ބޮޑުކުރި މުސާރަ ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މަދަރުސާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން އިއުލާނުކޮށްފައިވާއިރު އެ މުސާރަ ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑު ކުރެއްވިކަން ރައީސް އިއުލާން ކުރައްވާފައިވަނީ މިއަދު މެންދުރު 1:45 ގައި ގައުމާ މުހާތަބު ކުރެއްވުމަށްފަހުއެވެ. އެކަމުގެ އިތުރު ތަފްސީލް ފިނޭންސް މިނިސްޓްރީންނާ އެޑިއެކޭޝަން މިނިސްޓްރީން އަންނަނީ ހާމަކުރަމުންނެވެ.

ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާނު ކުރެއްވުމަށް ގައުމާ މުހާތަބް ކުރައްވަމުން ރައީސް ވިދާޅުވީ, ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން," ރައީސް ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަން ޔަޤީން ކަމަށެވެ.

"ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި," ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ވެސް ވިދާޅުވިއެވެ. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް ނިންމި ސަބަބަ ކިޔައިދެއްވަމުން ރައީސް ވިދާޅުވިއެވެ.

"މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ," ރައީސް ވިދާޅުވިއެވެ.

އެގޮތުން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް ހަނދާން ހުންނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ޓީޗަރުންގެ މުސާރައަށް ގެންނަ ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 ރުފިޔާ ލިބޭނެ ކަން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް