ޢީދުގެ އުފާ ފާޅު ކުރާއިރު ފަޤީރުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ގޮވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، -- ފޮޓޯ/ ރައީސް އޮފީސް

ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖުތިމާއީ ހަމަހަމަކަން ޤާއިމުކޮށް، މުޖްތަމައުގައި ތިބި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށް ވެސް އުފާވެރިކަން ގެނެސްދިނުމަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ގޮވައިލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވައިލެއްވީ މިއަހަރުގެ ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިތާބުގައެވެ.

މި ޚިތާބުގައި އެމަނިކުފާނު ވަނީ އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ހިތުގެ ލޯތްބާއި އިޚްލާސްތެރިކަމާ އެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

އޭގެ އިތުރުން އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމުއިއްޔާ ޖަމާއަތްތަކުގެ ވެރިންނަށް ވެސް، މި އުފާވެރި ފިތުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވެވިއެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވަނީ ފިތުރު ޢީދާ ބައްދަލުވުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް އިހްސާސް ކުރެވެނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ އާއި ރޭއަޅުކަމުގެ މަތިވެރި ނިއުމަތް ހާސިލު ކުރުމުގެ ހެޔޮ ނަސީބު ލިބިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ޢީދުގެ އުފާ ފާޅުކުރުން، އާއިލާގެ ތެރެއިން ފެއްޓުމާ މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާ ބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި ޚިތާބުގައި އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ޚިޔާލު ބަދަލުކޮށްލައި ވާހަކަދައްކައިލުމަށް ވަގުތުކޮޅެއް ޚާއްސަކޮށްލުމަކީ ވެސް، އާއިލީ ގުޅުން ބަދަހި ކުރުމަށް ޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އެމީހުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އިތުރަށް ޚިތާބުގައި ވިދާޅުވެފައިވަނީ އިސްލާމް ދީނުގައި ޢީދުގެ އުފާ ފާޅުކުރުން އޮތީ، އިޖްތިމާއީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައި ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އެމީހެއްގެ އަވައްޓެރިންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖްތަމައުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

"މުޖްތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަން،" ރައީސްގެ ޚިތާބުގައި ވެއެވެ.

comment ކޮމެންޓް