ދަރަނި ދަންތުރައިގެ ވާހަކައަކީ ހަގީގަތެއް ނެތް ސިޔާސީ ވާހަކައެއް: ޗައިނާ

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލެންސީ ވަން ލިޒިން "ސަން"އަށް އިންޓަވިއު ދެއްވަނީ--

ޗައިނާއިން ނަގާފައި ހުރި ލޯނުތަކަކީ ޖައްސާ "ދަރަނި ދަންތުރަ"އެއް ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ ވާހަކަތަކެއް ކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ކުރީގެ ސަރުކާރުން ޗައިނާގެ ކުންފުނިތަކަށް ދޫކޮށްލެއްވި ބާރުތަކެއްގެ ސަބަބުން، ރާއްޖެއަށް ދަރަނިވެރިވުމުގެ ތަކުލީފާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ދަރަނި ދަންތުރައާއި ބިން ފޭރުމަކީ އަދުގެ ދުނިޔޭގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާ އެކްސެލެންސީ ވަން ލިޒިން "ސަން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަނީ ނަޝީދު ދައްކަވާ "ދަރަނި ދަންތުރަ"އިގެ ވާހަކަތަކަށް ރައްދު ދެއްވަވައިފައެވެ.

ސަފީރު ވަން ލިޒިން ވިދާޅުވީ ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގާ ހުރިހާ ތަރައްގީގެ މަޝްރޫއުތަކުގައި ބިމުގެ މިލްކުވެރިކަން އޮންނަނީ ރާއްޖެއަށް ކަމަށާއި ޗައިނާއިން ރާއްޖޭގެ ބިން ހިސޯރުކޮށްފައިވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ޗައިނާއިން ރާއްޖެއިން އެދުނު ކޮންމެ ފަހަރެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖޭގެ އެދުންތަކަށް އިހުތިރާމްކުރާ ކަމަށެވެ. ހަމައެހެންމެ ލޯނު ދިނުމުގައި ވެސް ރާއްޖޭގެ ދަރަނީގެ ހާލަތާއި ދަރަނި އަނބުރާ ދެއްކުމުގެ ގާބިލްކަމަށް ފުރިހަމައަށް ރިއާޔަތްކުރަމުން އަންނައިރު، އެ ކަމުގައި އަމަލު ކުރަމުން އަންނަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

"ބައެއް މީހުން ބުނޭ ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް އަނބުރާ ފައިސާ ނުދެއްކިއްޖެނަމަ ބަދަލުގެ ގޮތުގައި ރާއްޖޭގެ ބިމާއި ރަށްތައް ދިނުމަށް ޗައިނާއިން ބުނާނޭ. މިއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް. ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ ދެގައުމަށް ފައިދާކުރަނިވި އެއްބަސްވުންތަކެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ޝިންގްހުއާ އޭޖެންސީއަށް މިފަހުން ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވި،" ސަފީރު ވިދާޅުވިއެވެ.

ހަމައެހެންމެ ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ 'ދަރަނި ދަންތުރައެއް' ކަމަށް ދައްކަން ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކަކީ ޗައިނާއާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

"'ދަރަނި ދަންތުރަ'ގެ ވާހަކަތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށާއި ޗައިނާގެ ބެލްޓް ރޯޑް އިނީޝިއޭޓިވްއަށް ބުރޫއަރުވަން ދައްކަމުން އަންނަ އަސްލެއް ނެތް ވާހަކަތަކެއް، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ދެ ގައުމަށް ވެސް ފައިދާހުރި އެއްބާރުލުމަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ގިނަ ފައިދާތަކެއް ވަނީ ކޮށްފައި،" ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެ ޖައްސައިފައިވަނީ "ދަރަނި ދަންތުރަ"އެއްގައި ނޫން ކަން ހުރިހާ ދިވެހިން ވެސް ގަބޫލުކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރާއްޖެއިން ޗައިނާގެ އަތުން ނަގައިފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެއްވެސް އިރެއްގައި ބާރު ނުއެޅުމަށް ޗައިނާގެ މާލީ އިދާރާތަކަށް ޗައިނާ ސަރުކާރުން އަންގައިފައިވާ ކަމަށެވެ.

"ޖީ20ގެ އޮނިގަނޑުގެ ދަށުން، ޗައިނާއިން ވަނީ ރާއްޖެއަށް ދަރަނި ދެއްކުން މަޑުޖައްސާލުމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި، އެކަމަށް ދިވެހި ސަރުކާރުން ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވޭ،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުން ބިނާވެފައި އޮތީ ތަރައްގީގެ މައްޗަށް ކަމަށް ޗައިނާ ގަބޫލުކުރާ ކަމަށާއި ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާއިން ބޮޑެތި އެހީތައް ވެދީފައިވާ ކަމަށެވެ. މިގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، 10،000 ސޯޝަލް ހައުސިން ޔުނިޓުގެ މަސައްކަތާއި، ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތާއި، މި ނޫން ވެސް އެތައް މަޝްރޫއެއްގައި ޗައިނާއިން ރާއްޖެއަށް އެހީތެރިވެދީފައިވާ ކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ބައެއް މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމާއި ބޮޑު ކުރުމާއި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ފާހަގަކުރެއްވިއެވެ.

ސަފީރު ވަން ލިޒިން ދެއްވި އިންޓަވިއުގައި ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރިފައިވާތީ އެކަމަށް ވެސް އިޝާރާތް ކުރައްވައިފައެވެ.

ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ގޮސްފައިވަނީ ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމަށް އިޙްތިރާމްކޮށް، ހަމަހަމަ ކަމާއެކު މުޢާމަލާތުކޮށް، ތެދުވެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ ގައުމުގެ މައިގަނޑު މަޞްލަޙަތުތަކާއި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތަކުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުން މަތީ ދެމި ތިބުމުން ކަމަށެވެ.

"ޗައިނާ-ރާއްޖޭގެ ގުޅުން ވެގެން ގޮސްފައިވަނީ ގައުމުތަކުގެ މެދުގައި ރަޙްމަތްތެރި ކަމުގެ ގުޅުން ތަކާއި، ދެގައުމަށް ފައިދާކުރުވަނިވި އެއްބާރުލުމުގެ ނަމޫނާއަކަށް،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ އެ ގައުމުން ރާއްޖެ ވެސް އަދި އެހެން ގައުމެއްގެ ވެސް ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޗައިނާއިން އަބަދުވެސް ރާއްޖޭގެ ތަރައްގީއާއި އިޖުތިމާއީ ކަންކަމުގައި ނިންނާ ނިންމުންތަކަށް އިޙުތިރާމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

"މި ގުޅުމުގައި ޗައިނާގެ އަމިއްލަ މަސްލަހަތު އިސްނުކުރާނެ، މިހާތަނަށް ކޮށްފައި ވެސް ނުވާނެ، ހަމައެހެންމެ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އެއްވެސް ތިންވަނަ ފަރާތަކަށް އަމާޒު ނުވާނެ، އޭގެ ބަދަލުގައި ޗައިނާ އިން އަބަދުވެސް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް އަންނަނީ އެހީވަމުން،" ސަފީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމަށް، ދެ ގައުމުގެ ލީޑަރުންގެ މަޝްވަރާގެ މަތިން މަސައްކަތް ކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމުގައި ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް