މުއުމިނުންގެ ސިފައަކީ ހެޔޮ އަމަލު ކުރުން މަތީ ދެމިތިބުންކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، 'ހެޔޮކަމުގައި ދެމި ތިބުމުގެ މުހިންމުކަން' މި މައުޟޫއަށް ޚާއްޞަ ކޮށްފިއެވެ.
ޚުޠުބާގައި ބުނީ، ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މިވަނީ ނިމުމަށް އައިސްފައި ކަމަށާއި، މި މައްސަރުގައި އަޅުތަކުން ކުރާ އަމަލުތައް މާތް ﷲގެ ޚަޟްރަތަށް އުފުލޭނެ ކަމަށެވެ.
ރަމަޟާން މަހު ނަމާދުގެ ޖަމާއަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރުއާން ކިޔަވާ، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދިނުމަށްފަހު، ރޯދަ މަސް ނިމުމުން އެ ކަންކަމަށް ފަރުވާ ކުޑަ ކުރާ މީހުން، އެކަމާ ވިސްނަން ޖެހޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
"މިއީ މީހަކު އެތައް ޚަރަދަކާއި، އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު، އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންހެއްޔެވެ؟ އެފަދަ މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހަކީ، އެ މީހުން މުޅި އަހަރުތެރޭގައި ކުރާ ފާފަތައް ފޮހެލުމަށް މާތް ﷲ ދެއްވާފައިވާ ރަނުގެ ފުރުސަތެކެވެ. ރަމަޟާން މަސް ނިމުމުން އަނެއްކާވެސް ކުރީގެ ޙަޔާތަށް އެނބުރި ރުޖޫޢަ ވަނީއެވެ! އެހެން ނަމަވެސް، އެބައިމީހުންގެ އެ ހީކުރުމަކީ، ކުށް ހީއެއް،" ޚުޠުބާގައި ބުންޏެވެ.
ފާފަތަކަކަށް އެނބުރި ދިއުމަށް ގަސްތުކުރާ ހާލުގައި ކުރާ ހެޔޮ އަމަލުތަކުން ކުރާނެ ފައިދާއަކާމެދު ޚުޠުބާގައި ވަނީ ސުވާލު އުފައްދާފައެވެ.
މުސްލިމުން ކުރާ ހެޔޮ އަމަލުތައް މާތް ﷲ ގަބޫލު ކުރެއްވި ކަމުގެ ނިޝާންތަކެއް ވާކަން އިލްމުވެރިން ބަޔާން ކޮށްދެއްވާފައިވާކަމަށް ޚުޠުބާގައި ބުންޏެވެ.
"އެއީ، ހެޔޮ އަމަލުކުރުމަށްފަހު، އެ އަމަލުތައް ދޫކޮށްނުލައި، ފާފަތަކަށް އަރައިނުގަނެ ހުރުން. ކުރެވުނު ހެޔޮ އަމަލަކީ، މާތް ﷲގެ ޙަޟްރަތުގައި މަޤްބޫލު އަމަލަކަށް ނުވެ ހިނގައިދާނެތީ، އެކަމަށް ބިރުވެތިވުން. ހެޔޮ އަމަލު ކުރުމަށްފަހު، ފާފަތަކާ ދުރުހެލިވެ، ހެޔޮ އަމަލު ކުރުން މަތީ ދެމި ހުރުން،" ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ، ކުރެވުނު ހެޔޮ އަމަލާމެދު ބޮޑާވުމުގެ ބަދަލުގައި، އެ އަަމަލުގެ މަދުކަން އިހުސާސް ވުމާއި، ހެޔޮ އަމަލު ކުރުމާއި ޞާލިހުންނަށް ލޯބި ޖެހުމުހެ އިތުރުން ފާފަތަކާއި ފާސިގުންނަށް ނުރުހުންތެރި ވުމަކީ، ކުރެވުނު ހެޔޮ އަމަލުތައް ގަބޫލު ކުރެވުނު ކަމުގެ ނިޝާނެއް ކަމަށެވެ.