ކުޑަކުއްޖެއް ގައިގައި އަލިފާން ޖައްސާ އަނިޔާކުރި މައްސަލައެއް ބަލަނީ

ކުޑަކުއްޖަކަށް ގޯނާ ކުރާ މަންޒަރު ދައްކުވައިދޭ ޕޯސްޓަރެއް: ރާއްޖޭގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް އަންނަނީ ބަލަމުން ----

ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖައްސައި އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ކ, އއ, އދ އަދި ވ. އަތޮޅު ހިމެނޭ ޑިވިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން އެ ކުއްޖާއަށް އަނިޔާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އަނިޔާ ކޮށްފައިވަނީ އޭނާގެ ބައްޕައެވެ. އެގޮތުން އަލިފާން ޖެއްސުމުގެ އިތުރުން ގައިގައި ތަޅާ އެހެން އަނިޔާތަކެއް ވެސް ވަނީ ދީފައެވެ.

ލިބުނު އަނިޔާތަކަށް އެ ކުއްޖާ ފަރުވާ ހޯދިނަމަވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ތޮއްޑޫން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަނިޔާ ލިބިފައިވަނީ އެ ކުއްޖާގެ އަތަށެވެ. އަދި ބުނީ އެ ކުއްޖާއަށް ލިބިފައިވާ އަނިޔާއަކީ ބިރު ދެއްކުމުގެ ތެރެއިން ލިބިފައި އަނިޔާއެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ކުއްޖާއަށް އަނިޔާ ކޮށްގެން އުޅެނީ އެރަށު އަންހެނަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެއް ކަމަށެވެ.

"މިކަމުގެ ސަބަބުން މުޅި ސޯޝަލް މީޑިއާގައި ވެސް މި އޮތީ ތޮއްޑޫގެ އަގު ވެއްޓިފައި. ނަމަވެސް ތޮއްޑޫ މީހެއް ނޫން އެކަން ކޮށްގެން އުޅެނީކީ. އެއީ އެހެން ރަށަކުން އައިސް މި ރަށުގެ އަންހެނަކާ އިނދެގެން އުޅޭ މީހެއް. އެމީހާ މަތިވެރި މީހަކާ އިނދެގެން ލިބިފައި ތިބި ދެ ކުދިން އެއީ،" ތޮއްޑޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޖެންޑާ މނިސްޓްރީއާ ގުޅިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް