ދެން ރޯދަމަހެއް ނައިސްދާނެ!

ސަން ފޮޓޯ/ ފަޔާޒު މޫސާ

މާތްﷲ ގެ އޯގާވަންތަކަމުން، އަހުރެމެންނާ ބައްދަލުކުރި ރަމަޟާން މަސް ނިމުނީއެވެ. ހިތްތަކަށް ނުހަނު އުފާވެރިކަން ގެނުވި ތިރީސް ދުވަސް، މާޒީގެތެރެއަށް ވަދެގެން ދިޔެއީއެވެ. އާންމު ދިރިއުޅުމުގެ ބައެއް ކަންކަން އެއްފަރާތް ކޮށްލައި، އަޅުކަމުގައި ހީވާގިކޮށް އުޅެވުނު، ބަރަކާތްތެރި ދުވަސްތައް އަލްވަދާޢު ކީއެވެ. ލޯތަކާއި ހިތްތައް ރޮއްވާފައެވެ. މިވަރުގެ އަސަރެއް ކުރުވީ އެންމެ ސަބަބަކަށްޓަކައެވެ. އާނއެކެވެ. މީ އަހުރެމެންގެ ހަޔާތުގައި ބައްދަލުވި، އެންމެ ފަހު ރަމަޟާން މަސް ކަމަށް ވެދާނެއެވެ!

ރަމަޟާން މަސް އަންނާތީ، ރޫޙާނީ ގޮތުންނާއި މާއްދީގޮތުން ގިނަ ތައްޔާރީތަކެއް ވީމުއެވެ. ހިތްތައް ސާފުކޮށް ނަފުސުގެ ނުބައި އެދުންތަކާ ދުރުވާން ފަރިތަ ކުރީމުއެވެ. ފާއިތުވީ އެގާރަ މަހުގެ ތެރޭގައި، ފަރުވާ ކުޑަކުރެވުނު އަޅުކަންތަކާމެދު ސަމާލުވުމަށް ނިޔަތް ގަތީމުއެވެ. ގޯތި ގެދޮރު ސާފުކޮށްލައި ބައެއް ތަކެތި މަރާމާތުކޮށް އަނެއްބައި ތަކެތި އައުކޮށްލީމުއެވެ. އެހެން މަސްމަހާ ޚިލާފަށް، ގަންނަ ކާބޯތަކެތީގެ މިންވަރާއި ފެންވަރުވެސް ހެޔޮކޮށްލެވޭތޯ ބެލީމުއެވެ.

ގިނަ ތައްޔާރީތަކެއް ވެގެން ތިއްބައި، ރޯދަ މަހުގެ ހުޅެވި ހަނދު ސާބިތުވެއްޖެކަން އިއުލާނުކުރުމާއެކު، އުފާވެރިކަމުގެ ކަރުނަތައް ނީރާލިއެވެ. ސަވާބުގެ ކަންޒުތަކާއިގެން އަންނަ ރަމަޟާން މަހާ އަނެއްކާވެސް ބައްދަލުވީތީ، ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރީމުއެވެ. ރީތި ހެދުމާއި ހުވަނދު ލައިގެން، ރައްބުލްޢާލަމީންގެ ހަޒުރަތުގައި ހުއްޓި ހުރެ، ތަރާވީޙު ނަމާދުން ރަމަޟާން މަސް ފެށީމުއެވެ. ރޯދަ މަސް ނިމެންވާއިރަށް އެންމެ ކުޑަމިނުން އެއްފަހަރު ނަމަވެސް ޚަތިމުކުރުމުގެ ގަސްތާއެކު، ޤުރުއާން ކިޔެވީމުއެވެ. އެންމެ ނަމާދެއްވެސް ދޫނުކޮށް، ބަރާބަރު ވަގުތުގައި ނަމާދުތައް ކުރުމަށް ސަމާލުކަން ދިނީމުއެވެ. ސުންނަތް ނަމާދުތަކާވެސް އެކުގައެވެ. ދުނިޔޭގެ އުޑަށް، ﷲ ތަޢާލާ ތަޖައްލީވެވޮޑިގަންނަވާ ވަގުތު ... ފުރަމެންދަމު ... ތަންމައްޗާ ބުރިކަށި ދުރުކޮށްލައި، ނަމާދު ކުރުމާއި ދުޢާ ޒިކުރު ކުރުމުގައި ވަގުތު ހޭދަ ކުރީމުއެވެ. (ނަފުސުގެ ނުބައި އެދުންތައް ހިސާބަކަށް ހުރުމާއެކުވެސް) އަތާއި ދުލާއި ލޮލުން ކުރެވޭ އެކިވަރުގެ ފާފަތައް ނުކޮށް ހިފެހެއްޓީމުއެވެ.

