި، ޕެއާގެ ކުޅުން ފެންނާނެއެވެ.

މާސްޓާސް 1000 އެކުލެވިގެން ވަނީ ޔޫރަޕް، އޭޝިއާ އަދި އުތުރު އެމެރިކާގައި ކުޅޭ ނުވަ މުބާރާތެއްގެ މައްޗަށެވެ. އޭގެ ތިން މުބާރާތެއް މިއަހަރު ނިމިފައިވާ އިރު، މެޑްރިޑް އޯޕަން މިއަދު ފެށެނީ އޭޓީޕީ ޓުއާގެ ފޯރި ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެއްވަނައިގައި ރޭންކު ކުރެވިފައިވާ ނޯވަކް ޖޮކޮވިޗް 2019ވަނަ އަހަރު މެޑްރިޑް އޯޕަން ކާމިޔާބުކުރުމަށް ފަހު، އެ މުބާރާތުން ފެންނަ މިއީ ފުރަތަމަ ފަހަރެވެ. އަދި، އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން، މެޑްރިޑަށް އުފަން ރަފައެލް ނަދާލް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި މުބާރާތަށް އެނބުރި އަންނާނެއެވެ.

މި މުބާރާތްތައް ދެއްކުމަށް ހަމަޖެހިފައިވަނީ އައިސް ޕްލަސް ޗެނަލް ނަންބަރު 888 އިންނެވެ.

comment ކޮމެންޓް