ޗައިނާއިން އޮސްޓްރޭލިއާގެ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން

ކެންބެރާ (މޭ 01) : އޮސްޓްރޭލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަށް ޗައިނާއިން ނުފޫޒުފޯރުވާ ކަމުގެ ހެކިތައް އެބަހުރިކަމަށާ މިއީ އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާ ވަނުންކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޮރިސަން ތުހުމަތު ކުރެއްވި ގޮތުގައި ޗައިނާ ދަނީ އޮސްޓްރޭލިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. މިކަން ނުހުއްޓުވިއްޖެނަމަ އޮސްޓްރޭލިއާގެ އަމިއްލަ ވަންތަކަމާއި ގައުމީ ސަލާމަތަށް މުސްތަގުބަލުގައި ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމަށް މޮރިސަން ވިދާޅުވިއެވެ.

މޮރިސަން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ މި މޭ މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު މޮރިސަންގެ ލިބަރެލް ޕާޓީ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނަކަށް ކާމިޔާބު ނުކުރެވޭނެކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

މައިގަނޑު ދެކަމެއްގައި މޮރިސަން ގެ ސަރުކާރުވަނީ ޗައިނާ ދެކެ ރުޅިއައިސްފައެވެ. އެއްކަމަކީ ކޮވިޑް-19 އަކީ ޗައިނާ ދުނިޔެއަށް ފެތުރި ބައްޔެއްކަމަށް ދޭހަވާގޮތަށް ސާބިތު ނުހިފޭ ވާހަކަތަކެއް 2020 ވަނަ އަހަރު މޮރިސަން ދެއްކެވުމާ ގުޅިގެން ޗައިނާއިން އޮސްޓްރޭލިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އޮސްޓްރޭލިޔާއަށް އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔުމެވެ.

އަނެއްކަމަކީ އޮސްޓްރޭލިއާ ކައިރި ހިސާބެއްގައި އޮންނަ ސޮލޮމޮން އައިލެންޑާ އާ އެކު ޗައިނާއިން އަމަނާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅިގެން ޗައިނާގެ އަސްކަރީ ބާރު އެ ސަރަހައްދުގައި ގަދަވަމުންދާކަމުގެ ބިރު އޮސްޓްރޭލިއާއަށް އިހްސާސް ކުރެވުމެވެ.

ޗައިނާއިން ސޮލޮމޮން އައިލެންޑާ އެކު އަމަނާބެހޭ އެއްބަސްވުމެއްގައި ސޮއިކުރީ އެމެރިކާ އިސްވެ އޮވެގެން ޗައިނާއާ ދިމާކުރުމަށްޓަކައި ދެ ޖަމާއަތެއް އުފެއްދުމުގެ ރިއެކްޝަނެއްގެ ގޮތުން ކަމަށް ވަނީ ބެލެވިފައެވެ.

ސޮލޮމޮން އައިލެންޑް ގެ ރަށެއް

އެއްޖަމާއަތަކީ އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ އާއެކު އެމެރިކާއިން އުފެއްދި ކުއަޑް ގުރޫޕެވެ. އަނެއް ޖަމާއަތަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާ ގުޅިގެން އަސްކަރީ ގޮތުން ޗައިނާއާ ދިމާކުރުމަށް އުފެއްދި އައުކަސް ގްރޫޕެވެ. އައުކަސް ގްރުޕަކީ އޭޝިއާ ޕެސިފިކްގެ ނޭޓޯ ކަމަށް ޗައިނާ ދެކެއެވެ. މިއާއެކު ޗައިނާ ވެސް ވަނީ މިޖަމާއަތާ ކުރިމަތިލުމުގެ ރޭވުންތައް ރާވަން ފަށާފައެވެ.

ޗައިނާއާ ދިމާކުރަން އެމެރިކާ އުފެއްދި މި ދެ ޖަމާއަތުގައި ވެސް ބައިވެރިވެ އޮސްޓްރޭލިއާ ގެންދަނީ ޗައިނާއަށް ޖެއްސުންކުރުމަށް ކުރެވެންއޮތްހާ ކަމެއް ކުރަމުން ކަމަށް ޗައިނާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި އޮސްޓްރޭލިއާއަކީ އޭޝިއާ ޕެސިފިިކްގައި ހުޅަނގުގެ ޕަޕެޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ގައުމެއްކަމަށް ޗައިނާގެ އިތުރުން އިންޑޮނީޝިއާއިން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

ސޮލޮމަން އައިލެންޑާއެކު ޗައިނާ ސޮއިކުރި އަމަނާބެހޭ އެއްބަސްވުމުގެ ދަށުން އެ ގައުމުގައި އަސްކަރީ ބާރުތައް ބޭތިއްބުމުގެ ފުރުސަތު ޗައިނާއަށް ލިބޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. މިކަން ޗައިނާއާއި ސޮލޮމޮން އައިލެންޑުން ވަނީ ސިއްރުކޮށްފައެވެ.