އެހެން މަސްމަހަށް ވުރެ އިތުރަށް، އާއިލާއާ އެކު ގިނަ ވަގުތު ހޭދަކޮށް، އެންމެން އެކުގައި ކައި ބޮއެ އުފާވެރި ވަގުތުތަކެއް ހޭދަކުރީމުއެވެ. އަވަށްޓެރިންނަށް އެތިކޮޅު ދިއްކޮށްލުމާއި، ރޯދަ ވީއްލުމުގައި އެހެންމީހަކު ބައިވެރިކޮށްލުން ފަދަ ކަންކަން ކުރެވޭތޯ ބެލީމުއެވެ. ލިބުނު މިންވަރުން ސަދަގާތް ކޮށް، ރޯދަ މަސް ނިމުމުގެ ކުރީން ފިތުރު ޒަކާތް އަދާކުރުމަށް ސަމާލުކަން ދިނީމުއެވެ. ދީނީ ދަރުސްތައް އަޑުއަހައި، މަންފާހުރި އިލްމުތައް މުތާލިއާ ކުރުމުގައި ވަގުތު ހޭދަކުރީމުއެވެ. ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކޮށް، ﷲ ގެ ފުއްސެވުމާއި ރުއްސެވުމަށް އެދި ތަކުރާރުކޮށް ދުޢާ ކުރީމުއެވެ.

ކުރީގައި ވީގޮތަށް، ރަމަޟާން މަސް ފަހަށް ދިޔަ ވަރަކަށް އަޅުކަމާ ފެޔަށް ހިނގައިދާނެކަމާމެދު ހުޝިޔާރުވީމުއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ނަމޫނާގައި ހިފައި، ފަހު ދިހައިގެ ރޭތަކުގައި އިހުނަށްވުރެ ބޮޑަށް އަޅުކަމުގައި ހީވާގި ވީމުއެވެ. އިތުރު އެކަލޭގެފާނުގެ މި ހަދީސްފުޅުގައިވާ މީހުންގެ ތެރެއިން ވެވޭތޯ ގަދައަޅައި މަސައްކަތް ކުރީމުއެވެ. مَنْ قَامَ رَمَضَانَ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (متفق عليه) "ރަމަޟާން މަހުގެ ރޯދަ، އީމާންކަމާއެކު މާތްﷲ ގެ ހަޒުރަތުން ސަވާބަށް އެދިގެން (އިޚްލާޞްތެރިކަމާއެކު) ހިފައިފިނަމަ، އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައިދެއްވާނެއެވެ."

ބަރަކާތްތެރި މައްސަރު ވަކިވެ ދިއުމުން ދެރަވިޔަސް ... ފުން ނޭވާއެއް ލުމަށްފަހު .... އަޒުމު ވަރުގަދަ ކުރަމާ ހިނގާށެވެ! އަހުރެމެން އަޅުކަން ކުރީ ރަމަޟާން މަހަކަށްނޫނެވެ! މަސްތަކާއި ދުވަސްތަކުގެ ވެރި - ރައްބުލްކާއިނާތު - ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އެކަލާނގެ ރަޙުމަތް އަބަދުވެސް ތަނަވަސްވެގެން ވެއެވެ. ރަމަޟާން މަހުގައި އަހުރެމެން ކުރި ހެޔޮ އަމަލުތައް ހުއްޓައިނުލާ ކުރިއަށް ގެންދާނަމުއެވެ. ރޯދަ މަސް ނިމުމާއެކު، އީމާންކަމުގެ ފޭރާން ބާލާ ބަޔަކަށް ނުވާނަމުއެވެ. އެމީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެން، ﷲ އަށް އަޅުކަން ކުރުމަށް އަންގަވާފައިވާކަން ހަނދާން ބަހައްޓާނަމުއެވެ. (ޙިޖުރު: 99) އަޅަމެން ރަމަޟާން މަހުގައި ކުރި އަޅުކަންތައް ގަބޫލުކުރައްވައި އަދިވެސް އުމުރުގައި، އެ މާތް މައްސަރާ ބައްދަލު ކުރުމުގެ ފުރުސަތު ދެއްވާށިއެވެ. تَقَبَّلَ اللهُ مِنَّا وَمِنْكُمْ صَالِحَ الْأَعْمَالْ وَغَفَرَ اللهُ لَنَا وَلَكُمْ وَكُلُّ عَامٍ وَاَنْتُمْ بِخَيْر

ގުޅޭ ޓެގު
comment ކޮމެންޓް