ރާއްޖެ-ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

ޗައިނާގެ ޚާރިޖީ ވަޒީރާއެކު ފޮރިން މިނިސްޓަރު ޝާހިދު--- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 15 އޭޕްރީލް 1972 ގައެވެ. މި ގުޅުމަށް މި އަހަރު ވަނީ 50 އަހަރު ފުރިފައެވެ.

"ސަން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވަނީ އެހެން ގައުމުތަކަށް ނަމޫނާ ގުޅުމެއް ކަމަށެވެ. ފައިދާކުރަނިވި އެއްބާރުލުމަކާއެކު ދެ ގައުމުން ކުރި 50 އަހަރުގެ ދަތުރުގައި އެތައް ތަރައްގީއެއް ގެނެވިފައިވާ ކަން ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ސްޓޯރީޓެލިން، އޮންލައިން ކުއިޒް، ފޮޓޯގްރަފީ އަދި ކުރެހުމުގެ މުބާރާތްތަކާއި، ތަފާތު ފޯރަމްތަކާއި، ސެމިނާތައް ބާއްވައި، ޒުވާނުންނަށް ޚާއްޞަކޮށްގެން ކަލްޗަރަލް އެކްސްޗޭންޖު ފަދަ 30 ހަރަކާތެއް މިހާރު ރޭވިފައިވާ ކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ސްޓޯރީޓެލިންގައި، މި 50 އަހަރުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، 14 ވާހަކައެއް ނެރުމަށް ވަނީ ނިންމައިފައެވެ.

"ދެ ގައުމުގެ ދެމެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި، ލީޑަރުންގެ ދަތުރުފުޅުތަކުން ފެށިގެން އާދައިގެ ރައްޔިތުންގެ ތަޖުރިބާއާ ހަމައަށް، ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ކަމުގެ ވާހަކަތައް ހިމެނިގެންދާނެ،" ސަފީރު ވިދާޅުވިއެވެ.

އަމާޒަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ވާހަކަތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ވެސް ފޯރުކޮށްދިނުން ކަމުގައި ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ މި ރަންޔޫބީލަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ފަހިވެގެންދާ ފުރުސަތެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

comment ކޮމެންޓް