ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ޚުތުބާގައި ނަސޭހަތްތެރިވެއްޖެ

މިއަދު ބޮޑު ޖަމާއަތުގައި މާލޭގައި އޮތް އީދު ނަމާދު: ހަ ރޯދަ ހިފުމަށް ޚުތުބާގައި ގޮވައިލި-- ފޮޓޯ: އިސްލާމިކް އެފެއާޒް

ރަމަޟާން މަހަށްފަހު، ޝައްވާލުމަހު ހަ ރޯދަ ހިފުމަށް މިއަދުގެ ޢީދު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ޚުތުބާގައި ބުނެފައިވަނީ ރަމަޟާންމަހަށްފަހު ހަ ރޯދަ ހިފުމަށް ޝަރުޢު ކުރައްވާފައިވަނީ އެއް އަޅުކަމުން އަނެއް އަޅުކަމުގެ ތެރެއަށް ވަނުމަށް ޓަކައި ކަމަށެވެ.

ހަމަ މިއާއެކު ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގައުމުގެ އަމާންކަމަށް ބުރުއަރާނެފަދަ އެއްވެސް ކަމެއް ޤައުމުގެ އެއްވެސް ފަރުދަކު ނުކުރުމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

މިއަދު ބޮޑު ޖަމާއަތުގައި މާލޭގައި އޮތް އީދު ނަމާދު: ހަ ރޯދަ ހިފުމަށް ޚުތުބާގައި ގޮވައިލި-- ފޮޓޯ: އިސްލާމިކް އެފެއާޒް

ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ހުރިހާ ކެރިފޯރުންތެރިކަމަކާއި ތަނަވަސްކަމާއި ހަކަތަ ބޭނުންކުރުމަށް ގޮވާލައި ޤައުމު ބިނާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުރައްބީންނާއި މުދައްރިސުންނާއި، މައިންބަފައިން އެފަދަ އިރުޝާދުތައް ދީ ޤައުމު ބިނާކުރުމުގައި އިސްކޮށް ހަރަކާތްތެރި ވާން ޖެހޭކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ގޮވާލާފައިވަނީ މި އުފާވެރި ޢީދު ދުވަހުގައި މާތް ﷲ ދެއްވާފައިވާ ނިޢުމަތާއި، ދަރުމައިގެ މަތިން ހަނދާން ކުރުމަށެވެ. އަދި މިއަދަކީ ރޯދަވެރިންނަށް ކާމިޔާބުގެ ތާޖައި އިނާމު ލިބިގެންދާ ދުވަސް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ހަމަ މިއާއެކު، ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ މާތް ﷲ އަށް ޝުކުރު ކުރުމަށް ވެސް ޚުތުބާގައި ވަނީ އެދިފައެވެ.

މިއަދު މުސްލިމުން އީދު ނަމާދަށްޓަކައި އެއްވާ އެއްވުމުން ފެނިގެންދަނީ މުސްލިމުންގެ އެއްބައިވަންތަކަން ކަމާއި މާތް ﷲގެ ހަޒުރަތުގައި އެކަލާނގެއަށް ހަމްދާއި ސަނާ ދަންނަވައި، އެކަލާނގެ މަތިވެރިކޮށް ތަޢުޡީމު ކުރާ މަންޒަރު ކަމަށް ވެސް އީދު ޚުތުބާގައި ބުނެފައި ވެއެވެ.

"ހަސަދަވެރިކަމާއި، ބައިބައިވުމާއި އަރާރުންތަކާއި ދުރުހެލިވުމަށް މިއަދު އަޒުމު ކަނޑައަޅާ. ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރޭ. އެންމެ ފުރަތަމަ މާތް ﷲ ގެ ހައްގު އަދާކުރޭ. މާތް ﷲ އަހަރުމެން ހެއްދެވީ އެކަނލާގެއަށް އަޅުކަން ހާލިސްކުރުމަށް." ޚުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޚުތުބާގައި ވަނީ ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ބެބުޅުމުން ހިނިތުންވުމުގެ އަސަރު ފާޅުކުރުމަށާއި ގާތްތިމާގެ އެއްމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކުރުމަށް ގޮވާލާފައެވެ.

އިސްލާމްދީނުގައި އީދުތައް ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަށް ނޫން ކަމަށާއި އެކަން ޝަރުއުކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރެއްވުމަށްޓަކައި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

"ރޯދަމަހުގެ ތަރުބަވީ މަދަރުސާއިން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމި ތިބުމަށް އަޒުމު ކަނޑައަޅާ. މާތް ﷲ އަށް ބިރުވެތިވުމުގެ މަތިވެރި މާތްސިފައިގަ ސާބިތުވެ ތިބޭ. ރޯދަ އަޅުގަނޑުމެންނަށް ދަސްކޮށްދިން ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ހިތް ސާފުކަމާއެކު އަތާއި ދުލުން މުސްލިމުންރައްކާތެރި ކުރުންފަދަ މަތިވެރި ހުރިހާ ސިފަތަކެއްގެ މަތީގައި ހަޔާތުގެ ބާކީ އޮތްތަން ހޭދަ ކުރުމުގެ ތައުފީގު ދެއްވުން އެދި މާތް ﷲ ގެ ހަޒުރަތުގައި ގިނަގިނައިން ދުޢާ ދަންނަވާ." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ އަމިއްލަ ނަފްސުގެ ކުރިއެރުމަށާއި ޤައުމުގެ ތަރައްގީއަށް ދަހިވެތިވާ ބަޔަކަށް ވުމަށް ގޮވާލާށެވެ. އީދުގެ މުނާސަބަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި އެއްބައިވަންތަ ބަޔަކަށް ވުމަށް މަސައްކަތް ފެށުމަށް ވެސް ވަނީ ގޮވާލާފައެވެ.

މާލެއާއި ގިނަ ރަށްރަށުގައި މިއަދު އީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާއަތުގައެވެ. އީދު ނަމާދަށް ދެ ޖިންސުގެ ގިނަ ބަޔަކު ދިޔައެވެ.

comment ކޮމެންޓް