އަބަދުވެސް މުދައްރިސުން ކުރާ މައިގަނޑު ޝަކުވާއަކީ އެމީހުން ކުރާ މަސައްކަތާ އެކަށީގެންވާ އާއްމުދަނީއެއް ނުލިބުމެވެ. އެ ޝަކުވާތައް ކުރަނީ އިއްޔެއަކު އަދަކު ނޫނެވެ. އަބަދުވެސް މުދައްރިސުން ކުރާ ޝަކުވާއަކީ އެއީއެވެ.
ދުވަހުގެ ބޮޑު ބައި ދަރިވަރުންގެ ހައްޤުގައި އެއްވެސް އަރާމެއް އުފަލެއް ނެތި މުދައްރިސުން އެ ވަނީ ހާދަ މަތިވެރި ޤުރުބާނީއެކެވެ. އާއިލާއަށް ދޭންޖެހޭ ވަގުތަށް ވުރެވެސް އިސްކަންދެނީ ދަރިވަރުންގެ ލެސަން ޕްލޭންތައް ހެދުމަށެވެ.
މުދައްރިސުން އެ މީހުންގެ މަސައްކަތް ދެކެވާ ލޯބިންނާއި ދަރިވަރުންނަށް އެހުންނަ ކުލުނުގެ ސަބަބުންނެވެ.
ނަމަވެސް މިހާތަނަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތައުލީމީ ޒުވާނުން ޓީޗަރުންގެ ވަޒީފާއާ ނުގުޅޭ މައްސަލައެވެ. އެކަން ގުޅިފައި އޮތީ ކުރާ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ނުލިބުމާއެވެ. އެހެންވެ ކޮންމެ އަހަރަކުވެސް ޓީޗިންގެ ދާއިރާއަށް އަލަށް ނުކުންނަމުން ދިޔައީ މަދު ދިވެހިންތަކެކެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ އަގުހުރި ހަދިޔާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެންމެހައި މުދައްރިސުންނަށް ދެއްވައިފައެވެ.
އެ މުދައްރިސުން ފެށުނީއްސުރެ ކުރަމުންދިޔަ އާދޭސް އަޑުއަހައި މުދައްރިސުންގެ މުސާރަބޮޑުކޮށް އެ ވެރިން މުޅިން ހެއްވާލައިފިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރު އައިމިނަތު ރުމައިޒާ ކްލާސް ރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ
މިއަދު މުޅި މީސް މީޑިއާއިން ފެންނަނީ އެ މުދައްރިސުން ފާޅުކުރަމުންދާ އުފާވެރިކަމުގެ ޝުއޫރުތަކެވެ. އެ މުދައްރިސުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނުތުންވުމެވެ.
ޓީޗަރުންގެ މުސާރައަށް ގެންނަ ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ދެން ލިބޭނެއެވެ.
ޓީޗަރުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ
- ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 10،889ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 13،266 ރުފިޔާގެ މުސާރައެއް ލިބޭނެ
- ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 13،089ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 19،467 ރުފިޔާގެ މުސާރައެއް ލިބޭނެ
- ރޭންކު 3- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 15،135ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 20،895 ރުފިޔާގެ މުސާރައެއް ލިބޭނެ
ރޭންކު އެކެއްގެ ޕްރިންސިޕަލުންގެ މުސާރައަށް ގެނެވުނީ 82 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރޭންކު ދޭއްގެ ޕްރިންސިޕަލުންގެ މުސާރަ ވެސް ވަނީ 59 އިންސައްތައަށް ބޮޑުކޮށްފައެވެ.
ޕްރިންސިޕަލުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ
- ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 16،614ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 30،610 ރުފިޔާގެ މުސާރައެއް ލިބޭނެ
- ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 20،798ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 33،075 ރުފިޔާގެ މުސާރައެއް ލިބޭނެ
ޕްރިންސިޕަލުންނަށް ލިބޭ މުސާރައިގެ އިތުރުން ސުކޫލް އެންރޯލްމެންޓް އެލަވަންސްގެ ގޮތުގައި 1500 ކުދިންނަށް ވުރެ އިތުރުވާނަމަ، 5000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ. އަދި 1000-1500 ދެމެދުގެ ކުދިން ތިބޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް 4000 ރުފިޔާ ލިބޭނެއެވެ.
ބޮޑުކުރި މުސާރައާއެކު ޓީޗަރުން އެކަމާ މެދު ދެކޭ ގޮތެއް ބަލާލުމަށް ބައެއް ޓީޗަރުންނަށް ވާހަކަދައްކާލީމެވެ.