އޮސްޓްރޭލިއާއާ ދެ ހާސް ކިލޯމީޓަރުގެ ދުރުގައި އޮންނަ ސޮލޮމަން އައިލެންޑްގައި ޗައިނާގެ ބާރުތައް މުސްތަގުބަލުގައި އޮންނާނެކަމުގެ ކަންބޮޑުވުން އޮސްޓްރޭލިއާ އިހުސާސްކުރާއިރު ޚުދު އޮސްޓްރޭލިއާއަކީ އެ ގައުމުގައި އެމެރިކާގެ އަސްކަރީ ބާރުތައް ބޭތިއްބުމުގެ ހުއްދަ ވަރަށް ކުރީއްސުރެ ދީފައިވާ ގައުމެކެވެ. މިއީ ސޮލޮމަން އައިލެންޑަށް ކުރިމަތިވާ ނުރައްކަލެއްކަމަށް އެގައުމުން ދެކެއެވެ. އަދި ޗައިނާއަށް ހުރި ނުރައްކަލެއް ކަމަށް ޗައިނާވެސް ދެކެއެވެ.

ސޮލޮމަން އައިލެންޑާއެކު ޗައިނާ ސޮއިކުރި އަމަނާބެހޭ އެއްބަސްވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ސަރުކާރު ކަންބޮޑުވެފައިވާއިރު އެ ގައުމުގެ އިދިކޮޅުން ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވާކަން ހާމަކޮށްފައެވެ. ހުޅަނގުގެ ވިސްނުމާއި ފަލްސަފާ ގެންގުލޭ އޮސްޓްރޭލިއާގެ އިދިކޮޅު (ލޭބާ ޕާޓީ) ދެކޭގޮތުގައި އެފަދަ ސްޓްރެޓީޖިކް އެއްބަސްވުމެއް ސޮލޮމޮން އައިލެންޑާއެކު ގާއިމުކުރުމުގެ ފުރުސަތު ޗައިނާއަށް ލިބުނީ ބޮޑުވަޒީރު ސުކޮޓް މޮރިސަންގެ ސަރުކާރުގެ ދޯދިޔާކަމުގެ ސަބަބުންނެވެ.

އޮސްޓްރޭލިއާގެ މިކަންބޮޑުވުމާމެދު ސޮލޮމޮން އައިލެންޑުން ބުނެފައި ވަނީ އެއީ އެ ގައުމާއި ޗައިނާއާ ދެމެދުގައިވާ އެއްބަސްވުމެއް ކަމަށާ އޮސްޓްރޭލިއާއާއި އެމެރިކާއާ ދެމެދުގައި ވެސް އަސްކަރީ ގިނަ އެއްބަސްވުންތަކެއް ގާއިމްކޮށްފައިވާ ކަމުގައެވެ.

އެމެރިކާއާއެކު އަސްކަރީ އެއްބަސްވުންތައް ގާއިމްކުރުމުގެ ހައްގު އޮސްޓްރޭލިއާއަށް އޮންނައިރު ސޮލޮމޮން އައިލެންޑު ބޭނުންވާ ގައުމަކާއެކު އަމަނާބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމުން އޮސްޓްރޭލިޔާ ކަންބޮޑުވާންޖެހޭ ސަބަބު ނުވިސްނޭކަމަށް ސޮލޮމޮން އައިލެންޑުން ބުނެއެވެ.

ސޮލޮމޮން އައިލެންޑާއެކު ޗައިނާ ސޮއިކުރި އަމަނާބެހޭ އެއްބަސްވުމުގައިވާ ކަންކަން އެ ދެ ގައުމުންވެސް ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް މި އެއްބަސްވުމަށްފަހު ޗައިނާ ގެންދަނީ ސޮލޮމޮން އައިލެންޑްގެ ތަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް (އެތައް ސަތޭކަ މިލިޔަން ޑޮލަރުން) ކުރަމުންނެވެ. މީގެތެރޭގައި މަދަނީ ޒަމާނީ އިންފްރާސްޓްރަކްޗަރ އެ ގައުމުގައި ގާއިމް ކޮށްދިނުމާއި އެގައުމުގައި ވަޒީފާގެ ފުރުސަތުތައް އުފައްދައި ދިނުން ހިމެނެއެވެ.

ޗައިނާއަކީ ގައުމުތަކާއެކު އަސްކަރީ އެއްބަސްވުންތައް ހަދައިގެން އަސްކަރީ ބޭސްތައް ގާއިމްކުރާ ގައުމެއް ނޫނެވެ. ނަމަވެސް އެމެރިކާއިން ޗައިނާ ވަށާލުމަށް އެކި އެކި ޖަމާއަތްތައް ހަދައިގެން އަސްކަރީ ގޮތުން ހަރަކާތްތެރިވަމުންދާތީ ޗައިނާއަށްވެސް މިހާރުވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ބައެއް ގައުމުތަކާއެކު އަސްކަރީ ގުޅުންތައް ގާއިމް ކުރަން މަޖްބޫރުވެފައެވެ.

comment ކޮމެންޓް