"އަޅުގަނޑުމެން މިތިބީ މުސާރަ ބޮޑުކުރީމަ ވަރަށް އުފަލުން. އަޅުގަނޑުމެން 24 ގަޑިއިރު މަސައްކަތް ކޮށްގެން ވެސް ކުރިން ލިބެނީ ރަސްމީ ގަޑީގައި މޭޒުދޮށުގައި އިނދެ މަސައްކަތްކުރާ މުވައްޒަފަކަށް ލިބޭވަރު" ށ. އަތޮޅު ސްކޫލެއްގައި މަސައްކަތްކުރާ މުދައްރިސަކު "ސަން" އަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ހުރިހާ އުފަލަކުން މަހުރޫމްވެގެން އެ ކުރާ މަސައްކަތުގެ އަގު ސަރުކާރަކުން ވަޒަންކޮށްފިކަމަށެވެ.
ޑިގްރީއަށް ކިޔަވާ އެ މުދައްރިސް ބުނި ގޮތުގައި މިދިޔަ މަހު އެ މުދައްރިސަށް ލިބުނީ 11،000 ރުފިޔާ ކަމަށެވެ. އަދި މުސާރަ ބޮޑުކުރުމާއެކު 19،000 ރުފިޔާ ދެން ލިބޭނެކަމަށް އޭނާ ބުންޏެވެ.
މުދައްރިސުންގެ މުސާރަ ބޮޑު ކުރުމުން ފޭސްބުކްގައި މީހަކު ލިޔެފައިވާގޮތުގައި މުދައްރިސުންނަކީ ގިނަ ވަގުތުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. އަދި އެ މުސާރައާއެކު މުދައްރިސުންނަށް އުފާވެރިކަން ގެނެސްދީފިކަމަށެވެ.
މުދައްރިސުންގެ މުސާރަ ބޮޑުކުރުމާއެކު އެޑިއުކޭޝަން މިނިސްޓާ ޑރ. އައިޝަތު އަލީ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުދައްރިސުންނަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ އުޖޫރައެއް ހަމަޖެހުމަކީ އެ މުދައްރިސުންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.
"މުދައްރިސުންނަށް އަބުރުވެރިކަމާއެކު އުޅެވޭނެ އުޖޫރައެއް ހަމަޖެހިގެން ދިއުމަކީ މޮޅު މީހުން މުދައްރިސްކަމާ ކުރިމަތިލާނޭ ސަބަބެއް. މޮޅެތި މުދައްރިސުން ކިޔަވައިދިނުމަކީ، ދަރިވަރުންގެ ފެންވަރު އުފުލޭނެ ކަމެއް." ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
ރައީސް ޞާލިހު މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވުމުން ބެލެނިވެރިއަކު ކޮށްފައިވާ ޓްވީޓެއްގައ ބުނެފައިވަނީ ރައީސް ޞާލިހު މި ގެންނެވީ ވަރަށް ބޮޑު ބަދަލެއްކަމަށެވެ. އެ ބަދަލާއެކު ތައުލީމީ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުން އުފާކުރައްވާނެކަމަށް ވެސް އޭނާ ބުނެފައިވެެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ ވަށާ ޖެހޭނެހެން ތަރުތީބުކުރެވިފައިވާ ސާފު ސިޔާސަތުތަކުގެ ތެރެއިން އެއް ބޮޅު." ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ޓީޗިން ހަދާ ދަރިވަރަކު "ސަން"އަށް ބުނީ މުދައްރިސުންގެ މުސާރާ ބޮޑުވުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި މުދައްރިސުންގެ މުސާރަ ބޮޑުކުރުމާއެކު އިތުރު ހިތްވަރެއްލައި ކިޔެވުމުގެ ރޫޙު އިތުރުވެއްޖެކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ކޯސް ފަރުމާ ކޮށްފަ ހުންނަ ގޮތުން ނެތް އިތުރު ވަޒީފާއަކަށް ދެވޭކަށް. އާއިލާއިން ދޭ އެއްޗަކުން ފަރު ޖައްސައިގެން ޓީޗިން ހެދީމަ އޭރު މުސާރައިގެ ގޮތުގައި ލިބެނީ ކުރާ މަސައްކަތާ އަޅާބަލާއިރު ކުޑަ މުސާރައެއް" އެ ދަރިވަރު ބުންޏެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރިކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.
މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް ނިންމި ސަބަބަ ކިޔައިދެއްވަމުން ރައީސް ވިދާޅުވިއެވެ.
"މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ," ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.